ތާރީހީ ހުކުރު މިސްކިތުގައި ހުންނަ މުންނާރު އަޅާލާނެ ފަރާތެއް ނެތި "ހަޑި" ވެފައިވާ އިރު އެތަން ބެލެހެއްޓުމަށް އަމިއްލަ ފަރާތަކާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލްއިން ބުނެފި އެވެ.

ސިޓީ ކައުންސިލް މެމްބަރު އިބްރާހިމް ސުޖާއު "ސަން" އަށް ވިދާޅުވީ މުންނާރު މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ހަވާލުރަން ނިންމާފައި ވަނީ އެކަމަށް އެދި ބަޔަކު ހުށައެޅުމުން ކަމަށެވެ. އަދި އެމީހުންނަށް އެ މަސައްކަތް ހަވާލުކުރުމުގެ ކަންތައް މިހާރު ކުރިއަށްދާ ކަމަށް ސުޖާއު ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮން ބައެއްކަމެއް ސުޖާ ވިދާޅެއްނުވެ އެވެ.

"އެ މަސައްކަތް ހަވާލުކުރުމުގެ މަސައްކަތް މިހާރު ވެސް އަޅުގަނޑުމެން މިދަނީ ކުރަމުން. އެގޮތުން މުންނާރު ލާ ކުލަތަކާއި އެބޭފުޅުން ބުނާ ކުލަޔާ ދިމާވޭތޯ އެކަހަލަ ކަންތައްތައް މިދަނީ ބަލަމުން. އަޅުގަނޑުމެން ބޭނުމެން ނޫން މުންނާރުގެ މަސައްކަތް ސިޔާސީ ކުރާކަށް،" ސުޖާއު ވިދާޅުވި އެވެ.

މުންނާރުގެ މަސައްކަތް ހަވާލުކުރާ ވަކި ތާރީހެއް ވިދާޅުނުވި ނަމަވެސް ސުޖާއު ވިދާޅުވީ "ވަރަށް އަވަހަށް އެކަން ނިންމާނެ،" ކަމަށެވެ.

މުންނާރު ހަޑިވެފައިވާ މައްސަލާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރައީސް ނަޝީދުގެ ސަރުކާރުގައި "ޕްރަވަޓައިޒް" ކުރި އިރު މުންނާރު އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ގެންގޮސްފައިވާ ކަމަށެވެ. އަދި މުންނާރާ ހަލާލުވުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި މުންނާރު އެގޮތަށް ހަޑިކޮށް ހުންނާތީ ހިތާމަކުރައްވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

މީގެ ކުރިން މުންނާރު މަރާމާތްކޮށް ބެލެހެއްޓި، ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނާއިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވީ އެބޭފުޅުން އެ ޖަމިއްޔާ އިން މުންނާރު ބެލެހެއްޓި އިރު ދޭތެރެ ދޭތެރެއިން މުންނާރު މަރާމާތްކޮށް ކުލަލައި ބަލަހައްޓާ ކަމަށާއި އެ މަސައްކަތް ހުއްޓާލީ މުންނާރު ހަވާލުވެފައި ވަނީ ކޮން ބައެއްކަން ނޭނގި އުފެދުނު ދެ ބަސްވުންތަކާ ގުޅިގެން ކަމަށެވެ.

އިސްލާމީ ތާރީހާ ވެސް ހުޅިފައިވާ އަދި ފަތުރުވެރިންގެ ތެރޭގައި ވެސް މަގުބޫލް ހުކުރު މިސްކިތުގެ މުންނާރު ވަނީ މިހާރު ވަރަށް ބޮޑަށް ހަޑިވެފަ އެވެ. އެގޮތުން މުންނާރުގައި ލައިފައި ހުރި ކުލަބާވެ މިހާރު ވަނީ ކަޅު ކުލަ ހިފާފަ އެވެ.