މި އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތްތަކާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށް "ގައުމައިގެން ކުރިއަށް" ކޯލިޝަންގެ އަދި ޑީއާރްޕީގެ ލީޑަރު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.

ރާވެރިޔާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ތަސްމީން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާ ދޭތެރޭ އެ ކޯލިޝަނުން ވެސް ކަންބޮޑުވާކަންތައްތަކެއް ހުރި ކަމަށާއި ނަމަވެސް އެކަންތައްތައް އިސްލާހުކޮށްދީފައިވާ ކަމަށެވެ.

"އިލެކްޝަންއެއް ކުރިމަތިވެފައި އޮންނަ އިރު އިލެކްޝަންސް ކޮމިޝަނާ ދޭތެރޭގައި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން އޮންނަން ޖެހޭ، އެހެންކަމުން ފުރަތަމަ ކަންބޮޑުވުމެއް ފާޅުކުރެވޭ ހިސާބުން އަޅުގަނޑުމެން މީޑިއާގައި ވާހަކަތަކެއް ދެއްކުމެއް ނޫން ހައްލަކީ، އޭރުން ރައްޔިތުންނަށް ކަންކަން އޮޅޭނެ، އަޅުގަނޑުމެން އިލެކްޝަންސް ކޮމިޝަނަށް ގޮސްގެން އޭގެ އެކަށިގެންވާ ހައްލެއް ނުލިބިއްޖެއްޔާ އެވާހަކަ ދައްކާނަން. މިހާތަނަށް އަޅުގަނޑުމެން ކަންބޮޑުވެގެން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅި ކަންކަން ވަނީ އޮޅުން ފިލުވާދެއްވައި ހައްލު ހޯދައިދެއްވައިފި. އެހެންކަމުން އަޅުގަނޑުމެންގެ ކަން ބޮޑުވުމެއް ނެތް،" ތަސްމީން ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ތަސްމީން ވިދާޅުވީ އެ ކޯލިޝަންގެ ކެމްޕެއިންތައް ވަރަށް ބާރަށް ކުރަމުންދާ ކަމަށާއި އިންތިހާބު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ދިވެހި ރައްޔިތުން ޑރ. ވަހީދަށް ސަޕޯޓްކުރަނީ 30 އަހަރުގައި ވެރިކަން ކުރި ފަރާތްތައް ވެރިކަން ދޭން ބޭނުންނުވުމާއި ރައީސް ނަޝީދުގެ ކަންތައްތައް ހުރި ގޮތް އެގޭތީ ކަމަށް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ތަސްމީން އާ ގުޅޭ ގޮތުން ރޭ ދެއްކެވި ވާހަކަތަކާ ގުޅޭގޮތުން "ސަން" އިން ސުވާލުކުރުމުން ތަސްމީން ވިދާޅުވީ ގާސިމް ވަނީ ރޭގައި "ކޮންމެވެސް ވަރަކަށް އަޅުގަނޑަށް މަލާމަތްކޮށް ހައްދަވާފައި" ކަމަށެވެ. އަދި އެއީ ފޯކަސް ގެއްލުން ކަމަށް ތަސްމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މީގެ ކުރިން އޭނާ ޕޯޑިއަމްތަކުގައި ދައްކާފައިވާ ވާހަކަތަކަކީ އިހުލާސްތެރިކަމާ އެކު ދައްކާފައިވާ ވާހަކަތައް ކަމަށެވެ.

ރޭގެ ޖަލްސާގައި ގާސިމް އިބްރާހިމް ވިދާޅުވެފައި ވަނީ އެ މަނިކުފާނު ޕިކްނިކް ވަޑައިގަތުމަށް ހާއްސަ ރަށެއް ނޯންނަ ކަމަށާއި ނަމަވެސް ތަސްމީނު ޕިކްނިކް ވަޑައިގެންނެވުމަށް ވ. އާރަށް އޮންނަ ކަމަށެވެ. އެ ރަށަކީ "ގަހުރަމާނުންނާއި ބާނދީންނާއި ހުރިހާ ކަމެއް ފުރިހަމަކުރައްވާފައިވާ" ރަށެއް ކަމަށް ގާސިމް ވިދާޅުވި އެވެ.