އަންނަ މަހު ހަތެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ސުލްޙަވެރިކަމާއި އަމާންކަން ދެމެހެއްޓުމަށްޓަކައި އިންތިހާބަށް ހާއްސަ ތަމްރީނުތަކެއް ދީފައިވާ ހާހަކަށް ވުރެ ގިނަ ފުލުހުންނާއެކު
"ބްލޫވޭވްސް" އޮޕަރޭޝަން ފަށައިފިއެވެ.

ފުލުހުން ބުނީ ރިޔާސީ އިންތިހާބުގެ ވޯޓުލާ ނިމި ނަތީޖާ ފާޅުކުރުމަށްފަހު ރާއްޖޭގެ ރައީސް ކަމަށް އަންނަ ބޭފުޅަކު ހުވާ ކުރައްވަންދެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ އޮޕަރޭޝަނަކީ ފުލުހުން ކަނޑައަޅާފައިވާ އޮޕަރޭޝަނަލް ޕްރިއޯރިޓީސްގެ ތެރެއިން އެންމެ އިސް ކަމެއް ދީގެންކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޚާއްސަ އޮޕަރޭޝަން ކަމަށެވެ.

އެ އޮޕަރޭޝަނުގައި މާލެ އާއި ރާއްޖެތެރޭގައި ގިނަ ޢަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެ އެވެ. އަދި މާލޭއިން މާދަމާ 400އަށް ވުރެ ގިނަ ފުލުހުން އަތޮޅުތަކަށް ފުރާނެ ކަމަށް ފުލުހުން ބުންޏެވެ.

މާލޭގައި މިހާރު ވެސް ޢާއްމުކޮށް ކުރާ ޕެޓްރޯލިންގްގެ އިތުރުން "ބްލޫވޭވްސް" ފުލުހުން މާލެތެރެއަށް ނެރެ ރަށުތެރޭގެ އަމަން އަމާންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ހަމަ މިގޮތަށް ރާއްޖެތެރޭގެ ރަށްތަކުގައި އަމަން އަމާންކަން ބެލެހެއްޓުމުގައި އިތުރު ސަމާލުކަމެއްދީގެން ފުލުހުންގެ މަރުކަޒުތަކުގައި މިހާރު ހަރަކާތްތެރިވަމުންދާ ފުލުހުންގެ އިތުރަށް ފުލުހުން ޑިޕްލޯއީ ކުރެވިގެންދާނެ އެވެ.

"ބްލޫވޭވްސް"ގައި ފުލުހުން ހަރަކާތްތެރިވާއިރު އިންތިޚާބުގެ ކެމްޕޭނުގެ ކަންތައްތައް ކުރިއަށް ގެންދާ ފަރާތްތަކުން ހިންގަފާނެ ހަމަނުޖެހުންތަކާއި ކެމްޕޭނުކުރުމުގައި ގަވާއިދާ ހިލާފަށް ކުރެވޭ ކަންކަން އެ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްދޭނެ އެވެ.

"އޮޕަރޭޝަން ބްލޫވޭވްސް" މާލޭގައި ރޭ ފެށީ އިރުއޮއްސި ހައެއް ޖެހިއިރު އެވެ. އެ އޮޕަރޭޝަން ފެށިގެންދިޔައިރު އޮޕަރޭޝަންގައި ހަރަކާތްތެރިވާ ފުލުހުން ދެ ބަޔަކަށް ބަހާލައިގެން މާލެތެރެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ހިނގާފާނެ ހަމަނުޖެހުމަކަށް ގިނަ އަދަދެއްގެ ފުލުހުން ތައްޔާރީ ހާލަތުގައި ތިބޭނެ ކަމަށް ފުލުސް އޮފީހުން ބުންޏެވެ.