17 Aug 2013, 10:13
ނިއުދިއްލީ (އޯގަސްޓް 17): ހަލާކުވުމުގެ ސަބަބުން ކަނޑުގެ އަޑިއަށް ގޮސްފައިވާ އިންޑިއާގެ ކަނޑުގެ ސިފައިންގެ ސަބްމެރިން އައިއެންއެސް ސިންދުރަކްޝަކް ކަނޑުއަޑިން ނެގުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށާ މިކަމަށް ވަގުތު ބޭނުންވާނެ ކަމަށް އިންޑިޔާގެ ދިފާޢީ ވުޒާރާއިން ބުނެފި އެވެ.
އިންޑިޔާގެ ދިފާޢީ ވުޒާރާގެ މަސްއޫލުވެރިއަކު ވިދާޅުވީ ސިންދުރަކްޝަކް ކަނޑު އަޑިން ނެގުމުގެ މަސައްކަތް ކުރަނީ ޑައިވަރުންނާއި އިންޖިނޭރުންގެ ޚާއްސަ ޓީމަކުން ކަމަށާ އެއީ ބުރަ ފަންނީ މަސައްކަތެއް ކަމުގަ އެވެ. އެސަބްމެރިންގެ 18 ފަޅުވެރިން އޭގެތެރޭގައި މަރުވެފައިވާނެ ކަމަށް ބެލެވޭކަމަށް އިންޑިޔާގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ. ރަޝިޔާގައި އުފައްދާފައިވާ އެ ސަބްމެރިންގައި ރޯވެފައި ވަނީ މުންބާއިގައިވާ އިންޑިޔާގެ ކަނޑުގެ ސިފައިންގެ ޑޮކް ޔާޑެއްގައި އޮއްވައި މިދިޔަ އަންގާރަ ދުވަހު އެވެ.
ރަޝިޔާގެ ޑޮކްޔާޑެއްގައި ބާއްވައިގެން މަރާމާތު ކުރުމަށް ފަހު އެސަބްމެރިން އަނބުރައި އިންޑިޔާ އަށް ގެނަސްފައި ވަނީ މިއަހަރު ކުރީކޮޅުގަ އެވެ. ސިންދުރަކްޝަކް އަކީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު އުފައްދާފައިވާ ކުރީގެ ޓެކްނޮލޮޖީގެ ސަބްމެރިން އެކެވެ. މުންބާއިގެ ޑޮކްޔާޑުގައި އޮއްވައި އަލިފާރޯވުމަށް ފަހު އެސަބްމެރިންގެ ކޮންޓްރޯލް ގެއްލި ކަނޑުގެ އަޑިއަށްދިޔަ އިރު އޭގައި 18 ފަޅުވެރިއަކު ތިބިކަމަށްވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޑައިވަރުން ގެންދަނީ ސަބްމެރިންގެ އެތެރެއަށް ވަދެ އެ ނެގުމަށް ބޭނުންވާ ތައްޔާރީތައް ކުރަމުންނެވެ.
އެ ޙާދިސާގެ ސަބަބުން އިންޑިޔާ ސިފައިންނަށް ވަނީ ކުއްލި ސިހުމެއް ލިބިފަ އެވެ. އިންޑިޔާގެ ދިފާއީ ވަޒީރު އޭ.ކޭ އެންތަނީ ވަނީ މިއީ ފަހުގެ ތާރީޚެއްގައި އިންޑިޔާ ސިފައިނަށް ކުރިމަތިވި އެންމެ ހިތާމަވެރި ހާދިސާ ކަމަށް ސިފަކުރައްވާފަ އެވެ. އިންޑިޔާގެ ގިނަ ހަތިޔާރަކީ ކުރީގެ ސޯވިއެޓް ޔޫނިއަން ދުވަސްވަރުގެ ޓެކްނޮލޮޖީގެ ހަތިޔާރެވެ. ރަޝިޔާ ހަތިޔާރުގެ ޓެކްނޮލޮޖީ މިހާރު މިއަށް ވުރެ އެތައް ގުނައެއް ތަރައްޤީކޮށް ޒާމާނީކޮށްފައިވާތީ އިންޑިއާ ގެންދަނީއެގައުމުގައި ހުރި ކުރީގެ ސޯވިއެޓް ޔޫނިއަން ދުވަސްވަރުގެ ހަތިޔާރުތައް ރަޝިޔާގެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތަރައްޤީ ކުރުމަށް މަލްޓި ބިލިޔަން ޑޮލަރުގެ ޕްރޮގްރާމެއް ހިންގަމުންނެވެ.
އިންޑިއާގެ ކަނޑުގެ ސިފައިންގެ ވެރިޔާ އެޑްމިރަލް ޑީ.ކޭ ޖޯޝީ ވަނީ ސަބްމެރިންގޮވި ހާދިސާ ތަހްގީގުކުރުމަށް ކަމަށް ވަޢްދުވެވަޑައިގެންފަ އެވެ.(ރޮއިޓާސް)