ރައްޔިތުންގެ އެކައުންޓުތަކުން ހުސްވެފައިވާ ފައިސާ އަނބުރާ ހޯއްދަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު މިހެން ވިދާޅުވީ މިއަދު ހެނދުނު ގައުމާއިގެން ކުރިއަށް ކޯލިޝަންގެ ފަރާތުން ނ. ކެނދިކުޅުދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވަހީދު ވިދާޅުވީ ރައްޔިތުންގެ އެކައުންޓުގައި އެއްވެސް ފައިސާއެއް ނެތް ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ވަނީ އެ ފައިސާ ބޭނުންކޮށްފައި ކަމަށެވެ.

ރައްޔިތުންގެ އެކައުންޓުގައި ފައިސާ ނެތުމުން އެމްޑީޕީން އެމަނިކުފާނުގެ ބޮލުގައި އެކަމުގެ އިލްޒާމް އަޅުވާފައިވާ ކަމަށާއި އެއީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ދައްކާ ވާހަކައެއް ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.

"ރައްޔިތުންގެ އެކައުންޓުގައި ފައިސާ އެއް ނެތް. އެ ފައިސާތައް ހުރީ ނަޝީދު ސަރުކާރުން ބޭނުންކޮށް ނިންމާލާފައި. އެކަމަކު ރޭގައި ވެސް އެމްޑީޕީ އަށް ނިސްބަތްވާ ބޭފުޅަކު އަޅުގަނޑާ ދިމާލަށް މި ފައިސާ ކޮބާހެއްޔޭ ވިދާޅުވީމާ ސުވާލުކޮށްލަން އެބަ ޖެހޭ. ވަރަށް ބޮޑު އޮޅުވާލުމެއްގެ ތެރޭގައި ނޫންތޯ މިއުޅެނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވީ ރައްޔިތުންގެ އެކައުންޓުތަކަށް ފައިސާ ހޯއްދަވައި ދެއްވާނެ ކަމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކު ވިދާޅުވެފައި ނުވާ ކަމަށާއި އެމަނިކުފާނު އެ ފައިސާ ހޯއްދަވައިދެއްވާނެ ކަމަށެވެ.

ނ. އަތޮޅުގައި އެއާޕޯޓު ހެދުމުގެ މަޝްރޫއަށް އިޝާރާތް ކުރައްވައި ރައީސް ވަހީދު ވިދާޅުވީ އެ މަޝްރޫގެ މަސައްކަތް ލަސްވަމުންދަނީ އެކަން ރޭވިފައި އޮތްގޮތުން އޭގައި ވަރަށް ގިނަ އުނަދގޫ ކަންތައްތަކެއް ހުރުމުން ކަމަށެވެ. ނަމަވެސް މާލާސްތަކެއް ނުވެ އެއާޕޯޓު އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަހީދު ވިދާޅުވީ ކެނދިކުޅުދޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަކީ މާ ބޮޑުކަމެއް ނޫން ކަމަށާއި ކަރަންޓު ކަނޑާނުލައި އިންޖީނުތައް މަރާމާތުކޮށްގެން ކަރަންޓްގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ.