ޓީވީ މޯލްޑިވްސްގެ "ސިޔާސަތު" ޕްރޮގްރާމްގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމާ ދޭތެރޭ އަމަލުކޮށްފައި ވަނީ އިހާނެތިކޮށް ކަމަށާއި އެ ސަބަބާ ހުރެ ޓީވީ މޯލްޑިވްސް ބޮއިކަޓް ކުރަން ޖެހިދާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

މިއަދު ހަވީރު ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްކޮންފަރެންސެއްގައި އެ ޕާޓީގެ ނާއިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވީ އެ ޕާޓީގެ ލީޑަރު އިއްޔެ ރޭ ޓީވީއެމްގެ ލައިވް ޕްރޮގްރާމަކަށް ގެންދެވުމަށް ފަހު އަމަލު ކުރީ ވަރަށް ދަށުދަރަޖާގައި ކަމަށާއި އަދި ވަރަށް ޒާތީކޮށް ކަމަށެވެ.

އޭނާ ވިދާޅުވީ ޓީވީއެމުން އެކަންކޮށްފައި ވަނީ ގަސްތުގައި އެ ޕާޓީގެ ލީޑަރުގެ "ކަތިލުމަށް" އަދި "ސިސްޓަމެޓިކް ރޭވުމެއްގެ ދަށުން މީހާއާ ދިމާކުރުމުގެ ގޮތުން ކުރި ކަމެއް" ކަމަށެވެ.

އިލްހާމް ވިދާޅުވީ އޭނާ އަކީ ވެސް ނޫސްވެރިއެއްގެ ގޮތުގައި ނޫނަސް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޓީވީ މޯލްޑިވްސްގައި މަސައްކަތް ކުރެއްވި އެ ދާއިރާގެ އިލްމު ކޮންމެ ވެސް ވަރަކަށް ކިޔަވައިގެން ހުންނެވި ބޭފުޅެއް ކަމަށާއި އެ ރޭ ޓީވީ އެމުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ދޭތެރޭ އަމަލު ކުރީ "އިންސާނުންތަކެއް ކަތިލުމަށް ކަންތައްތަކެއް ކުރާ އުސޫލުން" ކަމަށެވެ.

އެ ނޫސްކޮންފަރެންސުގައި ގާސިމްގެ ތަރުޖަމާނު އިބްރާހީމް ހަލީލު ވެސް ވިދާޅުވީ އެ ރޭ ޓީވީއެމް މަސައްކަތް ކުރީ ގާސިމާ ޒާތީ ގޮތުން ޖައްސާލައި އެ މަނިކުފާނަށް އޮޅިގެން ވެސް ކުރެވުނު "އޮޑް" ކަންކަން ދެއްކުމަށް ކަމަށެވެ.

ހަލީލު ވިދާޅުވީ އެ ޕްރޮގްރާމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު އެރުވި އިރު އެ މަނިކުފާނަށް ފެންތަށިކޮޅެއް ވެސް ނުދެއްވާ ކަމަށާއި ފެންތަށިކޮޅަކަށް އެދިވަޑައިގަތުމުން "ފެން ތަށި ގެނެސްދިން މީހާ އާއި ފެން ތަށި ހިއްޕެވިތަން ވެސް ޓީވީން ދެއްކި" ކަމަށެވެ.

އޭނާ ވިދާޅުވީ އޭނާ އަކީ ވެސް އެތައް ދުވަހަކު ޓީވީއެމްގަ އާއި އަދި މީޑިއާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅަކަށްވާތީ އެކަން އެ ކުރީ ރަނގަޅަށް ނޫން ކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ހަތަރު ފަސް ކެމެރާ އިން ރެކޯޑް ކުރާ އިރު ގަސްތުގައި ނޫނީ އެފަދަ ކަންކަން ކުރަން ނުޖެހޭ ކަމަށެވެ.

އިލްހާމް ވިދާޅުވީ އެބޭފުޅުންގެ ވިސްނުމުގައި ޓީވީއެމް ބޮއިކަޓް ކުރެއްވުމުގެ ވިސްނުމެއް ހުއްޓަސް އެކާ މެދު ގޮތެއް ނިންމަވާނީ ޖުމްހޫރީ ގުޅުމުގެ ކޯލިޝަންގެ ބޭފުޅުންގެ ތެރޭގައި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.