17 Aug 2013, 15:48
މެދުއިރުމަތީގެ އަރަބި ގައުމުތަކަކީ ދުނިޔޭގެ އެންމެ ބޮޑު ތެލުގެ ރިޒާވް ހިއްސާކުރާ ގައުމުތަކެވެ. އަދި އެއީ ސްޓްޓެޖިކް ގޮތުން ވެސް މުހިއްމު ސަރަހައްދެއްގައިވާ ގައުމުތަކެވެ. ގައުމުތައް އިސްތިއުމާރުކޮށް، އެތައް ބަޔަކު މަރައިގެން މުއްސަނދިވި ހުޅަނގުގެ ގައުމުތައް އެކަން ދަނެ އެވެ. އެ ސަރަހައްދު އަޅުވެތި ކުރުމަށް އެތައް ޒަމާނެއްގެ ކުރިން ފެށިގެން މަސައްކަތް ކުރަނީ އެހެންވެ އެވެ.
އަޅުވެތިކަމުގެ ކަސްތަޅުތަކުން އަރަބީންގެ އަތްފައި ބަނދެލުމަށް ފުރަތަމަ މަސައްކަތް ކުރީ ހަތިޔާރުގެ ބާރުގަ އެވެ. އެކަމުގައި އެމީހުންނަށް ލިބުނު ކާމިޔާބީ ކުޑަ އެވެ. މީލާދީން 718 ވަނަ އަހަރުން ފެށިގެން 1492 ވަނަ އަހަރާ ހަމައަށް މުޅި ޔޫރަޕް އެއްބައި ވެގެން ކުރި ސަލީބީ ހަނގުރާމަ ހުއްޓުނީ އެވެރިން ބަލިވެގެންނެވެ. އިރާގުގެ މަޝްހޫރު ފާތިހު ޞަލާޙުއްދީނުލް އައްޔޫބީގެ ގިޔާދަތުގައި މުސްލިމުން ފަލަސްތީނު ފަތަހަކުރުމުންނެވެ.
އޭގެ ފަހުން ވެސް މުސްލިމުންނާ ދެކޮޅަށް ޔޫރަޕުން ހަނގުރާމަތައް ކުރި އެވެ. ނަމަވެސް އެއަށް ވުރެ ބޮޑު އިސްކަމެއް އެމީހުން ދިނީ ބައި ބައި ކުރުމަށެވެ. އެކި އެކި ނަންނަމުގައި އައިސް އަރަބީންގެ މެދުގައި ފިތުނައިގެ ހުޅުރޯކޮށްގެންނެވެ.
މެދުއިރުމަތި ބައިބައި ކުރުމަށް އެންމެ ފުރަތަމަ އިންދި އޮށަކީ ފަލަސްތީނުގެ ބިމުގައި އުފެއްދި ޔަހޫދީ ދައުލަތެވެ. އިސްރާއީލުގެ ނަމުގައި އުފެއްދި އެ ދައުލަތުން ވަނީ މިސްރާއި ސޫރިޔާ އާއި ލުބުނާނާއި އުރުދުންގެ ބިމުން ބައެއް ފޭރިގެންފަ އެވެ. މީގެ 66 އަހަރު ކުރިން އެޅި އެފިޔަވަޅަށް ފަހު 2002 ވަނަ އަހަރު އޭގެ އަނެއް ފިޔަވަޅު އެޅި އެވެ. ބޮޑެތި ގެއްލުން ދެނިވި ހަތިޔާރު ހުރި ކަމަށް ބުނެ، ބޮޑެތި ދޮގުތަކެއް ހަދައިގެން އިރާގު އަޅުވެތި ކުރި އެވެ.
