ދުނިޔޭގެ އެކިކަންކޮޅުތަކުން އެތައް މިލިއަން މުސްލިމުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އަރަފާތު ބިމަށް ޖަމާވެއްޖެ އެވެ.


ހައްޖުގެ މަތިވެރި އަޅުކަމުގައި މިފަހަރު އަރަފާތު ބިމަށް 2.5 މިލިއަން މީހުން ޖަމާވާނެ ކަމަށް ލަފާކުރެވެ އެވެ. ހައްޖުގެ އަޅުކަމަކީ، ދުނިޔޭގެ އެކި ހިސާބުތަކުން އެކި ނަސްލުތަކުން، އެންމެ ގިނަ އަދަދެއްގެ ބަޔަކު އަޅުކަމެއް އަދާކުރުމަށްޓަކައި އެއް ތަނަކަށް އެއްވާ ހަމައެކަނި އަޅުކަމެވެ.


ރާއްޖެ އިން މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް، އަށް ޖަމާއަތެއްގެ ފަރާތުން 1402 މީހުން ވަނީ މައްކާ އަށް ގޮސްފަ އެވެ.  


ދިވެހި ޙާޖީންގެ އަމީރުލްޙައްޖު އަދި މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީއާ ހަވާލާދީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނަނީ، ހުރިހާ ދިވެހި ހައްޖާޖީންގެ ހާލު ވެސް ރަނގަޅު ކަމަށާއި އެ އެންމެން ވަނީ މިއަދު ހެނދުނު އަރަފާތަށް ގޮސްފައި ކަމަށެވެ.


ހައްޖުގެ އަޅުކަން އަދާކުރުމަށްދާ މީހުން އަރަފާތަށް ޖަމާވާއިރު، ފިތި ބާރުބޮޑުވުމުގެ މައްސަލަ އަބަދުވެސް ކުރިމަތިވަމުން ދެ އެވެ. އެހެންކަމުން، އެ މައްސަލަ އަށް ލުޔެއް ހޯދައިދިނުމަށްޓަކައި ސައުދީ ސަރުކާރުން ވަނީ މިނާ އާއި އަރަފާތު އަދި މުޒުދަލިފާ އާ ދެމެދު ދަތުރުކުރެވޭނެ އާ ރެއިލްވޭ ނިޒާމެއް ގާއިމްކޮށްފަ އެވެ. ނަމަވެސް، ފުރަތަމަ ފިޔަވަހީގައި މި ރެއިލްވޭ އިން ދަތުރުކުރުމަށް ހުޅުވާލާފައި ވަނީ ހަމައެކަނި ސައުދީ ރައްޔިތުންނަށާއި ގަލްފް ގައުމުތަކުގެ ހައްޖާޖީންނަށެވެ.


މި ރެއިލްވޭ ނިޒާމްގެ ސަބަބުން މީހުން އުފުލުމަށް ބޭނުންކުރާ 4000 އެއްހާ ބަސް މިހާރު ބޭނުންކުރަން ނުޖެހޭ ކަމަށް ކަމަށް ސައުދީ އޮފިޝަލުން ބުނެ އެވެ.