ރާއްޖެއަކީ މުއްސަނދި ގައުމެއް ކަމަށާއި ދިވެހިން ދަރަނިވެރިވެގެން ދިރިއުޅޭކަށް ނުވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

"އޯގާތެރި ސަރުކާރު"ގެ ނަމުގައި އެމްޑީޕީން އެކުލަވާފައިވާ އިޖުތިމާއީ ރައްކާތެރިކަމުގެ ސިޔާސަތު އިފްތިތާހު ކުރުމަށް ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު މިއަދު ވިދާޅުވީ އަތަށް ލިބޭ އެއްޗެއް ނޫނީ ނުދެވޭނެ ކަމަށާއި ދަރަންޏަށް އުޅެން ނުވާނެ ކަމަށެވެ.

".. މިޕްރޮގްރާމް ފުޅާ ވެވޭނީ ދަންނަވަންތޯ މިއާ ގުޅުވައިގެން އެހެން ކަމެއް ވެސް ފުޅާކޮށްގެން، އެއީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށްގެން، އަތަށް ލިބޭ އެއްޗެއް ނޫނީ ނުއެއް ދެވޭނެ، ދަރަންޏަށް އަޅުގަނޑުމެން އުޅޭކަށް ނުވާނެ. މި ދިވެހިރާއްޖެއަކީ ތަނަވަސް ގައުމެއް، ދަރަންޏަށް އަޅުގަނޑުމެން އުޅޭކަށް ނުޖެހޭ،" ރައީސް ނަޝީދުވިދާޅުވި އެވެ.

އަދި ވިދާޅުވީ އާމްދަނީގެ ގޮތުގައި ލިބޭ މިންވަރު އިތުރުކުރުމަކީ ކުރެވޭނެ ކަމެއް ކަމަށެވެ. އިންތިހާބުގައި ވާދަކުރާ އެހެން ކެންޑިޑޭޓުންނަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ އާމްދަނީން ނަގާ ޓެކްސް ނުނަގާނެ ކަމަށް ވިދާޅުވާ ބޭފުޅުން ކަންކަމަށް ހަރަދުކުރާނެ ކަމަށް ވިދާޅުވާތީ ކަންބޮޑުވާ ކަމަށެވެ. އެއީ ތާކުން ތާކު ނުޖެހޭ ވާހަކަތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ކަންބޮޑުވަނީ އާމްދަނީން ނަގާ ޓެކްސް ނުނަގާނަމޭ ވިދާޅުވާ ބޭފުޅުން އަނެއްކާ ހަމަ އަނެއް ނޭވާގައި އެބަ ވިދާޅުވޭ، އެބޭފުޅުން އެވެނި ފައިސާއެއް މިވެނި ފައިސާއެއް އެވެނި ގޮތަކަށް ދައްކާނަމޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ވެރިކަމެއްގައި އިޖުތިމާއީ ރައްކާތެރިކަމަށް 16 ބިލިޔަން ރުފިޔާ ހަރަދުކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ އިޖުތިމާއީ ރައްކާތެރިކަމުގެ ސިޔާސަތުގެ ތެރޭގައި އަލަށް ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި ސްކޫލް ކުދިންނަށް ދޮންކެޔޮވަކަކާއި ކިރުތައްޓެއް ދިނުމާއި އާއިލާ ބިނާކުރާ މައިންބަފައިންނަށްދޭ އެހީތެރިކަމާއި ބޭރު މީހުންގެ ބަދަލުގައި ދިވެހިންނަށް ވަޒީފާ ދިނުމަށް ކުންފުނިތަކަށް އެހީތެރިވުން ހިމެނެ އެވެ.

އެމްޑީޕީން 2008 ވަނަ އަހަރު އެޕާޓީގެ މެނިފެސްޓޯ އެއްފަހަރާ އާއްމު ކުރި ނަމަވެސް މިފަހަރު އެ ޕާޓީން ގެންދަނީ މިނީ މެނިފެސްޓޯތަކެއްގެ ގޮތުގައި ވަކިވަކިން ސިޔާސަތުތައް ހާމަކުރަމުންނެވެ.

ދިވެހިން ދަރަންޏަށް ދިރިއުޅެން ނުޖެހޭނެ ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވި އިރު ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތް އިރު، ނުވަ ބިލިއަން ރުފިޔާގައި އޮތް ދައުލަތުގެ ދަރަނި ވަނީ ތިން އަހަރުގެ ތެރޭގައި 23 ބިލިޔަން ރުފިޔާ އަށް އަރުވާލައިފަ އެވެ.