ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމަކީ ކޮންމެ މީހެއްގެ މައްޗަށް ވެސް އޮތް ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށާއި ކޮންމެ މީހަކަށް ވެސް އެމީހަކަށް ފެންނަ ކެންޑިޑޭޓަކަށް ވޯޓު ދިނުމުގެ އިޚްތިޔާރު އޮންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ވިދާޅުވެއްޖެ އެވެ.

ނ. އަތޮޅުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު ހޮޅުދުއަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި އަހަރުގެ އިންތިޚާބު މިނިވަންކަމާއި އަމާންކަމާ އެކު ގެންދެވުމަށް ސަރުކާރުން ހުރިހާ މަސައްކަތެއް ވެސް ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާން ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ބޭރުގެ ވަރަށް ގިނަ ފަރާތްތަކުން ވެސް، އެމަނިކުފާނުގެ އިސްތިޢުފާއަށް ގޮވައި ރާއްޖޭގައި ވަގުތުން ރިޔާސީ އިންތިޚާބެއް ބޭއްވުމަށް ވެސް ގޮވާލަމުން ދިޔަކަކަމަށެވެ. އެހެންނަމަވެސް، އެއީ ގާނޫނު އަސާސީއާ ޚިލާފުކަމެއް ކަމަށް ވިދާޅުވެ، ބޭރުގެ ފަރާތްތަކަށް ރައްދު ދެއްވި ކަމަށާއި ހުރިހާ މަސައްކަތެއް ވެސް ކުރެއްވީ ރައްޔިތުންނާއި ޤައުމުގެ މަޞްލަޙަތަށް ޓަކައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި، ރާއްޖޭގެ ޤާނޫނު އަސާސީ ދަމަހައްޓަވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް އަބަދުވެސް ދެއްވަމުން ގެންދަވާކަން ބަޔާންކުރައްވަމުން، ﷲ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ، ހާމަކަން ބޮޑު ރިޔާސީ އިންތިޚާބަކަށް ވެގެންދާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ދައުލަތުގެ ދަރަނީގެ ވަރަށް ބޮޑު ބައި މިހާރު ދައްކާ ނިމިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި 18 އަހަރުވުމާ ހަމައަށް ކޮންމެ ކުއްޖަކު ވެސް ތަޢުލީމުގެ ނިޒާމުގެ ތެރޭގައި ހުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވި އެވެ. އެގޮތުން، އޯ ލެވެލް ފާސް އޮތަސް އަދާކުރާނެ ވަޒީފާތަކެއް ނުހުންނަ ކަމަށާއި އެކަމުގެ ސަބަބުން އެކުދިން މަސައްކަތެއް ނެތި އުޅެންޖެހި، އެކިއެކި ޖަރީމާތައް ހިންގައި، މީސްމީހުންގެ ޝިކާރައަކަށް ވެގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.