(14 އޯގަސްޓްގެ އަދަދާއި ގުޅޭ)

އިޔަން ވިސްނައިލާފައި މައިކަލްއަށް ގުޅަންވެގެން މޯބައިލް ނެގިއެވެ. ޒޯހާ ނަވަލް ބަލައި އައިސްގެން އެގެއަށްވެސް ހިނގައިދާނެއެވެ. ފޯނު ކަންފަތުގައި ޖަހާފައި ދެކޮޅަށް ހިނގަން ފެށިތަނާ މައިކަލް ފޯނު ނެގިއެވެ. މޭޒުމަތީގައި ފަތް ޖަހާލައިފައި އޮތް ކުޑަ ކަރުދާސްކޮޅެއް އިޔަންގެ ލޮލުގައި އަޅައިގަތީ އެހިސާބުންނެވެ. "ހޯލްޑް އޮން...!" މައިކަލް ފޯނު ނަގާފައި ހެލޯއޭ ކިޔަން ފެށުމުން އިޔަންއަށް ބުނެވުނެވެ. އިޔަން ފޯނު ކަންފަތާއި ދުރުކޮށްލާފައި ގޮސް ކަރުދާސްކޮޅު ނަގައި ނިއުޅާލައިފިއެވެ.

"މިސްޑް ޔޫ ދައްތަގެ ފޭވަރިޓް ބޯއި. އެކަމަކު ނޮޓް އެނީ މޯ. ރާއްޖެ މިދަނީ ވަރަށް އަވަހަށް ބައްދަލުވާނެ ކަމުގެ އުންމީދުގައި. އެން ނޯ ވޮރީސް. އައި ވިލް ޓޭކް ގުޑް ކެއަރ އޮފް ޔޯ ގާރލް." ތިރީގައި ނަމެއް އަދި ނެތަސް އެއީ ކާކުގެ ލިއުމެއްކަން އިޔަން ދެނެގެންފިއެވެ. ވަގުތުން އެލޮލަށް ލޭ ކުލަ އަރައި ދަތްކުނޑި ވިކައިލެވިއްޖެއެވެ. "ޒަމީހާ.............!!!" އިޔަން އަޑުގާ ނެތްތަނަށް ހަޅޭއްލަވައިގެންފައި ނޯޓްކޮޅު މުށުތެރޭގައި ބޮނޑިކޮށްލި އެވެ.
*******************

އިރުގެ އޭގެ ފުރަތަމަ ދޯދިތައް ދުނިޔެ މައްޗަށް ފަތުރަމުން މުޅިން އާ ދުވަހަކަށް މަރުހަބާ ކިޔަނީއެވެ. ފަޒާގައި ދައުރު ކުރަމުން ދިޔަ ހެނދުނުގެ އެންމެ ތާޒާ ވައިރޯޅި ތަކާއި ވާދައަށް ދުއްވައިލާފައި އައިސް ބަނދަރު ކޮށްލި ލޯންޗުން އިޔަން ފޭބިއެވެ. ކޮނޑުގައި އަޅުވައިލި ދަބަހާއެކު އެހެން ދުއްވާފައި ދިޔަ ޓެކްސީ އަކަށް އޭނާ ހަނާ އަޅައި މަޑުކުރުވައިފި އެވެ. ގެއަށް ދިއުމުގެ ހިޔާލު އެއް ފަރާތް ކޮށްލައިފައި އިޔަން ދިޔައީ ގެސްޓް ހައުސް އަކަށެވެ. މޫނު ދޮވެލައިގެން ނިކުމެފައި އިޔަން ފުރަތަމަވެސް ގުޅީ ޒަމީހާގެ ނަންބަރަށެވެ. ގުޅާ ގުޅާ ވަރުބަލި ވީއިރު އަދި އެކޮޅުން ޖަވާބެއް ލިބޭ ގޮތެއް ނުވިއެވެ. އިޔަންއަށް އަށް މާ ކުރިންވެސް އެނގެއެވެ. ޒަމީހާ ދިހައެއް ނުޖަހަނީސް އެނދުން ހިއްލައެއް ނުލާނެއެވެ.

