17 Aug 2013, 15:19
ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލުމަށް އެދި ފޯމް ހުށައަޅާފައިވާ ފޯމްގެ ސައްހަކަން ބެލުމަށް ގުޅުމުން، ފޯމް ނުލާކަމަށް ބުނި 38 މީހެއްގެ ނަން އިލެކްޝަންސް ކޮމިޝަނުން މިއަދު އާއްމުކޮށްފި އެވެ.
މީހުންގެ ނަންތައް އާއްމުކޮށް އިލެކްޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އާއްމު ކުރި ލިސްޓަކީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓްލުމަށް ރަޖިސްޓްރީ ވުމަށް އެދި ހުށައެޅި ފޯމްތަކުގެ ތެރެއިން، މައުލޫމާތު ޔަގީންކުރުމަށް ގުޅުމުން، ފޯމް ނުލާކަމަށް ބުނި ފަރާތްތަކެއްގެ ލިސްޓެއް ކަމަށެވެ.
"މިއިއުލާނާ އެކު މިވަނީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓްލުމަށް ރަޖިސްޓްރީ ވުމަށް އެދި އެކިއެކި ފަރާތްތަކުން ހުށައަޅާފައިވާ ފޯމްތަކުގެ ތެރެއިން، ފޯމުގައިވާ މައުލޫމާތު ޔަގީންކުރުމަށް ޓަކައި ފޯނުން ގުޅުމުން ފޯމު ނުލާކަމަށް ބުނެފައިވާ ފަރާތްތަކުގެ ލިސްޓެކެވެ،" އިލެކްޝަންސް ކޮމިޝަނުގެ ބަޔާނުގައިވެ އެވެ.
މިއަދު އާއްމުކުރި ލިސްޓްގައިވާ މީހުން ވަނީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލުމަށް ރަޖިސްޓްރީ ނުކުރެވި ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ބަޔާނުގައި އަދި ވަނީ އާއްމުކުރި ލިސްޓްގައިވާ މީހުންގެ ތެރެއިން ރަޖިސްޓްރީވާން ބޭނުންވާ މީހުން 17 އޮގަސްޓްގައި ރިޔާސީ އިންތިހާބު 2013ގެ ރަޖިސްޓްރޭޝަން ސެންޓަރަށް ގޮސް މައުލޫމާތު ކަށަވަރު ކުރުން އެދޭ ކަމަށެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓްލުމަށް ރަޖިސްޓްރީ ކުރުމަށް އިލެކްޝަން ކޮމިޝަނުން ހުޅުވާލި ފުރުސަތު މިހާރު ވަނީ ހަމަވެފަ އެވެ.