17 Aug 2013, 09:41
ޤާހިރާ (އޮގަސްޓް 17): މަޤާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް މުޙައްމަދު މުރުސީ އަށް ތާއީދުކުރާ ފަރާތްތަކުން އިއްޔެގެ ހުކުރު ނަމާދަށް ފަހު ކުރި ސުލްޙަވެރި މުޒާހަރާތަކަށް ވެސް މިސްރުގެ ސަލާމަތީ ބާރުތަކުން ބަޑިޖަހައި 95 މީހަކު މަރާލައިފި އެވެ.
މުރުސީ އަށް ތާއީދުކުރާ އެތައް ހާސްބަޔަކު ޤާހިރާގައާއި މިސްރުގެ އެކި ކަންކޮޅުތަކުގައި އިއްޔެ މުޒާހަރާކޮށްފައި ވަނީ ޤާހިރާގެ ރާބިޢާ އަލްޢަދަވިއްޔާ މައިދާނާއި ނަހްޒާ މައިދާނުގައި އިޙްތިޖާޖް ކުރަމުންގެންދިޔަ މީހުންނާ ދެކޮޅަށް މިދިޔަ ބުދަ ދުވަހު މިސްރު ސިފައިން ބާރުގެ ބޭނުންކޮށް 600 އަށް ވުރެ ގިނަ މީހުން މަރާލައި 2000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލާފައި ވާތީ އެކަމާ ދެކޮޅަށް ރުޅިވެރިކަން ފާޅުކުރުމުގެ ގޮތުންނެވެ. މިގޮތުން މުރުސީ އަށް ތާއީދުކުރާ ފަރާތްތަކުން އިއްޔެގެ ހުކުރު ނަމާދަށް ފަހު މުޒާހަރާއަށް ނުކުތީ "ރުޅިވެރިކަން ފާޅުކުރުމުގެ ހުކުރު ދުވަސް" މިޝިޢާރުގެ ދަށުންނެވެ. އިއްޔެ މުޒާހަރާއަށް ނުކުތްމީހުން ނަކީ "ޓެރަރިސްޓުން" ކަމަށް މިސްރުގެ ދާޚިލީ ވުޒާރާ އިން ވަނީ ސިފަކޮށްފަ އެވެ.
މިސްރުގެ ސަލާމަތީ ބާރުތަކުން ބަޑިޖަހައި އިއްޔެ މަރާލި 95 މީހުންގެ ތެރެއިން 70 ވަރަކަށް މީހުން މަރާލާފައި ވަނީ ޤާހިރާގަ އެވެ. އަނެއް 25 މީހުން މަރާލާފައި ވަނީ މިސްރުގެ އެހެން ސިޓީތަކުގަ އެވެ. މިސްރު ސިފައިންގެ އަނިޔާވެރިކަމާ ދެކޮޅަށް ރުޅިވެރިކަން ފާޅުކުރުމުގެ ހުކުރު ދުވަހުގެ ޝިޢާރުގެ ދަށުން ޤާހިރާގެ އިތުރުން މިސްރުގެ އެތައް ސިޓީތަކެއްގައި މުޒާހަރާކޮށްފައިވެ އެވެ. މީގެތެރޭގައި އިސްކަންދަރިއްޔާ، އަލްޢަރީޝް، އަސްޔޫތް، ދިމްޔާތު، ފައްޔޫމް، އިސްމާޢީލިއްޔާ، އަދި ތަންތާ ހިމެނެ އެވެ. މިސްރުގެ އިންޤިލާބީ ސަރުކާރުން ވަނީ ކުއްލި ޙާލަތު އިއްލާންކޮށް އެގައުމުގެ ގިނަ ރައްތަކުގައި ކާފިއު ހިންގާފަ އެވެ. މިކާފިއުއާ ޚިލާފަށް މަގުމައްޗަށް ނުކުންނަ ކޮންމެ މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލާނެ ކަމުގެ އިންޒާރު ދާޚިލީ ވަޒީރު އަހްމަދު އިބްރާހީމް ވަނީ ދެއްވާފަ އެވެ.
މުރުސީގެ ވެރިކަން ވައްޓާލުމަށް ފަހު މިސްރުގެ އިންޤިލާބީ ސަރުކާރުން ވަނީ ޙުސްނީ މުބާރަކުގެ ދުވަސްވަރުގައާ އަދި ޒަމާނުއްސުރެ މިސްރުގައި އޮތް ޕޮލިސް ސްޓޭޓްގެ ނިޒާމު މިސްރުގައި އަލުން ޤާއިމްކޮށްފަ އެވެ. މީގެތެރޭގައި ޤާނޫނު އަސާސީއަށް ޢަމަލުކުރުން ހުއްޓާލުމާއި ސުލްޙަވެރި އެއްވުންތަކަށް ވެސް ބަޑިޖަހާނެ ކަމުގެ އިންޒާރު ދިނުމާއި ޝަރީޢަތާނުލައި މީހުން ޖަލުގައި ހައްޔަރު ކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގެންފައިވުމާއި ކުއްލި ޙާލަތު އިޢްލާން ކުރުމާއި މިނިވަން މީޑިޔާއަށް ފުރްސަތު ނުދިނުމާއި ދައުލަތުގެ މީޑިޔާ ޙިސާރުކޮށް ސަރުކާރުގެ ސިޔާސީ ޕްރޮޕަގެންޑާތައް ފެތުރުމާއި ސަރުކާރުގެ އިސްމަޤާމުތަކަށް ކުރީގެ ޢަސްކަރީ ޖެނެރަލުން ލެއްވުން ހިމެނެ އެވެ.
މީގެއިތުރުން މިސްރުގެ އިންޤިލާބީ ސަރުކާރުން ވަނީ އިދިކޮޅު ސިޔާސީ އެތައް ސަތޭކަ ބަޔަކު ޝަރީޢަތަކާ ނުލައި ހައްޔަރުކޮށް ޖަލަށްލާފަ އެވެ. މީގެތެރޭގައި ގިނައީ މަޤާމުން ދުރުކޮށްފައިވާ ކުރީގެ މުޙައްމަދު މުރުސީއާއި އޭނާގެ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ އިސްވެރިންނެވެ. މިސްރުގެ ސަލާމަތީ ބާރުތަކުން އަނިޔާވެރިކަން ކުރިޔަށްނެރެ ކުށެއްނެތް ޢާންމުން މަރަމުން ގެންދާތީ މިސްރުގެ އިންޤިލާބީ ސަރުކާރާ ދެކޮޅަށް ބައެއް ޢަރަބި ގައުމުތަކުގެ ރައްޔިތުން ވަނީ މުޒާހަރާކުރަން ފަށާފަ އެވެ.
މިސްރުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި ގައުމުތަކުގެ ތެރޭގައި ފަލަސްތީނާއި ޔަމަނާއި މޮރިޓޭނިޔާއާއި ލީބިޔާއާއި ތޫނިސް ހިމެނެއެވެ. މުރުސީ ނިސްބަތްވެވަޑައިގަންނަވާ އިޚްވާން ޖަމާއަތުން ވަނީ ކިތަންމެ ވަރަކަށް މީހުން މެރިނަމަވެސް މިސްރުގެ އަނިޔާވެރި އިންޤިލާބީ ވެރިކަމާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާތައް ކުރިޔަށްގެންދާނެ ކަމަށް ބުނެފަ އެވެ. (އަލްޖަޒީރާ)