އަށް ލައްކަ ފަންސާ ހާސް މީހުންގެ އާބާދިއަކަށް ނިސްބަތްވާ، ދެކުނު ޕެސިފިކް ކަނޑުގައި އޮންނަ ފިޖީ އަކީ މިނިވަން ރައްޔިތެއް މިނިވަންކަމާ އެކު އުޅެމުން އައި ގައުމެކެވެ. ގައުމީ ކަންކަމާއި ތަރައްގީގެ ކަންތައްތަކާއި ގައުމުގެ މުސްތަގުބަލަށް ނިންމަން ޖެހޭ މުހިންމު ނިންމުންތައް އޭރު އެ ގައުމުގެ ރައްޔިތުން ނިންމަމުން އައީ ގައުމީ ލޭ ހަށިގަނޑުގައިވާ އެ ގައުމުގެ ރައްޔިތުންނެވެ. ނަމަވެސް މިހާރު އެ ގައުމަށް ވަނީ އެ މިނިވަންކަން ގެއްލި އަނިޔާގެ ތެރެއަށް ވެއްޓިފަ އެވެ. ފަހުގެ ތާރީހެއްގައި އެ ގައުމުގައި އެތަކެއް "ބަޣާވާތެއް" ކޮށްފައިވާ އިރު މިއަދު އެ ގައުމުގައި ގައުމިއްޔަތެއް ނެތެވެ.

މިނިވަން ފިޖީ އަށް އަޅުވެތިވެ ހަމަނުޖެހުންތައް އުފެދި ނަސްލީ ތަފާތުކުރުން ފަދަ މައްސަލަތައް އިންތިހާ ދަރަޖައަށް ދިޔައީ ކީއްވެބާ އެވެ؟ އިރެއްގައި އެގައުމަށް މަސައްކަތު މީހުންގެ ގޮތުގައި ދިޔަ ފަރާތްތައް މިއަދު އެ ގައުމުގައި ރަސްކަން ކުރުމެވެ. ގައުމަށް ނިސްބަތް ނުވާ އަދި އެ ގައުމަށް ލޯއިބެއް ނެތް ބައެއްގެ އަތް މައްޗަށް ގައުމުގެ ބާރުތައް ދިއުމެވެ.

ދިވެހި ރާއްޖެ އަށް ބަލާއިރު މިއަދު މިރާއްޖެ ތަހައްމަލް ކުރަމުން މި ދަނީ މީގެ ކުރިން ފިޖީ ދެކުނު ބިދޭސީން އިތުރުވުމުގެ ދުވަސްތަކެވެ. ހަގީގަތައް ބުނާ ނަމަ މިއަދު ގައުމުގެ ގިނަ ކަންކަމާއި ހަވާލުވެގެން ތިބީ ބިދޭސީންނެވެ. މާރުކޭޓް އިން މަހެއް ގަންނަން ދިޔަސް ނުވަތަ ލޯކަލް މާރުކޭޓަށް ދިޔަސް ކަންމަތީ ފިހާރައަކަށް ކީކުރަންތޯއޭ، ހޮސްޕިޓަލަކަށް ވަނަސް ސްކޫލަކަށް ވަނަސް އަދި ރާއްޖޭގެ ބޮޑު އޮފީހަކަށް ވަނަސް އެތަންތަނުގައި ރައްޔިތުންނަށް ހިދުމަތްދޭން ތިބީ ބިދޭސީއިންނެވެ.

"މިއަދު މިއޮތް ހާލަތަށް ބަލާ އިރު 2018 ވަނަ އަހަރު ރާއްޖޭގެ އާބާދީއާ ބިދޭސީންގެ އާބާދީ ވެސް އެއްވަރުވާނެ، އަދި 15 ޕަސެންޓް އިތުރުވަމުންދަންޏާ 2020 ވަނަ އަހަރު ރާއްޖޭގެ އާބާދީއާ ބިދޭސީންގެ އާބާދީ އެއްވަރުވާނެ،" އިމިގްރޭޝަންގެ ކޮންޓްރޯލާ ޑރ. މުހަންމަދު އަލީ ވިދާޅުވި އެވެ.

އިމިގްރޭޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ އެކި ވަޒީފާތަކުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު 80،000 އާ ގާތް ކުރެ އެވެ. އަދި މިދިޔަ އަހަރު އެކަނި ވެސް 18050 ބިދޭސީން ރާއްޖެ އަށް ވަޒީފާ އަށް އައިސްފައިވެ އެވެ. ރާއްޖޭގައި އެންމެ ގިނައިން އުޅެނީ ބަގްލަދޭޝް މީހުންގެ ތެރެއިން 69 ޕަސެންޓް މީހުން އުޅެނީ ގަވާއިދާ ހިލާފަށެވެ. އަދި ބާކީ ތިބި އެހެން ގައުމުތަކުގެ މީހުންގެ ތެރެއިން ވެސް 18 ޕަސެންޓް މީހުން އުޅެނީ ގަވައިދާއި ހިލާފަށެވެ. ރާއްޖޭގައި ގަވާއިދާއި ހިލާފަށް 45758 މީހުން އުޅެމުންދެ އެވެ. މިއީ ހަތަރު ލައްކަ ހަމަ ނުވާ މި ރާއްޖެ އަށް އޮތް ބޮޑު ބިރެކެވެ.

ރާއްޖޭގެ ނާޒުކު އިގްތިސާދަށް ބަލާއިރު ބިދޭސީއިންގެ ސަބަބުން ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. ރާއްޖެއަކީ މަދު ދާއިރާތަކަކުން ބޭރު ފައިސާ ލިބޭ އިގްތިސާދެއް ލިބިފައިވާ ގައުމަކަށްވާ އިރު ކޮންމެ މަހަކު އެތައް ބިލިއަން ޑޮލަރެއް މި ގައުމުން ބޭރުކުރާކަމީ އިގްތިސާދު އިނދަޖެހުމުގެ އަސްލެވެ. ތަފާސް ހިސާބްތަކަށް ބަލާއިރު ރާއްޖޭގެ މަސައްކަތް ކުރާ ކޮންމެ ބިދޭސީއަކު މަދުވެގެން މަހަކު 100 ޑޮލަރާއި 200 ޑޮލަރުގެ ނިސްބަތުން އެ މީހުންގެ ގައުމަށް ފައިސާ ބޭރު ކުރަމުންދާ ނަމަ ކުރިޔަށް އޮތް އަށް އަހަރު ދުވަހުގެ ތެރޭގައި 44.6 ބިލިއަން ރުފިޔާ އާއި 89.1 ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއްގެ ފައިސާ ރާއްޖެ އިން ބޭރުވާނެ ކަމަށް ލަފާކުރެވެ އެވެ.

ވަޒީފާއެއް ނެތި 38493 ދިވެހިން ރާއްޖޭގައި ތިބިއިރު ކޮންސްޓްރަކްޝަން ދާއިރާގައި 34260 ބިދޭސީ އިން މަސައްކަތްކުރާ އިރު ޓޫރިޒަމް ދާއިރާގައި 13488 ބިދޭސީއަކު އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި މަސްވެރިކަމުގެ ދާއިރާގައި 1103 ބިދޭސީއަކު އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ހޮޓާ ރެސްޓޯރަންޓް އަދި ކެފޭތަކުގައި 4595 ބިދޭސީއަކު ވަޒީފާ އަދާކުރަމުން އަންނަ އިރު ތައުލީމީ ދާއިރާގައި 2114 މީހަކު މަސައްކަތްކުރެ އެވެ. ފައިނޭންސް ސެކްޓާގައި 6860 ބިދޭސީއަކު އުޅޭ އިރު ކޮމިއުނިޓީ އަދި ސޯޝަލް އެކި ހިދުމަތްތަކުގައި 9949 މީހަކު އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ހިތާމައަކީ މުޅި ރާއްޖޭގައި ވަޒީފާނެތް ދިވެހިންގެ ނިސްބަތް ހުރީ 28.1 ޕަސެންޓްގަ އެވެ. އެއީވެސް ދިވެހިންގެ އަތުން ގައުމުގެ ކޮންޓްރޯލް ގޮސްފައިވާ ކަމުގެ ހެއްކެކެވެ.

