މާލޭގެ ދެ ސަރަހައްދެއްގައި އިންޑިއާގެ ޓާޓާ ހައުސިން އިން އައިމާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އަޅަން ފަށާފައިވާ ފްލެޓްތަކުގެ މަސައްކަތް ކުރިޔަށް ގެންދަން ދިމާވެފައިވާ މައްސަލަތައް ހައްލުނުވެ ދިގުލާ ނަމަ ހުއްޓާލަން ޖެހިދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އަމީނީމަގު ގާކޮށި ސަރަހައްދާއި މަޖީދީމަގު އަރަބިއްޔާ ސްކޫލް ކުރިން ހުރި ތަނުގައި އަޅަން ފަށާފައިވާ ގާތްގަނޑަކަށް 18 މިލިއަން ޑޮލަރުގެ މަސައްކަތަށް ތަފާތު ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ.

ސަން އާ ވާހަކަ ދައްކަވަމުން އައިމާގެ ޑިރެކްޓަރު މުހައްމަދު އަބްދުލް އަޒީޒް މިއަދު ވިދާޅުވީ އެންމެ ބޮޑު މައްސަލައަކީ އެއްބަސްވެފައިވާ ގޮތަށް ޑޮލަރުން ޕޭމަންޓް ނުލިބުން ކަމަށެވެ.

"އެ މަސައްކަތުގެ ކޮންޓްރެކްޓްގައި އަޅުގަނޑުމެން 2011 ވަނަ އަހަރު ސޮއިކުރި އިރު ޑޮލަރު ހުރި ރޭޓަކީ 12.85ރ. ނަމަވެސް އޭގެ ފަހުން އޭޕްރިލް ހާތަނުގައި ޑޮލަރުގެ އަގަށް ބަދަލު އައިފަހުން އަޅުގަނޑުމެންނަށް ޑޮލަރުން ޕޭމަންޓެއް ނުލިބޭ. ޕޭމަންޓް ދައްކަނީ ހަމައެކަނި އެމްއެމްއޭ ރޭޓުން ދިވެހި ރުފިޔާ އިން. އެހެންވުމުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ގެއްލުންވޭ،" އޭނާ ވިދާޅުވި އެވެ.

އައިމާއިން ބުނީ އެ މައްސަލަ ދިމާވެފައި ވަނިކޮށް ހިލަ އާއި ހިލަވެލި އަދި ސިމެންތީގެ އަގު ވެސް ވަރަށް ބޮޑަށް އުފުލުމުން އިތުރު ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި ތަކެތީގެ އަގަށް އައި ބަދަލާއި ޑޮލަރުން ޕޭމަންޓް ދެއްކުން ހުއްޓާލުމުން ކުންފުންޏަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ޕޭމަންޓްތައް ލިބުމުގައި ވެސް އެހާ ގިނަ ދުވަސް ނަގާ. މިހާރު ވެސް އެބައުޅޭ ބައެއް ޕޭމަންޓްތައް ނުލިބި. އަޅުގަނޑުމެން މިކަހަލަ ބޮޑެތި ޕްރޮޖެކްޓްތަކުގައި ޕްރޮފިޓް މާޖިން އެހާ ބޮޑެއްނުވާނެ. ދެންވާ ގޮތަކީ މިކަހަލަ މައްސަލަތައް ދިމާވާ ނަމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭ. މި މައްސަލަ ހައްލު ނުވެ ދިގު ލަމުންދާ ނަމަ ދެން ޖެހޭނީ މަސައްކަތް ހުއްޓާލަން،" މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަތައް ހައްލުކުރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މި ކަހަލަ މައްސަލަތަކެއް އުޅޭތީ މަސައްކަތް އެހާ ބާރަށް ކުރިޔަށް ނުދޭ. ނަމަވެސް އެތެރޭގެ ބައެއް މަސައްކަތްތައް މަޑުމަޑުން ކުރަމުންދޭ،" މުހައްމަދު ވިދާޅުވި އެވެ.

ދާދިފަހުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތް އެކަށީގެންވާ ބާރުމިނެއްގައި ކުރިޔަށް ނުދަނީ ޓާޓާ އާއި މަސައްކަތުގެ ކޮންޓްރެކްޓަރާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެން ކަމަށެވެ. އަދި އެކަމާ ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.