ދިހަ ގަޑި ބައިވާން ކައިރިވެފައި ހުއްޓާ މެސެޖެއް އައެވެ. މެސެޖްގައި އޮތީ ރެސްޓޯރެންޓެއްގެ އެޑްރެހާއި ދާން ވީ ގަޑިއެވެ. އެގާރަ ޖަހަން ދިހަ ވަރަކަށް މިނިޓް ހުއްޓައި އިޔަން ޓެކްސީ އަކަށް އަރައިގެން އެތަނަށް ދިޔައެވެ. ހުސް މޭޒެއްގެ ދޮށުގައި އިށީންދެލައިގެން އިންނަތާ އިރުކޮޅެއް ފަހުން ޒަމީހާ ދައްކާލައިފި އެވެ. ގަޔަށްބާރު ޖިންސާއި ކުރުތާގައި ވަދެގެން އައިއިރު ތުންފަތަށްވެސް އަރަނީ އަސުރުމާ ރަތް ކުލައެވެ. "ކޮބާ ޒޯހާ؟" އިޔަން ފުންމައިގެން ތެދުވެފައި ފުރަތަމަވެސް އަހައިލި އެވެ.

"ސޭފް." ޒަމީހާ އިށީންދެފައި މޭޒުމަތީ ބާއްވައިލި ދަބަހުން ލެޕްޓޮޕް ނަގައި ހުޅުވައިލި އެވެ. ޒަމީހާ ހުޅުވައިލި ވީޑިއޯ ފެނިފައި އިޔަންގެ އަތް ދިޔައީ މުށްކެވިގެންނެވެ. އެނދެއްގައި ލޯމެރިފައި އުއްޑުން އޮތީ ޒޯހާއެވެ. "ޑޯން ވޮރީ. އޭނައަށް ކަމެއްވެފައެއް ނޫން އެއޮތީ. ނިދިފައި. އަދި އޭނާގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި ވަރަށް ރަނގަޅު މެއިޑެއް ހުންނާނެ." ޒަމީހާގެ ވާހަކަ އެހިސާބަށް ދިޔައިރަށް ދޮރު ހުޅުވާފައި އަންހެން ކުއްޖަކު ވަނެވެ. އޭނާ އަތުގައި މޭވާ އަޅާފައިވާ ވަށިގަނޑު ގެންގޮސް މޭޒުމަތީ ބަހައްޓާފައި އިށީންދެލީ ކައިރީގައި ހުރި ގޮނޑިއެއްގައެވެ. "މިހާރު ޔަޤީންވެއްޖެ އެއްނު އޭނަގެ ހާލު ރަނގަޅު ކަމާއި މެދު." ޒަމީހާ ލެޕްޓޮޕް ލައްޕާލައިފައި އިޔަން އާއި ކުރިމަތިލިއެވެ.

"ބުނޭ ކޮންކަމެއް ބޭނުން ވަނީ؟" އިޔަންގެ އަލިފާން ކަނި ބުރަމުން ދިޔަ ދެލޯ ޒަމީހާއަށް އަމާޒު ކޮށްލަމުން އެހިއެވެ.

