އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަށް އެންމެން އިންތިޒާރު ކުރެ އެވެ. އެންމެން ދައްކަނީ އިންތިހާބުގެ ވާހަކަ އެވެ. ވޯޓްލާހިތުން ތިބީ ކެތްމަދުވެފަ އެވެ.

އިންތިހާބު މިހާ ކައިރި ވެފައިވާ އިރު، އިންތިހާބާ މެދު ކުރާ އުއްމީދަކީ ކޮބައިހޭ އަހައިފި ނަމަ ކޮންމެ މީހެއްގެ ވެސް ފުރަތަމަ ޖަވާބަކަށް ވާނީ އެމީހަކު ތާއީދުކުރާ ކެންޑިޑޭޓަކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ކަމަށެވެ. ގައިމުވެސް ރިޔާސީ ކެންޑިޑޭޓުންގެ އުއްމީދަކަށް ވާނީ އެކަމެވެ.

ނަމަވެސް ދެވަނަ ފަހަރަށް ވިސްނާލައި، އިންތިހާބުގެ ސަބަބުން ނުކުމެދާނެ ނަތީޖާތަކާ މެދު ވިސްނާލުމުން އިންތިހާބާ މެދު ކުރެވޭ އެހެން އުއްމީދުތައް ދާދި އަވަހަށް ވިސްނެ އެވެ.

"އަޅުގަނޑު އުއްމީދުކުރަނީ މި އިންތިހާބުގެ ސަބަބުން ކަންތައްތަކަކާ މެދު ކުރެވޭ ޝައްކުތައް ފިލައި، ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ފިލައި ދާނެ ހެން،" ރަނގަޅު ވަޒީފާއެއް އަދާ ކުރާ ޒިންމާދާރު ބައްޕައެއް ކަމަށްވާ ޝިނާޒު އިބުރާހިމް ބުންޏެވެ.

އޭނާ ބުނީ ރާއްޖޭގެ ވެރިކަން 2012 ވަނަ އަހަރު ބަދަލުވީ ގޮތާ މެދު ބައެއް ރައްޔިތުންގެ ހިތްތަކުގައި އަދިވެސް ޝައްކުތައް އެބަހުރި ކަމަށެވެ. އަދި ސެޕްޓެމްބަރު ހަތެއްގައި ލާ ވޯޓަކީ އެމީހުންގެ ހިތްހަމަ ނުޖެހުމަށް ނިމުމެއް ގެނުވާނެ ވޯޓެއް ކަމަށެވެ.

"ކޮންމެ މީހަކު ހޮވުނަސް، ހެޔޮ، އަހަރެން ތާއީދު ނުކުރާ މީހަކު ވެރިކަމަށް އަޔަސް ހެޔޮ، ރައްޔިތުންގެ ސީދާ ވޯޓަކުން އައިމާ ރަނގަޅުވާނެ، މިހާރު އެންމެ ހިތްހަމަ ނުޖެހެނީ މިހާރު އޮތް ވެރިކަން އުފެދުނު ގޮތުން،" އުމުރުން 34 އަހަރުގެ މުމްތާޒު އަބުދުއް ރަހީމް ބުންޏެވެ.

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އުމުރުން 40 އަހަރުގެ އަލީ ފާރޫގެ ބުނީ 2012 ވަނަ އަހަރު ރާއްޖޭގެ ވެރިކަން ބަދަލުވީ ގޮތާ މެދު އެއްވެސް ހިތްބަރުކަމެއް ނެތް ކަމަށެވެ. ނަމަވެސް އެކަމާ މެދު އެތައް ރައްޔިތުންނެއް ޝައްކުކުރާ ކުރާ ކަމަށް އޭނާ ބުންޏެވެ. މި އިންތިހާބު މުހިއްމު ވަނީ އެހެންވެ ކަމަށް އޭނާ ދެކެއެވެ.
"ވެރިކަން ބަދަލުވީ ގޮތާ މެދު އަހަރެންގެ އެއްވެސް މައްސަލައެއް ނެތް، އެކަމަކު ވަރަށް ގިނަ ބަޔަކު އެކަމާ މެދު ޝައްކު ކުރޭ، ކޯނީގެ ރިޕޯޓްގެ ފަހުން ވެސް. އެމީހުންގެ ޝައްކުތައް ފިލައި، މުޖުތަމައުން ނުތަނަވަސްކަން ފިލުވާލުމަށް މި އިންތިހާބު ވަރަށް މުހިއްމު،" އޭނާ ބުންޏެވެ.

