16 Aug 2013, 21:42
ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު މިރޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި އެވެ.
އެކަން އިއުލާން ކުރެއްވީ މިރޭ ރާޅުގަނޑު ސަރަހައްދުގައި ކުރިއަަށްދާ ޖުމްހޫރީ ޕާޓީގެ ޖަލްސާގަ އެވެ. އެ ޖަލްސާގައި ކީރިތި ގްރުއާން ވިދާޅުވަނީ ވެސް އަހުމަދު ރަޝީދެވެ. އޭނާ ޖޭޕީއަށް ގުޅިވަޑައިގަތުމުގެ ކުރިން އަހުމަދު ރަޝީޑު ހުންނެވީ ޕީޕީއެމްގަ އެވެ. އޭގެ ކުރިން އޭނާއަކީ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އުފެއްދެވި ޕީޕަލްސް އެލަޔަންސް (ޕީއޭ) ޕާލަމެންޓްރީ ގްރޫޕްގެ މެންބަރެކެވެ.
ޖުމްހޫރީ ޕާޓީއަށް އޭނާ ގުޅިވަޑައިގެންނެވުމުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގައި މިހާރު ތިއްބަވާނީ ފަސް މެންބަރުންނެވެ. އެއީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ގާސިމް އިބްރާހިމާއި މަރަދޫ ދާއިރާގެ މެންބަރު ހަސަން އާދިލާއި ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދުގެ އިތުރުން މިރޭ ގުޅިވަޑައިގެންނެވި އަހުމަދު ރަޝީދެވެ.