ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ރޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ޖަލްސާ ރޭ ތައާރަފު ކުރެއްވި މުހައްމަދު އިކްރާމް ދެއްކެވި ވާހަކަ އަހުމަދު ރަޝީދު ދޮގު ކުރައްވައިފި އެވެ.

އަހުމަދު ރަޝީދު މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާ ޖުމްހޫރީ ޕާޓީގެ ރޭގެ ޖަލްސާގައި ގްރުއާން ކިޔަވައިދެއްވުމަށް ވަޑައިގަތީ އުމަރު ނަސީރު މެދުވެރިކޮށް، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އެދިވަޑައިގަތުމުން ކަމަށެވެ. ނަމަވެސް އެކަން އެހެން ގޮތަކަށް މާނަކުރައްވައި އޭނާ އެ ޕާޓީއާ ގުޅިވަޑައިގަތް ކަމަށް އިކްރާމް ވިދާޅުވުމަކީ ހަގީގަތެއް ނޫން ކަމަށާއި އޭނާ އަކީ "ސީދާ ސާދާ ޕީޕީއެމްގެ މެންބަރެއް" ކަމަށެވެ.

އަހުމަދު ރަޝީދު ވިދާޅުވީ އޭނާ ގަބޫލު ކުރައްވާ ގޮތުގައި ޖުމްހޫރީ ގުޅުމާއި ޕީޕީއެމް އާއި ޑރ. ވަހީދުގެ "ގައުމާއިގެން ކުރިއަށް" ކޯލިޝަނަކީ އާހިރުގައި އެއްބައެއް ކަމަށާއި އެއިން ކޮންމެ ބަޔަކު ގްރުއާން ކިޔަވައި ދެއްވުމަށް އޭނާގެ އަރިހުން އެދެފި ނަމަ ވެސް އެކަމަށް ފުރަގަސް ނުދެއްވާނެ ކަމަށާއި ކީރިތި ގްރުއާން ކިޔެވުމަކީ އެއީ ސަވާބާއި ދަރުމަ ލިބޭނެ ކަމެއް ކަމަށެވެ.

ނަމަވެސް އޭނާ ވިދާޅުވީ އޭނާ ހެޔޮ ނިޔަތުގައި ކޮށްދެއްވި ކަމެއްގެ ނާޖާއީޒު ފައިދާ ނެގޭ ގޮތަށް އިކްރާމް އެ ވާހަކަ ދެއްކެވީތީ ހިތާމަ ކުރައްވާ ކަމަށެވެ. އަދި މީޑިއާ އިން ވެސް އެކަން ވޭރިފައި ނުކޮށް ރިޕޯޓް ކުރުމަކީ ވެސް ރަނގަޅަށް ކުރި ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ "ފާސިގަކު ހަބަރަކާއިގެން އައިސްފި ނަމަ ތިޔަ ބައިމީހުން އޭގެ ދޮގު ތެދު ބަލައި ކަށަވަރު ކުރުމަށް ފަހު ނޫނީ އެ ހަބަރެއް އާންމު ނުކުރުމަށް" ގްރުއާންގައި އަންގަވާފައިވާ ކަމަށެވެ.


ޖޭޕީގެ ރޭގެ ޖަލްސާ ތައާރަފުކޮށްދެއްވަމުން އިކްރާމް ވިދާޅުވީ ގާރީ އަހުމަދު ރަޝީދު ވެސް އެ ޕާޓީއާ ގުޅިވަޑައިގެންފައިވާ ކަމަށެވެ.