ރާއްޖެ އެތެރެކުރި ބައި ކޮންޓޭނަރުގެ ބޭސް ހިފަހައްޓާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.


މިނިސްޓަރު އޮފް ސްޓޭޓް ފޯ ހޯމް އެފެއާޒު އަދި ކަސްޓަމްސް ހިންގެވުމާ ހަވާލުވެ ހުންނެވި މުހަންމަދު އަސްވާން ރޭ ވިދާޅުވީ އޭނާ ހަނދާންވާ ގޮތުގައި ހިފަހައްޓާފައި ވަނީ އޯމާން ނުވަތަ އިންޑިއާ އިން ހަދިޔާކޮށްފައިވާ ބޭސްތަކެއް ކަމަށާއި އެ ބޭސްތައް ބާޒާރަށް ނުނެރެ، ހިފަހައްޓާފައި ވަނީ ފުޑްސް އެންޑް ޑްރަގް އޮތޯރިޓީ އާއި ކަސްޓްމްސް ގުޅިގެން ކަމަށެވެ.
ބައެއް ބޭސް ހިފަހައްޓާފައި ވަނީ ހަލާކުވެފައި ހުރުމުން ކަމަށާއި އަނެއްބައި ބޭސް ހިފަހައްޓާފައި ހުރީ ޑިކްލިއާ ކުރުމަށް ހުށަހެޅި ފޯމަށްވުރެ އިތުރަށް ހުރުމުން ކަމަށް ކަސްޓަމްސް އިން ބުންޏެވެ.


އޭނާ ވިދާޅުވީ ރާއްޖެ އަށް "ފޭކް ބޭސް" އެތެރެކުރުން ވަނީ ހައްދުން ނެއްޓިފައި ކަމަށާއީ އެ އެވިޔަފާރި ކުރަނީ ހެލްތު މިނިސްޓްރީން ހުއްދަދީފައިވާ ޑޮކްޓަރުންނާއި ބޭސް އެތެރެކުރާ ފަރާތްތައް ގުޅިގެން ކަމަށެވެ. އަދި އެއީ އެކަށީގެންވާ ގޮތަކަށް ރެގިއުލޭޓް ނުކުރެވި ހިންގާ ވަރަށް "ނުރައްކާތެރި ވިޔަފާރިއެއް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖެ އެތެރެކުރާ ބައެއް ކާބޯތަކެއްޗިއްސަކީ ވެސް ވަރަށް ދަށްފެންވަރުގެ އެއްޗެތި ކަމަށާއި އެކޮނަމިކް މިނިސްޓްރީ އާއި އަދި ފްޑްސް އެންޑް ޑްރަގް އޮތޯރިޓީން ވެސް މީހުން ހޭލުންތެރި ކުރުވުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ވެސް އަސްވާން ތުހުމަތު ކުރެއްވި އެވެ.


އޭނާ ވިދާޅުވީ ބޯޑަ ކޮންޓްރޯލްގައި ތިބޭ ކަސްޓަމްސް މީހުންނަށް ކުރެވޭނީ ވަކިވަރެއް ކަމަށާއި އެއީ ސަރުކާރުގެ ކަމާ ބެހޭ ހުރިހާ ފަރާތްތައް ގުޅިގެން ކޮންޓްރޯލް ކުރަން ޖެހޭ ކަމެއް ކަމަށެވެ.