"ތިހެން އެހީމަ ވަރަށް ހައިރާންވެއްޖެ. ޒޯހާ ކިޔައެއް ނުދޭތަ އަހަރެން ބޭނުންވާ ކަންތަކުގެ ވާހަކައެއް؟ ވެލް... އައި ކޭން ރިޕީޓް... އަހަރެން ބޭނުން ވަނީ އިޔަން އަހަރެންގެ ދަރިފުޅާއި ކައިވެނި ކުރަން." ޒަމީހާގެ ވާހަކަ މުޅިން ނުނިމެނީސް އިޔަން މެދުކަނޑައިލި އެވެ. "އަހަރެން ދުވަހަކުވެސް ތިކަމެއް ނުކުރާނަން. އަހަރެން ދެކެނީ މިއާ އެއީ ކޮއްކޮއެއް ގޮތުގައި." އިޔަން ދެކޮޅުހެދިއެވެ. "އެކަމަކު މިއާ ދެކެނީ ތީ ބޭބެއެއްގެ ގޮތުގައެއް ނޫން. މައްސަލައެއް ނެތް. އިޔަން ތިހާ ނުރުހެންޏާ އަހަރެންވެސް ކޮންމެހެން ނޫޅެން ދެމީހުން އުމުރު ދުވަހަށް ތަތް ކުރުވާކަށް. އެކަމަކު އަހަރެން ބޭނުން ކަމެއް ފުރިހަމަ ކޮށްދިނުމަށްޓަކައި އިޔަން ޖެހޭނެ ކުރު މުއްދަތަކަށް މިއާ އެއީ އަންބަކަށް ހަދަން. އަހަރެން ބޭނުން ވަނީ އިޔަން ބައްޕަގެ މުއްސަދިކަން. ހުރިހާ މުދަލެއް. އަންފޯޗިއުނޭޓްލީ އެހުރިހާ އެއްޗެއް ލިބެން އޮތީ އިޔަންއަށް. އެކަމަކު އެކަން ކުރަން އިޔަންގެ ބައްޕަ ހަމަޖައްސައިގެން ހުރި ދުވަހަކީ އިޔަން ކައިވެނި ކުރާ ދުވަސް. އެއީ ކައިވެނީގެ ހަދިޔާގެ ގޮތުގައި އިޔަންގެ ނަމަށް އެހުރިހާ މުދަލާއި ފައިސާއެއް ލިޔެދޭން. ސޯ ހިއަރ އިޒް ދި ޑީލް... އިޔަން މިއާ އާއި ކައިވެނިކޮށްފަ ބައްޕަ މުދާކޮޅު ދިނީމަ އެމުދާކޮޅު އަހަރެންނަށް ލިޔެދޭންވީ. އެހިސާބުން އަހަރެން ޒޯހާ ވެސް ދޫކޮށްލާނަން. އަދި އިޔަން އާއި ޒޯހާ ދުނިޔޭގެ ކޮންމެތާކަށް ދާން ފުރުސަތު ދޭނަން." ޒަމީހާ އެތާހުރި ވާސްއިން މަލެއް ނަގައިގެން އޭގެ ފިޔަތަކާއި ކުޅެމުން އޭނާގެ ރޭވުން ކިޔައިދިނެވެ.

"ދެން އޭރުން މިއާ؟" އިޔަން ކުއްލި އަކަށް ހަތަރުކަޅި ހަމަކޮށްލިއެވެ. "ވަޓް އެބައުޓް ހަރ؟" ޒަމީހާ ފާޑަކަށް ހީލިއެވެ. "މިއާ އަހަރެން ދެކެ ލޯބިވާ ކަމަށްވަންޏާ ކައިވެނި ނުކުރުމަށްވުރެ ހިތް ހަލާކުވާނެ ގޮތަކީ ވަރިކޮށްފަ އެއްލާލުން. ހަމަ އެކައްޗެއްވެސް ހިތަކަށް ނާރާތަ އެކުއްޖާފުޅަށް އެހެން ހަދާކަށް؟" މިއާއަށް ލިބިދާނެ ހިތާމައަކާއި މެދުވެސް އިޔަން ކަންބޮޑުވާ ގޮތްވިއެވެ. އެކަނި އޭނާގެ އުފާވެރިކަން ކުރިއަށް ނެރެގެން ދުނިޔޭގައި އުޅޭނީ ކިހިނެއް ހެއްޔެވެ؟ "އޭނަ އާއިމެދު ނުވިސްނާ އަހަރެން ބުނާ ގޮތަށް ކަންތައް ކުރޭ." ޒަމީހާ ދާންވެގެން ތެދުވެފައި ލެޕްޓޮޕް ދަބަސް ނަގައި ކޮނޑުގައި އަޅުވައިލި އެވެ. "އަދި އެއްވާހަކަ. ބޭސް ފަރުވާގެ ނަމުގައި އަހަރެން ސްޕެންޑް ކުރި ފައިސާގެ ކަންތައް އިޔަންއަށް އެނގޭކަން އަހަރެން ދެނަހުރީން. ހަނދާން ކުރާތި އެވާހަކަ ދޫ މައްޗަށް ގެނަޔަސް ޒޯހާ ދެން ދުނިޔެއަށް ނޭވައެއް ނުލާނެ." ޒަމީހާ އިޔަން ބޭނުން ކުރަން އޮތް ހަމައެކަނި ހަތިޔާރުވެސް ބޭކާރު ކޮށްލައިފައި ނިކުމެގެން ދިޔައެވެ.