މުސްލިމުންގެ ރަންޒަމާނުގައި އިސްލާމީ ދައުލަތުގެ ވެރިރަށުގެ ގޮތުގައި އޮތް ބަޣުދާދު ސުންނާފަތި ކޮށްލި އެވެ. އެއަށް ފަހު ހުޅަނގަށް ތަބާވާ ބަޔަކަށް އިރާގުގެ ވެރިކަން ދިނެވެ. ނަތީޖާއަކީ އިރާގުގެ ސުންނީނާއި ޝިޔައީންނާއި ކުރުދީންގެ މެދުގައި ތަޅާފޮޅުން ފެށި، އެކަން ދާއިމީ ކަމަކަށް ވެގެން ދިއުމެވެ. އެމެރިކާ ސިފައިން އިރާގުން މިހާރު ފައިބައިފި އެވެ. އެކަމަކު ބޮމާއި ބަޑީގެ އަޑު އިރާގަކުން ނުކެނޑެ އެވެ. އިރާގުގެ ވެރިކަން ބަދަލު ކުރި ހަނގުރާމައިގާ 600،000 މީހުން މަރުވި އެވެ. އަދި އޭގެ ފަހުން މިވީ 10 އަހަރު ތެރޭގައި ކޮންމެ އަހަރަކު 1000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. ގައުމުގެ މުޅި އޮނިގަނޑު ވަނީ ހަލާކުވެފަ އެވެ.
އޭގެ ފަހުން 2011 ވަނަ އަހަރު "އަރަބި ބަހާރު"ގެ ނަމުގައި ފެށިގެން ދިޔަ ހަރަކާތަށް ހުޅަނގުގެ ފިތުނައިގެ އަތް ވަނީ ރަނގަޅަށް ވަދެފަ އެވެ. ސޫރިޔާގައި ފެށި މުޒާހަރާތައް ހަނގުރާމައަކަށް ބަދަލުވެފައިވާ އިރު ހަނގުރާމަ ވަރުގަދަ ކުރުމަށް އެމެރިކާއިން ޔޫރަޕްގެ ގައުމުތަކުން ދަނީ އެހީވަމުންނެވެ. ހަތިޔާރާއި ފައިސާގެ ގޮތުންނެވެ.
ސޫރިޔާ އަށް އަލުން ކުރަން ޖެހޭ ކަމެއް ނެތެވެ. އެގައުމު އެދަނީ ވަރުގަދަ އަހުލީ ހަނގުރާމައެއްގެ އަލިފާނުގައި އަނދަމުންނެވެ. މަރުވިމީހުންގެ އަދަދު 100،000 އަށް އަރައިފި އެވެ. ގައުމުގެ އޮނިގަނޑު ވަނީ ހަލާކުވެފަ އެވެ.
ފިތުނައިގެ އަލިފާނުގައި މެދު އިރުމަތި އަންދާލުމުގެ ހަރަކާތަށް އެންމެ ފަހުން އިތުރުވީ ބޮޅަކީ 5000 އަހަރަށް ވުރެ ދުވަސްވީ ރަށްވެހިކަމުގެ ތާރީޚެއް އޮތް މިސްރެވެ.
ހުޅަނގުގެ ގޮނޑިކޮށްކޮއެއްގެ ގޮތުގައި ހުންނަވައިގެން އިސްރާއީލު ހިމާޔަތް ކުރެއްވި މިސްރުގެ ކުރީގެ ރައީސް މުހައްމަދު ހުސްނީ މުބާރަކުގެ ވެރިކަން 2011 ވަނަ އަހަރު ވެއްޓުނެވެ. އޭނާގެ ވެރިކަން ވެއްޓުނީ މިސްރު ރައްޔިތުން ކުރި މުޒާހަރާތަކަށް ސިފައިން އެއްބާރުލުމުންނެވެ.
މުބާރަކްގެ ވެރިކަން ވައްޓާލުމަށް މިސްރު ސިފައިން އެހީތެރި ވެދިނީ އޭނާ އަށް ވުރެ އަދި ބޮޑަށް ހުޅަނގަށް ތަބާވާ ވެރިއަކު ލުމަށް ކަމެއް އޭރު މީހުންނަކަށް ނުވިސްނެ އެވެ.
