17 Aug 2013, 17:29
އެއްވެސް ފީއެއް ނުނަގައި ކިޔަވައިދެމުން އަންނަ އޮންލައިން ޔުނިވަސިޓީއެއް ކަމަށްވާ އިސްލާމިކް ސްޓަޑީޒް އިން ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.
ޑރ. ބިލާލް ޕިލިޕްސްގެ މަސްއޫލްވެރިކަމުގެ ދަށުން ހިގަމުން އަންނަ އެ ޔުނިވާސިޓީ އިން ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ހުރެގެންވެސް އިންޓަނެޓްގެ އެހީގައި ހިލޭ ކިޔޭވޭނެ ނިޒާމު ވަނީ ހަމަޖެހިފައިވާ ކަމަށް އެޔުނިވާސިޓި އިން ބުންޏެވެ. އަދި ވަކި ތަނަކަށް ދަތުރުނުކޮށް އެތަނެއްގައި ހުންނަ އެގްޒާމް ސެންޓަރަކުން އިމްތިހާނު ހެދޭނެ ނިޒާމު ވެސް ހަމަޖެހިފައިވާކަމަށް ބުނެފައިވެ އެވެ.
އިސްލާމިކް ސްޓަޑީޒް އިން ދުނިޔޭގެ ފެންވަރުގައި ގަބޫލް ކުރާ، ބީއޭ ޑިގްރީގައި ބައިވެރިވުމަށް ކޮންމެ ސެމިސްޓާއެއްގައި ރަޖިސްޓްރޭޝަން ފީއެއް ޗާޖް ކުރެ އެވެ. ޗާޖް ކުރުމުގައި ދަރިވަރު ދިރިއުޅޭ ގައުމަށް ބަލާ އިރު ސެމިސްޓާއަކަށް ޔޫއެސް ޑޮލަރުން 40 އާ 120 ދެމެދުގެ އަދަދަކަށް ޗާޖް ކުރެ އެވެ.
މަދީނާ އާއި އަލް އަޒްހަރުގެ މުގައްރަރު ކޮލިފައިޑް ޓީޗަރުންނާ އެކު ކިޔަވައިދެވޭ އިރު އެ ސެމިސްޓާ އެއްގައި ދަރިވަރުންނަށް އެކުދިން ބޭނުން ވަގުތެއްގައި ކިޔެވުމުގެ ފުރުސަތު ލިބިގެން ދެ އެވެ. އަދި ކޮންމެ ހަފްތާއެއްގައި އިންޓަނެޓް މެދުވެރިކޮށް ވަގުތުން ފިލާވަޅު ނަގާދެވެ އެވެ.
އިސްލާމިކް އޮންލައިން ޔުނިވާސިޓީގެ ހެޑް އޮފީސް ގަތަރުގައި ގާއިމުކޮށްފައިވާ އިރު 2007 ވަނަ އަހަރު 1500 ދަރިވަރުންނާ އެއްކޮށް ފެށި އެ ޔުނިވާސިޓީގައި މިއަދު 50،000 އަށް ވުރެ ގިނަ ދަރިވަރުން 206 ގައުމަކުން ވަނީ ކިޔަވައިފަ އެވެ.