އެނބުރި ގޮސް ކޮޓަރީގައި އިޔަން އޮތީ ހިޔާލު ކުރާށެވެ. ޒަމީހާ ބުނާ ގޮތަށް ކަންތައް ނުކޮށް އެހެން ގޮތަކުން އޭނާއަށް ކާމިޔާބު ލިބޭކަށް ހަމަ ނެތް ހެއްޔެވެ؟ މައްސަލައަކީ ޒޯހާ ޒަމީހާގެ އަތްދަށުގައި ވުމެވެ. އެނުބައި އަންހެނާ ޒޯހާ މަރައިލާކަށްވެސް ފަހެއް ނުޖެހޭނެކަން އިޔަންއަށް ޤަބޫލު ކުރެވުނެވެ.

ހަވީރު އެންމެން ގޭގައި ހަމަވާނެ ވަގުތަށް ބަލައި އިޔަން ނައްޓައިލި އެވެ. ޓެކްސީއަށް ފީ ދައްކާފައި ގޭޓުން ވަދެގެން ދިޔައިރު ހިތުގެ ތެޅުން އަވަސް ވިކަން އަމިއްލައަށް ވެސް ގަބޫލު ކުރެވުނެވެ. ދޮރާއި ހަމައަށް ދިޔަތަނާ ޝާފިޔާގެ އަޑު އިވިފައި އިޔަންގެ މެއަށް ފާޑެއްގެ ގޮތެއް ވެލިއެވެ. އެމަންމައަށް އޭނާ ފެނިއްޖެއްޔާ ފުރަތަމަ ވެސް ފަށާނީ ރޯށެވެ. އިޔަންއަށް އެނގެއެވެ. ފިލައިގެން ދިއުމުގެ ކުރީން ހަމައެކަނި މަންމައަށް އިޔަން އެވާހަކަ ކިޔައިދީފައި ވިއަސް އެހެން މީހުންނަށް ވުރެ ބޮޑަށް އޭނާ ނެތްކަން އެމަންމަގެ ހިތަށް އަސަރު ކުރުވާނެއެވެ. ދެއަތް ދެއަތާއި އުނގުޅަމުން އިޔަން ގޭގެ އޮޅި ގިރާކޮށް އެތެރެއަށް ވަނެވެ. ކާކޮޓަރި އާއި ދިމާލުން ބައްޕަގެ އަޑު ކަންފަތުގައި ޖެހުމުން އެތެރެ ހަށީގައި މަޑު ތުރު ތުރެއް އުފެދިއްޖެއެވެ. ބައްޕަ ދެކެ އަދިވެސް އޭނާ ޖެހިލުންވެއެވެ. ވެދިޔަ ހުރިހާ ކަމަކަށްފަހު ކުރިއަށްވުރެވެސް ބޮޑަށެވެ. އެކަމަކު ޒޯހާގެ ފުރާނަ އަށްޓަކައި އެކަމާއިވެސް ކުރިމަތިލާން އެބަޖެހެއެވެ. އެންމެ ގިނައިރު ވާންދެންވެސް ބައްޕައަށް ރުޅިން ހުރެވޭނީ އޭނާ މިއާގެ ކައިވެންޏާއި ގަބޫލު ވާންދެންނެވެ. އެހިސާބުން ކުރީގެ ދިރިއުޅުން އަލުން އަނބުރާ ލިބުނީ އެވެ.

