މިއަދުގެ ސަރުކާރަށް ގިނަ މަޝްރޫއުތަކެއް ފެށިފައި ނުވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވެފައިވާ ދަރަނިތައް އަދާކުރަން ޖެހުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ނ. މާޅެންދޫގައި މިއަދު ހެނދުނު ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ނަޝީދުގެ ސަރުކާރުން އޮތީ ރާއްޖެ ވަރަށް ބޮޑަށް ދަރުވާލާފައި ކަމަށާއި ދަރަނީގެ ގޮތުގައި އެކިފަރާތްތަކަށް ދައްކަން ޖެހޭ 1.7 ބިލިއަން ރުފިޔާ އެމަނިކުފާނުގެ ސަރުކާރުން ދައްކައި ހަލާސްކޮށްފައިވާ ކަމަށެވެ.

ވަރަށް އުނދަގޫ ދުވަސްވަރެއް އަޅުގަނޑުމެން މި ދުށީ. މި ވޭތުވެ ދިޔަ ދެ އަހަރު ދުވަހު. އަޅުގަނޑުމެން ކުރަން ޖެހޭ ކަންކަން ނުކުރެވިފައި ހުރީކީ އަޅުގަނޑުމެން ކުރަން ބޭނުންނުވާތީކީ ނޫން. ކުރީގެ ސަރުކާރުން ރާއްޖެ އޮތީ ވަރަށް ބޮޑަށް ދަރުވާލާފައި. އަޅުގަނޑުމެންގެ ކުދީންނަށް ބޭސްދޭން ބޭސްގަންނަން ޖެހޭ ފައިސާ. މި ސްކޫލްގެ އިމާރާތް މަރާމާތު ކުރަން ޖެހޭ ފައިސާ. މިރަށުގެ ބަނދަރު މަރާމާތު ކުރަން ޖެހޭ ފައިސާ. މިހުރިހާ ފައިސާއެއް ދައްކަން ޖެހުނީ ރައްޔިތުންލައްވާ ކުރުވާފަ ނުދައްކާ ހުރި ބިލްތަކަށް ފައިސާ ދައްކަން،" ރައީސް ވަހީދު ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވީ އެކި ފަރާތްތަކަށް ދައްކަން ޖެހޭ ބިލްތަކަށް ނަޝީދުގެ ސަރުކާރުން ފައިސާ ނުދައްކައި ހުރުމުން މިހާރު އެ ހުރިހާ ފައިސާތައް ދައްކައި ނިމިފައިވާ ކަމަށާއި އަންނަ އަހަރުގެ ބަޖެޓުން އެޚަރަދު ކުރަން ނުޖެހޭނެ ކަމަށެވެ. އެހެންކަމުން އެކިރަށްތަކުގެ ބަނދަރު ހެދުމާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުން ފަދަ ކަންކަން އަންނަ އަހަރުން ފެށިގެން ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މާޅެންދޫ ބަނދަރުގެ މަސައްކަތް އައިޑީބީގެ އެހީގައި ފެށުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެކަމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.