ބިދޭސީއިންގެ ފަރާތުން ދިމާވާ އިޖްތިމާއީ މައްސަލަތަކަށް ބަލާއިރު ވެސް ކަންބޮޑުވާން ޖެހޭ ގިނަގުނަ މައްސަލަތަކެއް އެބަ ހުއްޓެވެ. ބަދުއަހުލާގީ އެތައް އަމަލެއް ހިންގުމާއި މާރާމާރީތައް ހިންގުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުން ފަދަ ބޮޑެތި ކުށްތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ބައިވެރިވާކަމީ ނުރައްކާތެރި ކަމެކެވެ. ދާދި ފަހުން ހުޅުމާލޭގައި ހިންގި ރޭޕް ކޭހާއި ދާދި ފަހުން މާލޭގައި ހިންގި މާރާމާރީތަކަށް ބަލާލި ނަމަވެސް އެއީ ބޮޑެތި ހެކިތަކެވެ. އިމިގްރޭޝަނުން ބުނީ ތަފާތު އެކިއެކި ކުށްތަކުގައި މިދިޔަ އަހަރު އެކަނި ވެސް 175 ބިދޭސީއަކު ޑީޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ޖަލުގައި އެތައް ބިދޭސީއިންނެއް ގައިދީންގެ ގޮތުގައި ހުކުމްތަންފީޒު ކުރަނީ އެވެ.

ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވި ގޮތުގައި ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް މިހާރު ވަނީ ގޮސްފަ އެވެ. އަދި ރާއްޖެ އަށް ބިދޭސީން އެތެރެ ކުރުން މަޑުކޮށްލަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ބިދޭސީއިން ގިނަ ވެ، ގިނަ ދާއިރާތައް މިހާރު ވެސް އެބައި މީހުން ކޮންޓްރޯލް ކުރަމުންދާއިރު ރާއްޖޭގެ ސިޔާސީ ކަންތައްތަކަށް އެ މީހުންގެ އަތްތައް ފޯރުވަން ފަށާނެ ކޮޅުމަތި ދަނީ ފެންނަމުންނެވެ. އޭގެ އެއް މިސާލަކީ ގިނަ އަދަދެއްގެ ފައިސާ އެ މީހުން ގެންގުޅުމާއި އެ މީހުން ނިސްބަތްވާ ގައުމުތަކުން ރާއްޖެ އަށް ނުފޫޒް ފޯރުވަން މަސައްކަތް ކުރުމެވެ. އަދި އެންމެ ނުރައްކާތެރި ކަމަކީ ބިދޭސީން ކަންބޮޑުވާ ވަރަށް ދިވެހިންނާއި ކައިވެނި ކުރަމުންދިއުމެވެ. ދައުލަތުން ކަންބޮޑުވާ ވަރަށް ބިދޭސީން ދިވެހިންނާއި ކައިވެނި ކުރަމުންދާއިރު އެއީ އެ މީހުން ޖީލްތައް ބިނާކޮށް މި ގައުމުގެ ދާހިލީ ކަން ކަމަށް އަތް ފޯރުވުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ފިޖީ އަށް ވެސް ވީ އެގޮތަށެވެ.

ދެހާސް އަށާރަ ވަނަ އަހަރު ރާއްޖޭގެ އާބާދީއާ ބިދޭސީންގެ އާބާދީ ވެސް އެއްވަރުވާނެ ކަމަށް ބެލެވޭ އިރު އަދި ރާއްޖޭގެ ގިނަ މުހިންމު އިދާރާތަކެއް އެމީހުންގެ ކޮންޓްރޯލް ކުރާއިރު މިދާގޮތަށްދާ ނަމަ ފިޖީއަށްވީ ގޮތަށް ބިދޭސީން މި ގައުމު ކޮންޓްރޯލް ކުރުމަކީ ދުރު ކަމެއް ނޫނެވެ. ބިދޭސީން ބައިބޯވުމުގެ މައްސަލައަށް މިހާރުން މިހާރަށް ހަރު ކަށި ފިޔަވަޅުތައް ނޭޅޭ ނަމަ މިގައުމު ފިޖީ އަށް ޖެހުނު ދަތުރު ޖެހުމަކީ ދުރުގަ އޮތް ކަމެއް ނޫނެވެ.