17 Aug 2013, 12:26
މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ހދ. ކުޅުދުއްފުށީގައި މަސައްކަތް ކުރާ ސަލާމަތީ ބާރުތަކުގެ މީހުންނަށް ހަމަލާދީ ފުލުހުންނާއި ސިފައިންގެ އިމާރާތަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ދައުވާކުރަން ފޮނުވާފައި ވަނީ ހދ. ކުޅުދުއްފުށީ ނަސްފަރު މުހައްމަދު ހުސައިން، 20، އާއި އެ ރަށު ދަނބުގޭ އަހްމަދު އަލީ، 40، އާއި ކަސްތޫރިގޭ އިބްރާހީމް އަލީ، 20،ގެ އިތުރުން ތިލައައްސޭރި އިބްރާހީމް އަހްމަދު، 42،ގެ މައްޗަށް ކަމަށެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ވަގުތެއްގައި އެ މީހުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން ކުރިމައްޗަށް ޖަމާއަތް ހަދައިގެން އެއްވެ، ފުލުހުންނާއި ސިފައިންނަށް އިންޒާރުދީ، ފުލުހުންނާއި ސިފައިންނަށް ގަލާއި ދަގަނޑު ބުރި ފަދަ ތަކެތިން ހަމަލަދީފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ފުލުހުންނަށް ހަމަލާދިނުމުގެ އިތުރުން ޕޮލިސްޓޭޝަނާއި ސިފައިންގެ މަރުކަޒަށް ގަލާއި ދަގަނޑުބުރި ފަދަ ތަކެތި އުކާ ދައުލަތުގެ މުދަލަށް ގެއްލުންދިނުމަށް ފަހު ޕޮލިސްޓޭޝަން ހިސޯރު ކުރުމަށް އެމީހުން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ތުހުމަތު ކުރެވޭ ކަމަށެވެ.
އެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.