15 Nov 2010, 05:47
ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާ އެކު، މުޅި ޤައުމު ކުރިއެރުވުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު އިބްރާހިމް އިސްމާއިލް[އިބްރާ] ގޮވާލައްވައިފި އެވެ.
ރައްޔިތުން ބިންވެރިކުރުވުމުގެ ނަމުގައި ކ. މާފުށީގައި ސަރުކާރުން އިފުތިތާހު ކުރި މަޝްރޫޢު އާދިއްތަ ދުވަހުގެ ރޭ ފައްޓަވައި ދެއްވަމުން ރައިސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރު ވިދާޅުވީ، ސަރުކާރުން ވިޔަސް އަދި އިދިކޮޅު ފަރާތްތަކުން ކުރާ ކޮންމެ ކަމަކުން ވިޔަސް، ރައްޔިތުންނަށް ލިބޭ ކޮންމެ ފައިދާއަކީ ޤައުމަށް ލިބޭ ކުރިއެރުމެއް ކަމަށެވެ. އަދި ގައުމަށް ނުވަތަ ދައުލަތަށް ހިދުމަތް ކުރުމަކީ ހަމައެކަނި ސަރުކާރުގެ އިސް މަގާމުތަކުގައި ނުވަތަ ސިޔާސީ އިސް މަގާމުތަކުގައި ތިބެގެން އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދަޢުލަތަށް ނުވަތަ ޤައުމަށް ޚިދުމަތް ކުރުމަށް ސަރުކާރުގެ މަތީ މަޤާމެއްގައި ނުވަތަ ސިޔާސީ އިސް މަގާމެއްގައި ހުންނާކަށް ކޮންމެހެން ނުޖެހޭ. އެމީހެއްގެ ދިރިއުޅުން ބިނާކުރުމަށް ކުރާ ކޮންމެ ކަމަކީ ވެސް ޤައުމު ކުރިއެރުވުމަށް ކުރާ މަސައްކަތެއް. އެގޮތުން ކޮންމެ ރައްޔިތަކަށް ވެސް ގައުމަށް ހިދުމަތް ކުރެވިދާނެ."
ކުރީގެ ސަރުކާރަށް ފާޑު ވިދާޅުވަމުން އިބްރާހިމް އިސްމާއީލް ވިދާޅުވީ، ފާއިތުވި ދެ އަހަރު ފިޔަވައި ރައްޔިތުންގެ ބާރު ހިނގާ ވެރިކަމެއް މި ގައުމުގެ ތާރީހުން ދެކިފައި ނުވާކަށެވެ. އަދި ކުރީގެ ސަރުކާރުން ވެރިކަން ކުރަމުން އައީ ރައްޔިތުންގެ ސިކުނޑިތަކުގައި ކަސްތޮޅު އަޅުވައިގެން ކަމަށާއި ގާނޫނު އަސާސީ އިސްލާހު ކުރަމުން ދިޔަ އިރު ދިމާވި އެންމެ ބޮޑު ދައްޗަކީ އެ ކަސްތޮޅުތައް ނެއްޓުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.