އިޔަން ހިތްވަރު ކޮށްލައިފައި ދޮރުން އެތެރެއަށް ފުރަތަމަ ފިޔަވަޅު އަޅައިލި އެވެ. ކުރިމަތި ވާގޮތަށް ހުރި ގޮނޑީގައި މިއާ އިނދެފައި "އިޔަން" އޭ ކިޔާ ގޮވައިލާފައި ހިމޭންވީ އެވަގުތުއެވެ. އެހެން އެންމެންގެ ނަޒަރު އެމޫނަށް ހުއްޓުނު ފަހުން އިޔަން މަޑު މަޑުން ހިނގާލައިފައި މޭޒު ކައިރިއަށް ދިޔައެވެ. "މަންމާ! ބައްޕާ! އަހަރެން ގެއަށް އައީ މި." އިޔަން ދެފަހަރު ދެމީހުންގެ މޫނަށް ބަލައިލައިފައި ވާހަކަ ދެއްކި އެވެ. ޝާފިޔާ ލޯއްބާއެކު ހިނިތުންވެލައިފައިވެސް ހަމީދު އިނުމުން އިޔަންގެ ކައިރިއަށް ޖެހިލާކަށް ނުކެރުނެވެ. ނަޝީދު އާއި މިއާ ފަދައިން ހިމޭނުން އިން ނަމަވެސް ޒަމީހާގެ ތުންފަތުގައި ވިހަ ހިނިތުންވުމެއް ވިއެވެ. އިރުކޮޅަކުން ހަމީދު އިޔަންއަށް ބަލައިވެސް ނުލައި ދާންވެގެން ތެދުވިއެވެ. "ހެޔޮނުވާނެ ބައްޕާ އަހަންނަށް މާފު ކުރޭ. އަހަރެން ދެން ބައްޕަ ނުރުހޭ ގޮތަށް އެއްވެސް ކަމެއް ނުކުރާނަން. އައި ސުވެއަރ މިއަދުން ފެށިގެން ބައްޕަ ބުނި ކޮންމެ ގޮތަކާއި އަހަރެން ރުހި ޤަބޫލު." އިޔަން ހަމީދުގެ ކުރިމައްޗަށް އަރާފައި އާދޭހާއެކު އެދުނެވެ. އިޔަންގެ މޫނަށް ބަލައިލަން ހަމީދުއަށް މަޖުބޫރުވީ ދެނެވެ. ހަތަރުކަޅި ހަމަވުމުން އިޔަންގެ ފެންކަޅި ވެފައިވާ ލޮލާއި މޫނުގައި ވި އާދޭސް އެއީ ތެދު ބަސްތަކެއް ކަމުގައި ޔަޤީން ކޮށްދިނެވެ.

"ކުށް ކުރެވޭނީ އިންސާނުންނަށް ބައްޕާ. ޚުދު އަހަރެންނަކީ ވެސް އިންސާނަކަށް ވީތީ ކުށެއް ކުރެވުނީ. އެކަމަކު މިހާރު އަހަރެންނަށް ވިސްނިއްޖެ. އޭގެ ސަޒާވެސް ލިބިއްޖެ. މިއަދު އަހަރެން ބޭނުމީ އަނެއްކާވެސް އަހަރެންގެ އާއިލާ. އަހަރެންގެ މަންމަ އާއި ބައްޕަގެ ގާތުގައި ވާން. ހަމަ އެންމެ ފަހަރަކު ފިނި ހިތަކުން ވިސްނައިލާ ބައްޕާ. ބައްޕަގެ ދަރިއަކަށް އަހަރެން ވީތީ އަހަރެންނަށް މަޢާފު ކޮށްދީ." އިޔަން ދެއަތް ޖޯޑުކޮށްލައިގެން ހުރެފައި އިސްޖަހައިލި އެވެ. ކުޑައިރުކޮޅަކުން ބައްޕަ އޭނާގެ ކޮނޑުގައި އަތް ބާއްވައިލުމުން ސިހިގެން ގޮއްސައި އިސް އުފުލައިލި އިރު ހުރީ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރި ކުރުވައިގެންނެވެ.

