17 Aug 2013, 09:25
ޤާހިރާ (އޮގަސްޓް 17): މަޤާމުން ދުރުކޮށްފައިވާ، މިސްރުގެ ކުރީގެ ރައީސް މުޙައްމަދު މުރުސީ އަށް ތާއީދުކުރާ އެތައްލައްކަ ބަޔަކާ ދެކޮޅަށް ޤާހިރާގެ ރާބިޢާއަލްޢަދަވިއްޔާ މައިދާނާއި ނަހްޒާ މައިދާނުގައި މިސްރުގެ ސިފައިން ބާރުގޭ ބޭނުންކޮށް ހިންގި ޤަތްލު އާންމުގައި 625 މީހުން މަރުވެފައިވާކަން މިހާރު ކަށަވަރުވެފައިވާ އިރު ދުނިޔޭގެ އެތައް ގައުމަކުން މިސްރު ކުށްވެރިކޮށް މިސްރުގައި ތިއްބަވާ އެގައުމުތަކުގެ ސަފީރުން އަނބުރައި ގައުމަށް ގެންދަމުން އެބަދެ އެވެ.
މިސްރު ސިފައިން ހިންގި މިޖަރީމާއާ ގުޅިގެން މިސްރުގެ އިންޤިލާބީ ސަރުކާރު ކުށްވެރިކޮށް މިސްރުގައި ތިއްބަވާ ސަފީރުން އަނބުރައި ގެންދިޔުމަށް ނިންމި ގައުމުތަކުގެ ތެރޭގައި ޔޫރަޕާއި ލެޓިންއެމެރިކާ އާއި އެފްރިކާއާއި ބައެއް ޢަރަބި އަދި އިސްލާމީ ގައުމުތައް ހިމެނެ އެވެ. ސަފީރުން އަނބުރައި ގެންދިޔުމަށް ނިންމި ޔޫރަޕްގެ ގައުމުތަކުގެ ތެރޭގައި ޖަރުމަނާއި ފަރަންސޭސިވިލާތާއި ޑެންމާކާއި ސްޕޭނާއި ސްވިސްޓްޒަރލޭންޑް ފަދަ ގައުމުތައް ހިމެނެ އެވެ. ލެޓިންއެމެރިކާގެ ގައުމުތަކުގެ ތެރޭގައި ވެނެޒުއެލާއާއި އިކުއެޑޯރއާއި މެކްސިކޯ އާއި އާޖެންޓީނާ ހިމެނެ އެވެ. އިސްލާމީ ގައުމުތަކުގެ ތެރޭގައި ތުރުކީއާއި ތޫނިސްއާއި ލީބިޔާ ހިމެނެއެވެ.
ޔޫރަޕްގެ އިއްތިޙާދުން ބުނެފައިވަނީ މިސްރާމެދު ގޮތެއްނިންމުމަށްޓަކައި މިއަދު ބައްދަލުވުމެއް ބާއްވާނެކަމަށާ މިސްރުންގެ ސިފައިން އެގައުމުގެ އާންމުންނާ ދެކޮޅަށް ހިންގި ހަރުކަށި ޢަމަލުތަކުގެ ސަބަބުން މިސްރާ ދެކޮޅަށް ދަތިކުރުމުގެ ބައެއްފިޔަވަޅުތައް އެޅުމަށް ޔޫރަޕްގެ އިއްތިޙާދުން ނިންމުމަކީ އެކަށީގެންވާ ކަމެއްކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. މިސްރުގެ އިންޤިލާބީ ސަރުކާރުން ވަނީ ދުނިޔޭގެ ގައުމުތަކުން މިސްރާ ދެކޮޅަށް އަޅަމުންދާ މިފިޔަވަޅުތަކާ މެދު ކަންބޮޑުނުވާކަމަށް ބުނެފަ އެވެ. މިސްރުގެ ޚާރިޖިއްޔާ އިން ބުނީ ބޭރުގެ ފިއްތުންތަކަށް ބެލުމެއްނެތި "ގައުމީ މަސްލަޙަތަށްޓަކައި" އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ވަގުތީ ސަރުކާރުން އަޅާނެ ކަމުގަ އެވެ.
އަނެއްކޮޅުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ މިސްރު ސިފައިން ހިންގި ޤަތްލުއާންމު ކުށްވެރި ނުކުރައްވައި ހަނުހުންނެވި ހުރުން ނިމުމަކަށް ގެނައުމަށް ފަހު މިކަން ކުށްވެރިކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އޮބާމާ ވިދާޅުވީ ސުލްޙަވެރި މުޒަހަރާތަކާ ދެކޮޅަށް ޢަސްކަރީ ބާރުބޭނުންކޮށް މީހުން މެރުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫން ކަމަށާ އަދި އަޅާނުލައި ދޫކޮށްލެވޭނެ ކަމެއްވެސް ނޫންކަމުގަ އެވެ. މިސްރު ސިފައިންގެ މިފަދަ ޢަމަލުގެ ސަބަބުން ޒަމާނުއްސުރެ މިސްރާއި އެމެރިކާއާ ދެމެދުއޮތް ޢަސްކަރީ އަދި ޑިޕްލޮމެޓިކް ގުޅުންތައް މުސްތަޤްބަލްގައި ދަމަހައްޓަން އުދަނގޫވާނެ ކަމުގެ އިންޒާރު ދެއްވަމުން އޮބާމާވަނީ މިސްރު ސިފައިންނާއި އެމެރިކާ ސިފައިންނާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ބްރައިޓް ސްޓާރ ޢަސްކަރީ ތަމްރީންތައް ކެންސަލްކުރިކަން އޮބާމާ އިޢްލާންކުރެއްވި އެވެ.
ނަމަވެސް ކުށެއްނެތް 600 އަށްވުރެގިނަ ޢާންމުން މަރާލިކަމުގެ ތުހުމަތުކުރެވިފައިވާ މިސްރުގެ އިންޤިލާބީ ސަރުކާރާއި މިސްރުގެ ސިފައިންގެ އިސްވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމަށް އެމެރިކާ ވަނީ ފަސްޖެހިފަ އެވެ. އޮބާމާ މިހެންވިދާޅުވި ނަމަވެސް މިސްރު ސިފައިން ހިންގި މިޖަރީމާއާ ދެކޮޅަށް ޙަރަކާތްތެރިވާން ޖެހޭ މިންވަރާ ގާތަށް ވެސް އެމެރިކާ ޙަރަކާތްތެރި ނުވާކަމަށާ އީރާން ފަދަ އެމެރިކާ ނުރުހޭ ގައުމަކުން މިފަދަ ޢަމަލެއް ހިންގިނަމަ އެމެރިކާގެ ބަސްމަގާއި ޢަމަލުތައް ހުންނާނީ މިއާދިމާ އިދިކޮޅަށް ކަމަށް މުޙައްލިލުން ދެކެ އެވެ. މީގެއިތުރުން އެމެރިކާ ވަނީ މުރުސީގެ ދިމުޤްރާތީ ވެރިކަން ވައްޓާލުމަށް މިސްރު ސިފައިން ގެނައި ޢަސްކަރީ އިންޤިލާބަކީ ވެސް އިންޤިލާބެއް ކަމަށް ނިންމައި މިސްރުގެ ޑިމޮކްރަސީ ޙިމާޔަތް ކުރުމަށް ފަސްޖެހިފަ އެވެ.
މިސްރުގެ އެންމެ ބޮޑު ސިޔާސީ ބާރުކަމަށްވާ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ ބައެއް ލީޑަރުން ވަނީ މިސްރު ސިފައިންގެ އަނިޔާވެރި ޢަމަލުތަކުގެ ފަހަތުގައި ނުސީދާގޮތެއްގައި އެމެރިކާ ވާކަމަށް ތުހުމަތުކޮށްފަ އެވެ. މިސްރުގައި ލެބެރަލް ޑިމޮކްރަސީގެ ޚިޔާލުގެ މީހުން ގެ ގޮތުގައި ސިފަކުރެވޭ ފަރާތްތަކާއި ޑިމޮކްރަސީގެ ނަމުގައި ޙަރަކާތްތެރިވާ މަދަނީ ބައެއް ޖަމްޢިއްޔާ ޖަމާއަތްތަކުން ވެސް ސިފައިންގެ އިންޤިލާބަށާއި މުރުސީއަށް ތާއީދުކުރާ ފަރާތްތަކާ ދެކޮޅަށް ސިފައިން ހިންގި ގަތްލުއާންމަށް ތާއީދުކޮށްފައި ވާތީ އެފަދަ ފަރާތްތަކުގެ ދެފުށްދެގޮތް ކަމާމެދު އިޚްވާން ޖަމާއަތުންވަނީ ސުވާލުއުފައްދާފަ އެވެ.
މުރުސީގެ ވެރިކަން ވައްޓާލުމަށް ފަހު މިސްރުގެ އިންޤިލާބީ ސަރުކާރުން ވަނީ ޙުސްނީ މުބާރަކުގެ ދުވަސްވަރުގައާ އަދި ޒަމާނުއްސުރެ މިސްރުގައި އޮތް ޕޮލިސް ސްޓޭޓްގެ ނިޒާމު އަލުން ޤާއިމްކޮށްފަ އެވެ. މީގެތެރޭގައި ޤާނޫނު އަސާސީއަށް ޢަމަލުކުރުން ހުއްޓާލުމާއި ސުލްޙަވެރި އެއްވުންތަކަށް ވެސް ބަޑިޖަހާނެ ކަމުގެ އިންޒާރު ދީފައިވުމާއި ޝަރީޢަތާނުލައި މީހުން ޖަލުގައި ހައްޔަރު ކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގެންފައިވުމާއި ކުއްލި ޙާލަތު އިޢްލާން ކުރުމާއި މިނިވަން މީޑިޔާއަށް ފުރްސަތު ނުދިނުމާއި ދައުލަތުގެ މީޑިޔާއިން ސަރުކާރުގެ ސިޔާސީ ޕްރޮޕަގެންޑާތައް ފެތުރުމާއި ސަރުކާރުގެ އިސްމަޤާމުތަކަށް ކުރީގެ ޢަސްކަރީ ޖެނެރަލުން ލެއްވުން ހިމެނެ އެވެ. މީގެއިތުރުން މިސްރުގެ އިންޤިލާބީ ސަރުކާރުން ވަނީ އިދިކޮޅު ސިޔާސީ އެތަށް ސަތޭކަ ބަޔަކު ޝަރީޢަތަކާ ނުލައި ހައްޔަރުކޮށް ޖަލަށްލާފަ އެވެ. މީގެތެރޭގައި މަޤާމުން ދުރުކޮށްފައިވާ ކުރީގެ މުޙައްމަދު މުރުސީއާއި އޭނާގެ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ އިސްވެރިން ހިމެނިވަޑައިގަންނަވައެވެ. (ނޫސްއެޖެންސީތައް)