ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފިނުވައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައިވަނީ ގއ. ވިލިނގިލީ ތިންމާ އަހްމަދު ޝާފިއު، 22، ގެ މައްޗަށް ކަމަށެވެ.

ޝާފިއުގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައިވަނީ މިއަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު ސްރީލަންކާއިން ރާއްޖެއައި ފްލައިޓުން އޭނާ ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކޮށްފައިވާތީ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މައްސަލައާ ގުޅިގެން ޝާފިއު ހައްޔަރުކޮށްފައި ވަނީ މިއަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު ސްރީލަންކާއިން ރާއްޖެ އައި ފްލައިޓުން އޭނާ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ޝާފިއު ހުޅުލެއިން މާލެއައި ފެރީން ނަސަންދުރާ ސަރަހައްދަށް ފޭބިތަނުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ ޝާފިއު ހައްޔަރުކޮށް ހޮސްޕިޓަލަށް ގެންގޮސް އެކްސްރޭ ނަގައި ޗެކްކުރިއިރު ހަށިގަނޑު ތެރެއިން ބުލެޓް ސައިޒުގެ ނުވަ ޕެކެޓް ފެނިފައިވާ ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ޝާފިއުގެ ބަނޑުގައި ހުރި އެ ނުވަ ޕެކެޓް ބޮޑުކަމުދިޔަ ވަގުތުގައި ނަގައި ތަހްލީލުކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެ ބަރުދަނުގައި 76.1625 ގްރާމު ހުރިކަމަށް ތަހުލީލުތަކުން ދައްކާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އޭނާގެ މައްޗަށް ދައުވާ ކުރަން ޕީޖީ އަށް ފޮނުވާފައި ވަނީ މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.