ރ. އިނގުރައިދޫގައި ދިރިއުޅޭ ސިކުނޑީގެ އުނިކަމެއް ހުރި މީހަކު ކޮންޓްރޯލުން ނެއްޓި، އޭނާގެ ފަރާތުން އެ ރަށު ކައުންސިލްގެ އިދާރާ އަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އިނގުރައިދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ސަމީރު މިއަދު ވިދާޅުވީ އިއްޔެ ހަވީރު ހައެއް ޖަހާ އެހާކަންހާއިރު ހިނގި ހާދިސާގައި ކައުންސިލްގެ އިދާރާގެ ބައެއް ކުދި ދޮރުތަކުގެ ބިއްލޫރިތައް ތެޅި ބައެއް ކޮމްޕިއުޓަރު ސިސްޓަމްތައް ހަލާކުވެފައިވާ ކަމަށެވެ.

"އެއީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއް. ކައުންސިލްގެ އިދާރާ އަށް ގެއްލުންތައް ދިނުމުގައި އޭނާ ގާތްގަނޑަކަށް ގަޑިއެއް ހާއިރު ހޭދަކުރި. ދެ ބިއްލޫރިގަނޑެއް ތަޅާލާފައި، އޭނާ އެތެރެއަށް ވަނީ، ވަދެ ޕްރިންޓަރަކާއި ދެ ސިސްޓަމް ވެސް ހަލާކު ކުރި،" ސަން އަށް މައުލޫމާތު ދެއްވަމުން ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ އެމީހާއަކީ އިސްކޮޅުން ދިގު، ޖާނުން ވަރުގަދަ މީހެއް ކަމުން އޭނާ ހިފަހައްޓަން ވަރަށް އުނދަގޫ ކަމަށާ އޭނާ ބަލަހައްޓަން އެއާއިލާގައި ހުރީ އޭނާގެ ބައްޕަ އެކަނި ކަމަށެވެ.

"އޭނަގެ އިސްކޮޅުގައި ހުންނާނެ ގާތްގަނޑަކަށް ހަފޫޓް، ދެން ވަރަށް ވަރުގަދަކޮށް ހުންނާނީ، އޭނާ ހިފަހައްޓަން ބޭނުންވާނެ ރަނގަޅު ހަ މީހުން، ދެން އާއިލާގައި މިހުރީ އޭނާގެ ބައްޕަ އެކަނި،" އޭނާ ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ ކައުންސިލްގެ ނުކުޅެދުންތެރިކަން ހުރި އެމީހާގެ ފަރާތުން ކައުންސިލްގެ އިދާރާއަށް ގެއްލުންތައް ލިބެން ފެށުމުން އެކަން ހުއްޓުވައި ދިނުން އެދި އުނގޫފާރު ޕޮލިސްޓޭޝަނަށް ހުށައެޅުއްވި ކަމަށެވެ. ނަމަވެސް ފުލުހުންގެ އެހީތެރިކަން ލިބުނީ ގާތްގަނޑަކަށް ދެގަޑިއިރު ފަހުން ކަމަށާއި އޭރު ކައުންސިލް އިދާރާ އަށް ގެއްލުން ދިނުން ހުއްޓާލާފައި ސިކުނޑީގެ އުނިކަން ހުރިމީހާ ގޮސްފައިވާ ކަމަށެވެ.

ފުލުހުން އައިސް އޭނާ ގެންދަން އުޅުމުގެ ތެރޭގައި ފުލުހަކަށް ހިސާބަކަށް އަނިޔާއެއްވީކަމަށާއި ނުކުޅެދުންތެރިކަން ހުރި މީހާ މިހާރު ވީ އުނގޫފާރު ޕޮލިސް ސްޓޭޝަންގައި ތިބޭ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

ފުލުހުން ބުނީ އިނގުރައިދޫ ކައުންސިލްގެ އިދާރާ އަށް މީހަކު ގެއްލުން ދިން ހާދިސާއެއް ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ. އަދި ބުނީ އެ ހާދިސާއާ ގުޅިގެން 31 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އޭނާ އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.