ޑީއާރްޕީ ޓިކެޓުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް 44 ރަށެއްގައި ޕްރައިމަރީސް ބާއްވައި ވަގުތީ ނަތީޖާ އިއުލާންކޮށްފި އެވެ.


ޑީއާރްޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހު މިއަދު ވިދާޅުވީ، އިންތިހާބީ ދާއިރާތަކަށް ކެންޑިޑޭޓުން ހޮވުމަށްޓަކައި މިހާތަނަށް 44 ރަށެއްގައި ޕްރައިމަރީސް ބާއްވައި، ވަގުތީ ނަތީޖާ އިއުލާންކޮށްފައިވާ ކަމަށެވެ. އަދި ހުރިހާ ދާއިރާއަކުން ވެސް ޑީއާރްޕީގެ ކެންޑިޑޭޓުން ކުރިމަތިލާނެ ކަމަށާއި އިދާރީ ގޮތުން ނިންމަންޖެހޭ ބައެއް ކަންތައްތަކާ ހުރެ ޕްރައިމަރީސް ނުބޭއްވި ހުރި އިންތިހާބީ ދާއިރާތަކުގައި ވެސް ވަރަށް އަވަހަށް ޕްރައިމަރީސް ބާއްވާނެ ކަމަށް ސޯލިހު ވިދާޅުވި އެވެ.


އަދި ހުރިހާ ދާއިރާތަކެއްގެ ނަތީޖާ ލިބުމުން ރަސްމީ ނަތީޖާ ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


ޑީއާރުޕީގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ބައިވެރިވުމަށް 1500 (ފަނަރަސްތޭކަ) އަށްވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އެހެންކަމުން ކެންޑިޑޭޓުން ހޮވުމަށް 12 އަތޮޅެއްގެ 90 ރަށެއްގައި ޕްރައިމަރީ ބާއްވާނެ ކަމަށް ޑީއާރްޕީން ވަނީ ބުނެފަ އެވެ.


ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލާނީ މި މަހުގެ 25 އިން އަންނަ ޑިސެމްބަރު އަށަކާއި ހަމައަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާނު ކޮށްފަ އެވެ. ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެވެ.