21 Mar 2010, 10:17
14:30
އައްޑޫ ލިންކް ރޯޑުން ދިޔަ ސައިކަލަކާއި އަތްގާޑިއަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެގެން އައިސީޔޫގައި ހޭނާރާ އޮތް ޒުވާނާ މާލެ ގެނެސްފި އެވެ.
ރޭ އިރުއޮއްސުނު ގަޑީގައި ހިނގި އެ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނު ސ.ހިތަދޫ، ދޭލިގޭ އުމުރުން 22 އަހަރުގެ އިބްރާހިމް ރަފީއު މިހާރު އައިޖީއެމް ހޮސްޕިޓަލުގެ އިމަޖަންސީ ރޫމްގައި ފަރުވާ ދެމުން އައި ނަމަވެސް އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
އެ އެކްސިޑެންޓްގައި އެ ޒުވާނާގެ ފުއްޕާމޭގެ އެއްފަޅިއަށް އަތްގާޑިޔަލުގެ ދަގަނޑު ބައެއް ވަދެފައިވާ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ރަފީއު މާލެ ފޮނުވާލީ އޭނާގެ ހަށިގަނޑުން ފައިބަމުންދިޔަ ލޭ ކޮންމެވެސް ވަރަކަށް ކޮންޓްރޯލްކުރެވިފައި ވާތީ ކަމަށެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ އައްޑޫ ލިންކް ރޯޑު،ސަރަހައްދީ ބަނދަރު ކައިރިން ހިތަދޫއާ ދިމާލަށް ސައިކަލް ދުއްވަމުން ދަނިކޮށް ލިންކްރޯޑާ ކައިރިން އަރިމަތިން ބަންގްލަދޭޝް މީހަކު ދަމާފައި ގެންދިޔަ އަތްގާޑިއަލެއް ކުއްލިއަކަށް މަގަށް ނުކުތް ވަގުތު ސައިކަލުން ގޮސް އަތްގާޑިއަލުގައި ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓް ހިނގިއިރު އެސައިކަލުގެ ފަހަތުގައި އިން އަންހެން ކުއްޖަކަށް ވެސް މި ހާދިސަގައި ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ. ނަމަވެސް އަތްގާޑިޔާ ދުއްވި ބަންގްލަދޭޝް މީހައަށް އެއްވެސް ގެއްލުމެއް ލިބިފައެއްނުވެ އެވެ.