"މަރުހަބާ ދަރިފުޅާ!" ހަމީދު އިޔަންގެ ކޮނޑަށް ފިތާލައިފައި ނިކުންނަން ދިޔައެވެ. އިޔަން ހަމަޖެހުމުގެ ނޭވައެއް ލާފައި ޝާފިޔާ އިޝާރާތް ކޮށްލުމުން ގޮސް ހުސް ގޮނޑިއެއްގައި އިށީނެވެ. "ވަރަށް އުފާވެއްޖެ އިޔަންގެ ތިގޮތަށް ނިންމީމަ. އަދިވެސް އެއްފަހަރު މަރުހަބާ." ނަޝީދުވެސް ނިމިގެން ދިއުމުގެ ކުރީން ބުނެލިއެވެ. ޝާފިޔާ ކޮފީއެއް ހަދައި ދިނުމުން އިޔަން އެތިފޮދެއް ރަހަ ބަލާލައިފައި މިއާ މަތިން ހަނދާންވެގެން ބަލައިލި އެވެ. މިއާ އިސްޖަހައިގެން އިނދެފައި ކުއްލިއަކަށް ތެދުވެގެން ދިޔައީ އަނގައިންވެސް ނުބުނެއެވެ. "މިއާގެ ހާލު ރަނގަޅުތަ؟" އިޔަންއަށް އަހައިލެވުނެވެ. "ހޮސްޕިޓަލުގައި މާ ބުރަކޮށް އުޅެފަ އައީމަ ވަރުބަލި ވީ ކަންނޭނގެ." ޝާފިޔާ ވާހަކަ ހަމަޖައްސައިލި އެވެ.

"އިޔަން! ސާބަސް ދޭވަރު ވޭ. ކޮންފަދަ ފުރިހަމަ ޕަރފޯމެންސެއް." ޝާފިޔާ ނިކުމެފައި ދެމީހުން އެކަނިވުމުން ޒަމީހާ ބުނެލިއެވެ. "އެއީ ޕަރފޯމެންސެއް ނޫން. އަހަރެން ހިތާމަ ކުރަން ބައްޕަމެނަށް އެވަރުގެ ކެއްސެއް ދޭން ޖެހުނީމަ." އިޔަން ހާމަ ކުރީ ހަޤީޤަތެވެ. އެންމެ ދެރަވަނީ އެވަރަކުން މަޢާފު ހޯދަން އެހުރިހާ އެއްޗެއް ކިޔާފައި އަނެއްކާވެސް ހަމަ މާޒީ ތަކުރާރު ކޮށްފައި ދާން ޖެހޭނެތީއެވެ. ބައްޕަ ޒޯހާ އާއި ގަބޫލު ވާނެ ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟ އެކަމަކު ބައްޕައަކީ ބުނެފި ބަހެއްގައި ހިފަހައްޓާ މީހެކެވެ. އޭނާ ކައިވެނި ކުރަން މިއާ ހަމަޖެއްސި ކަމުގައި ވާނަ މިއާ ދުނިޔޭގައި ހުއްޓާ އިތުރު އަންހެން ކުއްޖަކާ ބައްޕަ ނުރުހޭނެއެވެ.

އިޔަން ހުރިހާ ކަމެއްވެސް ކުރަން ހިޔާލު ކުރީ ވިސްނުންތެރި ކަމާއި އެކުގައެވެ. ހަމަ ޓަސްލާފައި މިއާގެ ކައިވެންޏާއި ގަބޫލު ކަން ފާޅު ކުރާކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ. އަވަސް އަރުވާލައިފިއްޔާ ބައްޕައަށް ޝައްކު ވެދާނެއެވެ. އެކަމަކު ޒޯހާގެ މަތިން ހަނދާން ވާއިރަށް އޭނާ ހިތަށް އަރަނީ ދުވަސްތައް ކުރިއަށް އޮޅައި ލެވޭނެ ނަމައެވެ.

