17 Aug 2013, 19:50
ފީއަލި އެކުވެރި ޒުވާނުންގެ ގުޅުން ޖެހިޖެހިގެން ދެވަނަ ފަހަރަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ހެންވޭރު ދަނޑުގައި މިއަދު ކުޅުނު ބަށި މުބާރާތުގެ ފޯރިގަދަ ފައިނަލްގައި މައްޗަންގޯޅީ ވިދުވަރު ޓީމާ ވާދަކޮށް، ނޭޝަނަލް ސްޕޯޓްސް އެކަޑަމީން ހުށަހަޅާފައިވާ އަލް މަރްހޫމް ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުންގެ މިލްކުވާ ތަށި އުފުލައިލީ ހަތް ލަނޑުގެ ތަފާތުންނެވެ. ވިދުވަރު ޓީމް ކުޅެން ހަމަޖެހިފައިވާ ވަގުތު ހަމަވީ އިރު އެޓީމަށް ހެދިފައިވަނީ، 29 ލަނޑު 11 ފޯއްޔެވެ. ފީއަލި މެޗު ކާމިޔާބުކުރީ ކުޅެން އަރައި އެޓީމުގެ ވަގުތު ހަމަވީއިރު 36 ލަނޑު 2 ފޯލި ހަދައިގެންނެވެ.
ފައިނަލް މެޗުގައި އެންމެ ގިނަ ފޯލި ސައިކުރީ ފީއަލި ޓީމުގެ ސިހާމާ އަބްދުއްރަޝީދު އެވެ. އޭނާ 120 ފޯލި ސައިކުރިއެވެ. އެމެޗުގައި އެންމެ ގިނަ ފޯލި ހިފީ ފީއަލި ޓީމުގެ ފާތިމަތު އަރޫސާ އެވެ. ފައިނަލް މެޗުގައި އަރޫސާ ވަނީ 12 ފޯލި ހިފާފަ އެވެ.
މުބާރާތުގެ ވަނަވަނަ އަށް އައި ފަރާތްތަކަށް އިނާމްތައް ބައްސަވައިދެއްވީ މުބާރާތުގެ ޝަރަފްވެރި މެހެމާން ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްއާއި ޖެންޑާ މިނިސްޓަރު ޑރ. އާމާލް އަލީއާއި، ކުރީގެ ކުޅިވަރާބެހޭ ވަޒީރު އުމަރު ޒާހިރާއި، އޮލިމްޕިކް ކޮމެޓީގެ ކުރީގެ ރައީސް ޒާހިރު ނަސީރުއާއި އެސްޓީއޯގެ މެނޭޖަރު ސޭލްސް އެންޑް މާކެޓިން އާދަމް އާޒިމް އާއި މޯލްޑިވިއަންގެ އެސިސްޓެންޓް ޑިރެކްޓަރު އިބްރާހީމް ޝަފީގް އެވެ.
އެސްޓީއޯ ބަށި މުބާރާތުގެ ޗެމްޕިއަން ފީއަލި ބަށިޓީމަށް 100،000ރ. ގެ ފައިސާގެ އިނާމް ލިބިފައިވާއިރު މުބާރާތުގެ ރަނަރަޕް މައްޗަންގޯޅީ ވިދުވަރު ޓީމަށް 50،000ރ. ފައިސާގެ އިނާމް ލިބިފައިވެ އެވެ. މުބާރާތުގެ ތިންވަނަ ހޯދި ކާމިނީ ސްޕޯޓްސްއަށް 25،000ރ. ގެ ފައިސާގެ އިނާމް ލިބުނު އިރު 10،000ރ.ގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ ފެއަޕްލޭގެ މަގާމަށް ހޮވުނީ ގަލޮޅު ގުލްޒާރު އެވެ.
ފިތުރު އީދާ ގުޅުވައިގެން އެސްޓީއޯއިން ބޭއްވި އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް ބަށިމުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔާ (ބަށި ރާނީ)ގެ މަގާމް ހޯދައިގެން މޯލްޑިވިއަންގެ ފަރާތުން ޗެންނާއީއަށް ދެކޮޅު ޓިކެޓާއި އެސްޓީއޯއިން ހުށަހެޅި 3،500ރ. ގެ ފައިސާގެ އިނާމް ލިބުނީ ލ. ގަން، ތުނޑީ އަވަށު ކާމިނީ ސްޕޯޓްސްގެ އައިޝަތު ލުބްނާ އަށެވެ. ލުބްނާ އެމާގާމަށް ހޮވުނީ ހުރީހާ މެޗަކުން ޖުމުލަ 733 ޕޮއިންޓް ލިބިގެންނެވެ.
މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ، މައްޗަންގޯޅީ ވިދުވަރު ޓީމުގެ ހަލީމަތު ސަމާ އެވެ. ސަމާ އެމާގާމަށް ހޮވުނީ ހުރީހާ މެޗަކުން ޖުމުލަ 715 ޕޮއިން ލިބިގެންނެވެ.
މުބާރާތުގައި އެންމެ ގިނަ ފޯލި ހިފި ކުޅުންތެރިޔާގެ މަގާމް ވިދުވަރު ޓީމުގެ އައިޝަތު ފިރާށާ އެވެ. ފިރާޝާ ވަނީ ކުޅުނު ހުރިހާ މެޗަކުން ޖުމުލަ 86 ފޯލި ހިފާފަ އެވެ. ކުޅުނު ހުރިހާ މެޗަކުން ޖުމުލަ 575 ފޯލި ސައިކޮށްގެން މުބާރާތުގައި އެންމެ ގިނަ ފޯލި ސައިކުރި ކުޅުންތެރިޔާގެ މަގާމް ހޯދީ ވިދުވަރު ޓީމުގެ އައިޝަތު ނަސީރާ އެވެ.
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތް ބާއްވާ މިއީ ދެވަނަ ފަހަރެވެ. މިދިޔަ އަހަރުވެސް ފީއަލި ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މައްޗަންގޯޅީ ވިދުވަރު ޓީމާ ވާދަކޮށްގެންނެވެ.
މިއަހަރުގެ މުބާރާތުގައި ޖުމުލަ 19 ޓީމަކުން ވާދަކޮށްފައިވާއިރު އޭގެތެރޭގައި އަތޮޅު ތަކުން ނުވަ ޓީމަކާއި މާލެއިން 10 ޓީމެއް ވައިވެރިވެފައިވެ އެވެ.