އިންތިހާބާ މެދު މިފަދަ ގޮތަކަށް މީހުންގެ އުއްމީދުތައް ހުރުމުން އެނގެނީ ފެހި ގާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބަށް ވުރެ މި އިންތިހާބުގެ މުހިއްމުކަން ގައުމަށް މާ ބޮޑު ކަމެވެ.

އިންތިހާބުގެ މުހިއްމު ކަން ގިނަ ބަޔަކަށް ވިސްނޭ އިރު، ކަންބޮޑުވާ ކަންތައްތަކެއް ވެސްވެ އެވެ.
އިންތިހާބާ މެދު އޮތް ކަންބޮޑުވުމަކީ ކޮބައިތޯ އަހާލުމުން ފާރޫގު ބުނީ އިލެކްޝަން ކޮމިޝަނުގެ ބައެއް އިސްބޭފުޅުންގެ އަނބިއަނބި ކަނބަލުން ސިޔާސީ ކަންކަމުގައި އުޅޭތީ ކަންބޮޑުވާ ކަމަށެވެ. އެއީ އެބޭފުޅުންގެ ނުފޫޒު ފޯރައި، ކޮމިޝަނުގެ އެތެރޭގައި ނޭދެވޭ ކަންތައްތަކެއް ހިނގާފާނެތީ ކަމަށް އޭނާ ބުންޏެވެ.

"އިލެކްޝަނުގެ އޮފިޝަލުންގެ ފަރާތުން ގޯހެއް ވެދާނެތީ ކަންބޮޑުވޭ، ވޯޓް އޮޅުވާލުމަށް ކަމެއް ކޮށްފާނެތީ، އިލެކްޝަނުގެ ބައެއް އިސްބޭފުޅުންގެ އަނބިއަނބި ކަނބަލުން އެބަ އުޅުއްވާ ސިޔާސީ ކަންކަމުގައި،" އިންތިހާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކުރާނެ ކަމަށް ބުނާ ފާރޫގު ބުންޏެވެ.

ޝިނާޒު ބުނީ އޭނާ ކަންބޮޑު ވަނީ ސަރުކާރުގެ ނުފޫޒެއް އިލެކްޝަން ކޮމިޝަނުގެ މައްޗަށް ނުފޫޒު ފޯރުވާ ފާނެތީ ކަމަށެވެ. އޭނާ ގަބޫލުކުރަނީ މިހާރު އޮތް ސަރުކާރަކީ ސިފައިންނާއި ފުލުހުންގެ ނުފޫޒު ގަދަ ކަމަށެވެ.
"އެދުވަހު އޮތް ކަންބޮޑު ވުމަކީ ބަޣާވާތުގެ ވެރިކަމެއް އޮވެފައި، އިލެކްޝަން ކޮމިޝަނުގެ ތެރެއިން ވޯޓް އޮޅުވާލުމަށް ސިފައިންނާއި ފުލުހުން ބޭނުންކޮށްގެން މަސައްކަތް ކޮށްފާނެ ކަމުގެ ކަންބޮޑުވުން،" ވަރުގަދައަށް އެމްޑީޕީ އަށް ތާއީދުކުރާ ޝިނާޒް ބުންޏެވެ.

ޝިނާޒުއާއި ފާރޫގާއި އެނޫން ވެސް އެފަދަ ރައްޔިތުންގެ ކަންބޮޑުވުން ތަކަށް އިލެކްޝަންސް ކޮމިޝަނާއި ސަރުކާރުން ވަނީ މާކުރިން ފެށިގެން ޖަވާބުދާރީ ވެފަ އެވެ.

ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ އެތައް ފަހަރަކު ވިދާޅުވެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ވެސް ބުނެފައި ވަނީ އެ ކޮމިޝަނުގެ މެމްބަރުން ތިބީ ރައްޔިތުންނަށް މިނިވަން އިންސާފުވެރި އިންތިހާބެއް ހޯދައި ދިނުމަށް ކަމަށެވެ.

"ކޮމިޝަންގެ އަގު ވައްޓާލައި ރައްޔިތުންގެ ހިތްތަކުގައި ކޮމިޝަނާ މެދު އޮތް އިތުބާރު ގެއްލުވާލައި، އެ ކޮމިޝަނަށް ބިރުދައްކަން ކުރާ މަސައްކަތްތަކަށް އިލެކްޝަންސް ކޮމިޝަނުން ބޯ ނުލަނބާނެ އެވެ. ދިވެހި ރައްޔިތުންނަށް ނުފޫޒުން އެއްކިބާވެފައިވާ އިންސާފުވެރި އިންތިޚާބެއް ހޯދައި ދިނުމަށް އިލެކްޝަންސް ކޮމިޝަން ސާބިތުވެ އޮންނާނެ އެވެ،" ކޮމިޝަނުގެ މަސައްކަތާ ބެހޭ ގޮތުން ސިޔާސީ ޕާޓީއަކުން ކުރި ތުހުމަތަކަށް ޖަވާބު ދިނުމަށް ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ވާހަކަ ދައްކާލި ބައެއް މީހުންގެ އޮތް އަނެއް ކަންބޮޑު ވުމަކީ ވޯޓްލާ ދުވަހު ސިޔާސީ ޕާޓީތަކުން ރާވައިގެން ހަމަނުޖެހުންތައް ހިންގަފާނެ ކަމުގެ ކަންބޮޑުވުމެވެ. ބައެއް މީހުން ގަބޫލު ކުރަނީ އެފަދަ ހަމަނުޖެހުންތައް މިހާރު ވެސް ރާވަމުން ދާނެ ކަމަށެވެ.

"އެންމެ ބިރު ގަންނަނީ ވޯޓްލާ ދުވަހު ހަމަނުޖެހުންތައް ހިންގަފާނެތީ، ސިޔާސީ ޕާޓީތަކުން އެފަދަ ކަންތައްތައް ކޮށްފާނެ، މިހާރު ވެސް އެމީހުން އެކަން ރާވައިގެން ތިބެދާނެ،" އިމާރާތްކުރުމުގެ މަސައްކަތް ކުރާ އުމުރުން 32 އަހަރުގެ މުހައްމަދު ނާޝިދު ބުންޏެވެ.

އެމްޑީޕީ އަށް ތާއީދުކުރާ މުމްތާޒު އަބުދުއްރަހީމް ބުނީ ވޯޓްލާ ދުވަހު ފުލުހުންނާއި ސިފައިން ހަމަނުޖެހުމަށް މަގު ފަހި ކޮށްފާނެ ކަމަށް އޭނާ ދެކޭ ކަމަށެވެ.

"ޔުނީފޯމު އެޅި މީހުން، (ސިފައިންނާއި ފުލުހުން) މިހާރު ތިބީ ވަރަށް ސިޔާސީ ވެފައި، އެމީހުން ރާވަފާނެ ހަމަނުޖެހުންތައް އުފެދޭނެ ގޮތްތައް،" އޭނާ ބުންޏެވެ.

އެކިމީހުން ދެކޭ ގޮތް ތަފާތު ވެދާނެ އެވެ. ނަމަވެސް އަންނަ ރިޔާސީ އިންތިހާބުގައި ރާއްޖޭގައި އަމަން އަމާންކަން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފަ އެވެ.

އެކި މީހުންގެ ހިތުގައި އުފެދިފައިވާ ކުދިކުދި ޝައްކުތަކާ އެކުގައި ވެސް މި އިންތިހާބާ މެދު ގައުމެއްގެ ނިސްބަތުގައި ކުރެވޭ ބޮޑު އުއްމީދަކީ، އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަން ކެނޑިދިއުމެވެ. ތަރައްގީއާ މެދު ވިސްނާލާނެ ވަގުތު ލިބުމެވެ.