16 Aug 2013, 20:14
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާ އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގް މިއަދު ބައްދަލުކުރައްވައިފި އެވެ.
އިންޑިއާ ސަރުކާރާ ހަވާލާދީ، އިންޑިއާގެ ދަ އެކޮނަމިކް ޓައިމްސް އިން މިއަދު ބުނީ އަންނަ މަހު 7 ވަނަ ދުވަހު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ވާނެ ކަމަށް ބޮޑުވަޒީރު އުންމީދު ކުރައްވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓް ގްރޫޕްގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޔާމީނާ އެކު ބޮޑުވަޒީރު އަރިހަށް ވަޑައިގަތް ހަ ބޭފުޅުންނަށް ދެންނެވި ކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާ އަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކުން ވެސް އިހްތިރާމު ކުރާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ބޮޑުވަޒީރު ވިދާޅުވި ކަމަށެވެ.
އިންޑިއާގެ ރަސްމީ ފަރާތްތަކާ ހަވާލާދީ އެ ނޫސް ބުނީ، ބޮޑު ވަޒީރު ޔާމީނާ ކުރެއްވި ބައްދަލުވުމަކީ ރާއްޖޭގެ ސިޔާސީ ފަރާތްތަކާ އެކު އިންޑިއާ އިން ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން ބޮޅެއް ކަމަށެވެ.
"ސެޕްޓެމްބަރު މަހު އޮންނަ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ވާނެ ކަމަށް ބޮޑު ވަޒީރު އުންމީދު ކުރައްވާ. އަދި ސުލްހަވެރިކަމާ އެކު އިންތިހާބަށް ފަހު ސަރުކާރު ބަދަލުވުމުގެ ކަންކަންދާނެ ކަމަށް ވެސް ޔަގީން ކުރައްވާ."
އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވީ ދެކޮޅުވެރިކަމަކާ ނުލައި އިންތިހާބުން ނުކުންނަ ނަތީޖާ އެންމެހާ ފަރާތްތަކުން ބަލައިގަނެވޭނެ ކަމުގެ އެއްބާރުލުމެއް ހުރިހާ ޕާޓީތަކެއްގެ މެދުގައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނާ އިންޑިއާގެ ބޮޑު ވަޒީރު މި ބައްދަލު ކުރެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ފެބްރުއަރީ މަހު، 7 2012 ވަނަ ދުވަހު ރައީސް ކަމުން އިސްތިއުފާ ދެއްވި މުހައްމަދު ނަޝީދާ ބައްދަލު ކުރެއްވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކަމަށް ވެސް އެ ނޫސް ބުންޏެވެ.
އިކޮނަމިކް ޓައިމްސް އިން ބުނީ އިންޑިއާ އިން ރާއްޖެއާ އެކު އޮންނަ ގުޅުމަށް ޔާމީން ޝުކުރު އަދާ ކުރެއްވި ކަމަށެވެ. އަދި އެ ގުޅުން ކުރިއަށް އޮތް ތަނުގައި އާ އުސްމިންތަކަކަށް ގެންދެވަން ބޭނުންފުޅުވާ ކަމަށް ވެސް ޔާމީން ވިދާޅުވި ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ބައްދަލު ކުރެއްވި ޕީޕީއެމްގެ ޓީމްގައި ހިމެނިވަޑައިގަންނަވަނީ، ޔާމީންގެ އިތުރަށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫނާއި ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނާއިބު ލީޑަރު އަހުމަދު އަދީބާއި ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރާއި ކެމެޕޭން މެނޭޖަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ މަސީހާއި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ފާރިސު މައުމޫނާއި އެ ޕާޓީގެ ކައުންސިލް މެންބަރު އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ގައްސާން މައުމޫން އެވެ.