މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މަސައްކަތް ހުއްޓިފައިވާތާ ދެ މަހެއްހާ ދުވަސްވާން ކައިރިވެފައި އޮތްވައި ސަރުކާރުން ދެ ޑިރެކްޓަރަކު އައްޔަންކޮށްފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކުންފުންޏަށް ސަރުކާރުން އައްޔަން ކުރަން ޖެހޭ ހަތަރު ޑިރެކްޓަރުންގެ ތެރެއިން ދެ ޑިރެކްޓަރަކު ބުރާސްފަތި ދުވަހު އައްޔަންކުރިކަން ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

ސަރުކާރުން އެ ކުންފުންޏަށް އައްޔަންކޮށްފައި ވަނީ އެ ކުންފުނީގެ ކުރީގެ އެސިސްޓެންޓް މެނޭޖަރުކަން ވެސް ކުރެއްވި، މ. އާސްތާނާ ހުސެއިން އާލިމް ޝުކޫރު އަދި އދ. ހަންޏާމީދޫ ފުނަމާގޭ އަލީ އާޒިމް ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.

"މިހާރު ދެ ޑިރެކްޓަރަކު އައްޔަންކުރުމުން ބޯޑުގެ ކޯރަމް ހަމަވާނެ. އެހެންވީމަ މިހާރު ހުއްޓިފައިވާ މަސައްކަތްތައް އަލުން ފަށައިގެން ކުރިޔަށް ގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ދެ މެމްބަރަކު އައްޔަންކުރުމުން މެނޭޖިން ޑިރެކްޓަރު ހަމަޖައްސާނީ ބޯޑުގެ ބައްދަލުވުމެއް ބޭއްވުމަށް ފަހު ކަމަށެވެ.

"މިހާރު ކޯރަމް ހަމަވާ ވަރަށް މެމްބަރުން އައްޔަންކުރުމުން ޗެއާމަނާއި އެމްޑީ ދެން އޮންނަ ބޯޑު ބައްދަލުވުމުގައި އައްޔަންކުރުން އޮންނާނެ. އަޅުގަނޑުމެން މިބަލަނީ ވީހާ އަވަހަކަށް ކުންފުނީ ކުއާޓާ ރިޕޯޓު ނެރެވޭތޯ،" އޭނާ ވިދާޅުވި އެވެ.

އެމްޓީޑީސީގެ މިދިޔަ ކުއާޓަރުގެ ރިޕޯޓު އާއްމުކޮށްފައި ނުވާތީ ސީއެމްޑީއޭ އިން ވަނީ އެ ކުންފުނި 30،000ރ. އިން ޖޫރިމަނާކޮށްފަ އެވެ.