ރިޔާސީ އިންތިހާބުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ގިނަ އަދަދެއްގެ ފުލުހުން އަތޮޅުތަކަށް ފުރައިފި އެވެ.

ފުލުހުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކުރިއަށް ގެންދާ "އޮޕަރޭޝަން ބްލޫ ވޭވްސް"ގެ ދަށުން އަތޮޅުތެރެ އަށް ދިޔުމަށް ހަމަޖެހިފައިވާ ފުލުހުން ޓީމްތައް މިއަދު ވަނީ ފުރައިފަ އެވެ.

އެގޮތުން އެ އޮޕަރޭޝަންގެ ދަށުން ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ ދެމެދުގައި ހިމެނޭ އަތޮޅުތަކަށް ދިއުމަށް ހަމަޖެހިފައިވާ ފުލުހުން ފުރާފައި ވަނީ ރޭ ފަތިހު އެވެ. އަދި މ. އަތޮޅާއި ފ. އަތޮޅަށާއި ދ. އަތޮޅަށް ދިއުމަށް ހަމަޖެހިފައިވާ ފުލުހުންގެ ޓީމްތައް ފުރާފައި ވަނީ މިއަދު ހެނދުނު އެވެ.

ފުލުހުން ބުނީ ދ. އަތޮޅަށް ދިޔަ ލޯންޗުން އެ އަތޮޅަށް ބޭނުންވާ ފުލުހުން ބޭލުމަށް ފަހު، އެ އަތޮޅު ވާނީގައި ޕޮލިސް ރެކްރޫޓު ޓްރޭނިން ކޯސް ފުރިހަމަ ކުރަމުން އަންނަ ފުލުހުން ގޮވައިގެން އަންނާނީ މާލެ އަށް ކަަމަށާއި ވާނީން އަންނަ ފުލުހުންގެ ޓީމްތައް ފޮނުވާލުމަށް ހަމަޖެހިފައި ވަނީ އުތުރުގެ އަތޮޅުތަކަށް ކަމަށެވެ.

އަތޮޅުތަކަށް މިއަދު 400 އަށްވުރެ ގިނަ ފުލުހުން ފުރާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް ފުލުހުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންގައި އަތޮޅުތެރެ އާއި މާލޭގައި ގިނަ އަދަދެއްގެ ފުލުހުންތަކެއް ހަރަކާތްތެރިވަމުން ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފުުލުހުން ކަމެއް ހާމައެއް ނުކުރެ އެވެ.

ފުލުހުންގެ "އޮޕަރޭޝަން ބްލޫ ވޭވްސް" ރިޔާސީ އިންތިހާބުގެ ވޯޓުލާ ނިމި ނަތީޖާ ފާޅުކުރުމަށް ފަހު ރާއްޖޭގެ ރައީސް ކަމަށް އަންނަ ބޭފުޅަކު ހުވާ ކުރައްވަންދެން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.