ކޮޓަރިއަށް އިޔަން ވަންއިރު ހުރިހާ އެއްޗެއް ހުރީ އޭނާ ދޫކޮށްފައި ދިޔަ ގޮތަށެވެ. އެއްވެސް ބަދަލެއް އައިއްސައެއް ނެތެވެ. އިޔަން ގޮސް އެނދަށް ވެއްޓިގަނެގެން އިރުގަނޑެއް ވާންދެން އޮވެފައި ބެލްކަންޏަށް ނިކުމެލިއެވެ. އެއީ ޖެހި ޖެހިގެން ހުރި ތިން ކޮޓަރިންވެސް ނިކުމެވޭ ގޮތަށް އެކީ އެކައްޗަށް ހަދާފައިވާ ތަނަވަސް ބެލްކަންޏެކެވެ. ގަސްމުށި ތަކުގައި ހެދިފައިވާ މާމެލާމެއްޔަށް ބަލައިލުމުންވެސް ޒޯހާގެ ހަނދާންތަކެވެ. އިޔަންގެ ހިތަށް އުދަނގޫވެ މޭގައި ފިރުމާލެވުނެވެ. ޒޯހާ އޭނާގެ ފުރާނަ އަށްޓަކައި އަށް އަހަރު ޤުރުބާން ކުރިއިރު އޭނާއަށްވެސް ވާނެއެވެ. ޒޯހާ އަށްޓަކައި އޭނާ މިއާގެ ފިރިއަކަށް ވާނެއެވެ. އިޔަން ގޮސް ރެއިލިންގައި ދެއަތް އަޅުވައިލާފައި އަނެއް ފަރާތުން މީހެއްގެ ހިލަމެއް ވީހެން ހީވެގެން ބަލައިލެވުނެވެ. މިއާ ފޯނެއްގައި ހުރެގެން ބެލްކަންޏަށް ނިކުމެފައި އޭނާ ފެނިގެން ކުއްލިއަކަށް އެތެރެއަށް ދެމިގަތެވެ. ބަލަހައްޓައިގެން އިރުކޮޅަކު އޭނާ ހުއްޓެވެ. އެއަށްފަހު ލަސް ފިޔަވަޅު ތަކެއްގައި އެދިމާއަށް ދާން ފެށިއެވެ. ކިތަންމެ ބުންޏަސް މިއާ އެއީ އޭނާގެ އެންމެ ގާތް އެކަކެވެ. އެހާ ދުވަސް ފަހުން ބައްދަލު ވުމުންވެސް އަނގައިން ނުބުނެ ހުންނަން ވީ ހެއްޔެވެ؟

"މިއާ! މި ދޮރު ހުޅުވައިލަބަލަ!" އިޔަން ދޮރުފަތުގައި ޓަކި ޖަހާލައިފައި ގޮވައިލި އެވެ. "ގަބޫލު ކުރަން އަހަރެން. ރުޅި އައުމުގެ ހުރިހާ ހައްޤެއް މިއާއަށް އެބައޮތް. އެގޮތަށް އަންގާނުލައި ފުރައިގެން ދިއުމުގެ އެއްވެސް ހައްޤެއް އަހަރެންނަކަށް ނޯންނާނެ. އެކަމަކު ދެން އަހަރެންނަށް އެކަން ކަން ބަދަލެއް ނުކުރެވޭނެ މިއާ. ހަމައެކަނި ބުނެވޭނީ ސޮރީއޭ. އަހަންނަށް މާފުކޮށްދޭށޭ." އިޔަންގެ ވާހަކަތައް ނިމުނުތަނާ މިއާ ކުއްލި އަކަށް ދޮރު ހުޅުވައިލި އެވެ. އެވަގުތު މިއާގެ ބޮޑު ދެލޮލުން ކޯތާފަތް މައްޗަށް ފައިބަމުން ދިޔަ ކަރުނަތައް ފެނިފައި އިޔަންއަށް ލިބުނީ ކުއްލި ސިހުމެކެވެ. އެމޫނުގައި ވި ވޭނަކުން އިޔަންގެ ހިތަށް އަސަރު ކޮށްލައިފިއެވެ. "އެމީހުން ބުނީ އިޔަން އެހެން ގާރލްއެއް ގޮވައިގެން ފިލީއޭ. އިޔަން ލޯބިވަނީ އެހެން ކުއްޖަކު ދެކެއޭ. އެއީ ތެދެއްތަ؟" މިއާ ކަރުނުން ފުރިފައިވާ ލޯ ހުއްޓާލައިގެން ސުވާލު ކޮށްލުމުން އިޔަން ޖަވާބު ދޭން ފަސްޖެހޭ ގޮތްވިއެވެ. "ޖަވާބު ލިބިއްޖެ." އިޔަންއަށް އަނގައިން ނުބުނެވިގެން ތުންފަތުގައި ދަތް އަޅައިލިތަން ފެނިގެން މިއާ ބުނެލިއެވެ. ދެވަނަ ސިކުންތުގައި ބާރު ބާރަށް ދޮރު ޖަހާފައި ގޮސް ރޯން ފެށި އަޑު އިވުނެވެ. ކައިވެނި ކުރަން އަދި ރޭވިފައި އޮތަސް ދޮގު އުންމީދު ތަކެއް ދޭކަށް އިޔަން ނޭދެއެވެ. އެއީ ދޮގެއް ކަމުގައި ބުނެފިނަމަ ކައިވެނީގެ ފަހުން މިއާގެ އޭނާގެ ފަރާތުން އުންމީދު ކުރާނީ މުޅިން އެހެން ކަންތައް ތަކަކަށެވެ. އަދި އެކަންތައްތަކަކީ ހަމައެކަނި ޒޯހާ އަށްޓަކައި އޭނާ ކޮށްދޭނެ ކަންތައް ތަކެވެ. މިއާއަށް އެފުރުސަތު ދުވަހަކުވެސް ނުދެވޭނެއެވެ.

