16 Aug 2013, 19:02
ފުލުހުންގެ ދާއިރާއިން ތުރުކީ ވިލާތާއި ދިވެހިރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރުމަށާއި ފުލުހުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނު ފުރުސަތުތައް ފޯރުކޮށްދިނުމަށް ތުރުކީގެ ފުލުހުނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ތުރުކީ ފުލުހުންނާއެކު މެމޮރަންޑަމް އޮފް އަންޑެސްޓޭންޑިންއްގައި ސޮއި ކުރީ ތުރުކީގެ ނޭޝަނަލް ޕޮލިސް ހެޑްކްއާޓަޒްގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. ދިވެހި ސަރުކާރު ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ ތުރުކީއަށް މިހާރު ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން ހުންނެވި ޕޮލިސް ކޮމިޝަނަރު ޢަބްދުﷲ ރިޔާޒެވެ. ތުރުކީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ތުރުކީ ފުލުހުންގެ ޑައިރެކްޓަރު ޖެނެރެލް މެހެމެޓް ކިލިކްލަ އެވެ.
މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޢަބްދުﷲ ރިޔާޒް އާއި ޑައިރެކްޓަރ ޖެނެރެލް މެހެމެޓް ކިލިކްލަ ދެއްކެވި ވާހަކަފުޅުގައި އެ އެއްބަސްވުމުގެ ސަބަބުން ފުލުހުންގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ ގެންދާނެ ކަމަށާއި ދިވެހި ފުލުހުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނު ފުރުޞަތުތައް ތުރުކީ ވިލާތުން ފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
އެ އެއްބަސްވުމުގެ ދަށުން ދިވެހި ފުލުހުންނަށް އެކި ދާއިރާތަކުން ތަޢުލީމާއި ތަމްރީނު ފުރުޞަތުތައް ފަހިކޮށްދިނުމަށް އެއްބަސްވެފައިވެ އެވެ. އޭގެ ތެރޭގައި ޓްރާންސް ނޭޝަނަލް ކްރައިމްސްތަކާއި މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލަތަކުގެ ތަހްގީގާއި ތަހުލީލުތައް ކުރުމުގެ ދާއިރާއިން މީހުން ބިނާކުރުމަށް އެއްބަސްވެފައިވެ އެވެ.
މި އެއްބަސްވުން އެކުލަވާލުމުގެ ކުރިން ދިވެހި ފުލުހުންނަށް ތައުލީމާއި ތަމްރީނު ފުރުޞަތުތަކާއި އެހީތެރިކަން ބޭނުންވާ ދާއިރާތައް ދެނެގަތުމަށް ތުރުކީ ފުލުހުންގެ އިސް އޮފިސަރުންގެ މައްޗަށް އެކުލެވޭ ވަފުދެއް މިއަހަރުގެ މެއި މަހުގެ ތެރޭގައި ރާއްޖެވަޑައިގެން ދިރާސާތައް ކުރައްވާފައިވެ އެވެ. އެގޮތުން އެ ޓީމް ރާއްޖޭގައި ހަފްތާއެއްހާ ދުވަސް ހޭދަކުރައްވާފައިވާއިރު އައްޑޫއާއި ތިނަދޫގައި ފެބްރުއަރީ އަށެއްގައި އަންދާލާފައިވާ ފުލުހުންގެ ޒަމާނީ ޕޮލިސް ސްޓޭޝަންތައް އަލުން އާރާސްތުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ބައްލަވާލެއްވުމަށް އެތަންތަނަށް ވެސް ޒިޔާރަތްކުރައްވާ ދިރާސާތައް ހައްދަވާފައިވެ އެވެ.
މިދިޔަ ހަފްތާގެ އަންގާރައިން މާދަމާއަށް ޢަބްދުﷲ ރިޔާސް ތުރުކީ ވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ކޮމިޝަނާގެ އަރިހުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުހައްމަދު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.