މިސްރުގައި ޑިމޮކްރެޓިކް ފުރަތަމަ އިންތިހާބުގައި އިސްލާމީ ޚިޔާލުގެ އިޚުވާނުލް މުސްލިމީން ޕާޓީއަށް އެގައުމުގެ ރައްޔިތުން ވެރިކަން ހަވާލުކުރީ އެހެންވެ ކަމަށް ވެދާނެ އެވެ.
މިސްރު ރައްޔިތުން އިންތިހާބު ކުރި ރައީސް މުހައްމަދު މުރުސީގެ ވެރިކަން ބަޣާވާތަކުން ވައްޓާލީ މިސްރު ސިފައިންނެވެ. ނަމަވެސް އެބަޣާވަތުގެ އަޑީގައި ހުންނެވީ އިރާގު އަޅުވެތި ކުރުމަށް އެމެރިކާއިން ކުރި މަސައްކަތުގެ އެއް މޭސްތިރި ކަމަށްވާ މުހައްމަދު އަލް ބަރާދައީ އެވެ.
ބަޣާވާތުގެ ފަހުން އުފެއްދި ސަރުކާރުން އޭނާ އަށް ޖާގަ ލިބުނީ އެހެންވެ އެވެ. ބަޣާވާތްކޮށް އިންތިހާބު ކުރި ރައީސް ވަގަށް ނެގުމުން މިސްރު ރައްޔިތުން ބިރުން ގެއަކަށް ނުވަދެ އެވެ. މަގުތަކަށް ނުކުމެ އެކަމާ ދެކޮޅަށް އަޑު އުފުލި އެވެ.
މިސްރު ރައްޔިތުންގެ އަޑު ކަނޑުވާލައި، އިސްރާއީލުގެ އަޚެއްގެ ގޮތުގައި މިސްރު ބޭއްވުމަށް ކަމަރު ބަނދެގެން ތިބި ސިފައިން މިހާރު ވަނީ ހަތިޔާރުގައި ހިފާފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ގާހިރާގައި މުޒާހަރާކުރި މީހުންގެ ތެރެއަށް ބަޑިޖަގައި 600 އަށް ވުރެ ގިނަ މީހުން މަރާލި އެވެ. އިއްޔެގައި 95 އަށް ވުރެ ގިނަމީހުން މެރިއެވެ.
މެދުއިރުމަތީގައި ކަންހިނގާ މަގަށް ބަލާއިރު ބުރާސްފަތި ދުވަހު މިސްރު ސިފައިން ކުރި ހަޑިމުޑުދާރު އަމަލުގެ އާޚިރު ނަތީޖާއަކަށް ވާނީ އަހުލީ ހަނގުރާމައެކެވެ. ކޮންމެ ދުވަހަކު ސިފައިން ނުކުމެ މީހުން މަރާތަން ބަލަން ރައްޔިތުންނެއް ނުތިބޭނެއެވެ. ހޯދުން ގޮތަކަށް ހަތިޔާރު ހޯދާނެއެވެ. އޭރުން ހަލާކުވެ ނެތިދާނީ 5000 އަހަރުވީ ހަޞާރާތެކެވެ. އަރަބި ދުނިޔޭގެ އެންމެ ބައިބޯ ގައުމެވެ. ހުރިހާ ފައިދާއެއް އޮތީ އިސްރާއީލަށެވެ.
ސޫރިޔާގައި ހަނގުރާމަ އެވެ. އިރާގުގައި ހަނގުރާމަ އެވެ. ލުބުނާނު އޮތީ ހަނގުރާމައިގެ ހާލަތުގަ އެވެ. މިސްރުގައި ހަނގުރާމަ ފެށެނީ އެވެ. މެދުއިރުމަތީގައި ހުޅަނގުން ރޯކުރި ފިތުނައިގެ އަލިފާންގަނޑު އެވަނީ ހުޅުފަޅައިގެން ގޮސްފައެވެ. އަރަބި ދުނިޔެ އެދަނީ އަނދަމުންނެވެ.