އިޔަން އެނބުރި އައިސް ގޭގައި އުޅެން ފެށި ފަހުން އެއީ ހަފްތާއެއް ވީ ދުވަހެވެ. ހެނދުނުއްސުރެ ފުރުސަތަކަށް ބަލަ ބަލައި އިނދެފައި ހަވީރު އެންމެން ސައިބޯން މޭޒު ދޮށަށް ހާޟިރު ވި ގަޑިއަށް އިޔަން ތައްޔާރު ވިއެވެ. އެންމެ ފަހުން ވަން މިއާ ނަރުސް ޔުނީފޯމް ބަދަލުވެސް ނުކޮށް އައިސް އަތް ދަބަހުން ސިޓީ އުރައެއް ނަގާފައި އިޔަންއަށް ދިއްކޮށްލުމުން އެންމެންގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. "ހޮސްޕިޓަލުން ޖޮބް ލިބުނީ." އިޔަން ސިޓީ ކަނޑާފައި އިރުކޮޅަކުން ބުނެލިއެވެ. އެއީވެސް އޭނާ އެހެން މީހުންގެ ލޮލުގައި އެޅުވި އަދުނެކެވެ. އެނބުރި ދާން ހިޔާލު ނުކުރާކަން އެހެން މީހުންނަށް ދައްކަން ވެގެން ކުޅެލި ޑްރާމާއެކެވެ. "ކުރިންވެސް ހަމަޖެހިފައޭ ޖޮބް އޮތީ. އެހެންވެ އެހާ ފަސޭހައިން އޯކޭ އެވީ." ނަޝީދު އުފާވެފައި ވާހަކަދެއްކިއެވެ. "މި އުފާވެރި މާހައުލުގެ އުފާވެރިކަން އިތުރު ކޮށްލުމަށްޓަކައި އަހަރެންވެސް ކޮންމެހެން ބުނެލަން ޖެހޭ ވާހަކައެއް އެބައޮތް." އިޔަން ފެށިއެވެ. ބޭނުން ވިގޮތަށް އެންމެންގެ ނަޒަރު ހުއްޓުނީ އޭނާ އަށެވެ. މިއާވެސް ދާން ނޫޅެ ޔުނީފޯމާއެކު ސައިބޯން އިށީންދެއްޖެއެވެ. "އަހަރެން ނިންމައިފިން މިއާ އާއި ކައިވެނި ކުރަން." އިޔަން އިއްވައިލި އެވެ.
(ނުނިމޭ)