16 Aug 2013, 22:22
ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމާއި މައްޗަންގޯޅީ ވިދުވަރު، އެސްޓިއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ހެންވޭރު ދަނޑުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗު، މިދިޔަ އަހަރުގެ ޗެމްޕިއަން ފީއަލި ޓީމުން ކާމިޔާބުކުރީ ކާމިނީ ސްޕޯޓްސްއާ ވާދަކޮށް 32 ލަނޑު 11 ފޯލި، 25 ލަނޑު 10 ފޯލިންނެވެ. އެ މެޗުގައި އެންމެ ގިނަ ފޯލި ސައިކުރީ 80 ފޯލި ސައިކުރި ފީއަލި ޓީމްގެ ސިހާމާ އަބްދުއްރަޝީދު އެވެ. އެންމެ ގިނަ ފޯލި ހިފީ ފީއަލި ޓީމުގެ ފާތިމަތު އަރޫސާ އެވެ. އޭނާ 16 ފޯލި ހިފިއެވެ.
ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ހުޅުމާލޭ ވިމެންސް ސްޕޯޓްސްއާ ވާދަކޮށް މައްޗަންގޯޅީ ވިދުވަރު މެޗު ކާމިޔާބުކުރީ 30 ލަނޑު ތިން ފޯލި، 28 ލަނޑު 11 ފޯލިންނެވެ. އެ މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ 92 ފޯލި ސައިކުރި ވިދުވަރު ޓީމުގެ ހަލީމަތު ސަމާ އެވެ. އެންމެ ގިނަ ފޯލި ހިފީ 13 ފޯލި ހިފި ވިދުވަރު ޓީމުގެ އާމިނަތު ސަމާ އެވެ.
އަތޮޅު ތެރޭގެ ނުވަ ޓީމަކާއި މާލެއިން 10 ޓީމަކާއެކު ޖުމްލަ 19 ޓީމް ވާދަކުރި މިއަހަރުގެ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔާ ނުވަތަ ބަށި ރާނީއަށް ހޮވޭ ފަރާތަކަށް މޯލްޑިވިއަންގެ ފަރާތުން ޗެންނާއީއަށް ދެކޮޅު ޓިކެޓް ހުށަހަޅާފައިވާއިރު މިއަހަރުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި 100،000ރ. ލިބޭނެ އެވެ. އަދި ރަނަރަޕް ޓީމަށް 50،000ރ. އާއި ތިންވަނަ ޓީމަށް 25،000ރ. ހުށަހަޅާފައިވާއިރު މުބާރާތުގެ ފެއަޕްލޭ ޓީމަށް 10،000ރ. ވަނީ ހުށަހަޅާފަ އެވެ.
ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ ފައިނަލްގައި ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމާއި މައްޗަންގޯޅީ ވިދުވަރު ބައްދަލުކުރާ މެޗު ކުޅެން ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 4:00ގަ އެވެ.