17 Aug 2013, 21:36
ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ގެދޮރު އިމާރާތްކުރަން ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ލޯނު ދޫކުރަން ނިންމައިފި އެވެ.
އެ ކުންފުނިން ބުނީ އެޗްޑީއެފްސީގެ ސެލެރީ ޑިޑަކްޝަން ސުކީމުގެ ނަމުގައި ހިންގާ ލޯނު ޕްރޮގްރާމްގެ ދަށުން ލޯނު ދޫކުރަނީ 11.50 ޕަސެންޓް އިންޓަރެސްޓް ރޭޓުގައި ދިގުވެގެން 25 އަހަރަށް ކަމަށެވެ. އަދި އެ ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ގެދޮރު އިމާރާތްކުރުމަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
"މިގޮތުން ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ކޮންމެ މަހަކު ލޯނަށް ދައްކަވަން ޖެހޭ ފައިސާ އެ މުވައްޒަފެއްގެ މަހު މުސާރަ އިން އުނިކޮށް، ކެނޑޭގޮތަށް ލޯނަށް ފައިސާ ދެއްކުމުގެ ނިޒާމެއް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދެންނެވުމުގެ ދަށުން މިހާރު ވެސް ވަނީ ގާއިމުކުރެވި، ޝައުގުވެރިވާ މުވައްޒަފުންނަށް އެމުވައްޒަފަކު ވަޒީފާ އަދާކުރާ ސަރުކާރުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނި މެދުވެރިކޮށް ހަމަޖައްސައިދެމުން،" އެޗްޑީއެފްސީން ބުންޏެވެ.
އެ ކުންފުނިން ބުނީ އޭގެ އިތުރުން، ގިނަ ރައްޔިތުންތަކަކަށް އެ ސުކީމުގެ މަންފާ ފޯރުވައިދިނުމަށާއި އަދި ސުކީމް އިތުރަށް ފުޅާކޮށް އަމިއްލަ ކުންފުނިތަކަށް ވެސް އެ ފުރުސަތުގައި ބައިވެރިވުމުގެ މަގު ތަނަވަސް ކުރުމުގެ މަގުސަދުގައި މިހާރު ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެ ސުކީމުގައި މުވައްޒަފުން ބައިވެރިކުރުމަށް ޝައުގުވެރިވާ އަމިއްލަ ކުންފުނިތަކުން އެ ކުންފުނީގެ ވެބްސައިޓްގައިވާ "ސެލަރީބެނެފިޓް އެޕްލިކޭޝަން ފޯމު" ފުރުމަށް ފަހު އެ ކުންފުންޏަށް ހުށަހެޅުއްވުމަށް އެޗްޑީއެފްސީން ވަނީ އެދިފަ އެވެ.