16 Aug 2013, 17:34
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް މުހައްމަދު ފަހުމީ ހަސަން އެ ކޮމިޝަންގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ، އެ ގޮނޑިއަށް މަޖިލީހުން ހޮއްވެވި މެންބަރު ފާތިމަތު ރީނީ އައްބުއްސައްތާރު އެ މަގާމަށް އައްޔަން ކުރަން އުޅުނީ ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާ ހިލާފަށް ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.
ސުޕްރީމް ކޯޓުން އިއްޔެ އަމުރެއް ނެރެފައި ވަނީ ސީއެސްސީގެ މެންބަރު ކަމުގެ ހުވާ ކުރައްވައި، މަގާމުގެ ފަތްކޮޅު ހަވާލުވެވަޑައިގަތުމަށް އިއްޔެ މެންދުރު ފަހު 2:30 އަށް ރައީސް އޮފީހަށް ރީނީ ވަޑައިގެންނެވި ފަހުންނެވެ. އެ އަމުރު ރައީސް އޮފީހަށް ލިބުމާ އެކު ގަޑިއެއްހާއިރު ރައީސް އޮފީހުގައި ރީނީ މަޑުކުރެއްވި ކަމަށްވެ އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސީއެސްސީގެ މެންބަރު ކަމުން ފަހުމީ ވަކިވެފައިވާ ކަމަށް މަޖިލީހުން ނިންމި ނިންމުކަކީ ބާތިލު ނިންމުމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ނިންމުގައިވާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ސީއެސްސީގެ މެންބަރު ކަމުގެ ގޮނޑި ހުސްވުމުގެ ކުރިން ގައިޑްލައިންތަކާ ހިލާފަށް މީހަކު އައްޔަން ކުރަން އުޅޭތީ ފަނޑިޔަރުންގެ ކުއްލި ޖަލްސާއެއް ބާއްވައިދިނުމަށް އުއްތަމަ ފަނޑިޔާރު އަރިހުގައި އެދުނު ކަމަށް ބަޔާނުގައިވެ އެވެ. ނަމަވެސް ފަނޑިޔާރުންގެ ކުއްލި ޖަލްސާ ބޭއްވުމަށް އުއްތަމަ ފަނޑިޔާރު "ކަނޑައެޅިގެން އިންކާރު" ކުރައްވާފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.
"ސުޕްރީމް ކޯޓުން އިސްވެ އިޝާރާތް ކުރެވުނު ހުކުމާ [ފަހުމީގެ މައްސަލާގައި ނެރުނު ހުކުމާ] ހިލާފަށް އެކަން އެގޮތަށް ކުރިއަށް ގެންދިއުމަކީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފު ކަމަކަށް ވާނެތީ އެކަން އެގޮތަށް ހިނގާ ނިމުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ފަނޑިޔާރުންގެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ބައެއް ފަނޑިޔާރުން އުއްތަމަ ފަނޑިޔާރު އަރިހުގައި އެދުނު،" ކަމަށް ސުޕްރީމް ކޯޓުގެ ބަޔާނުގައިވެ އެވެ.
އުއްތަމަ ފަނޑިޔާރު އިއްޔެ ނެރުއްވި ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސީއެސްސީގެ މެންބަރު ކަމަށް ރީނީ އައްޔަން ކުރެއްވުން ހުއްޓުވުމަށް ސުޕްރީމް ކޯޓުން އިއްޔެ އަމުރު ނެރުނީ ނެރުނީ ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކަށް ނޭނގި ކަމަށެވެ. އެއީ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނެވެ.
ރީނީގެ ހުވާ ކުރެއްވުމަށް ހުއްޓުވުމަށް އަމުރު ނެރުމަށް އަގުލަބިއްޔަތު ލިބުނީ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.
ސުޕްރީމް ކޯޓުން ހަތް ފަނޑިޔާރުންގެ ތެރެއިން ހަތަރު ފަނޑިޔާރުން އަގުލަބިއްޔަތުން އަމުރެއް ނެރުނީ ގާނޫނީ ވެރިކަން ދެމެހެއްޓުމަށްޓަކައި އަދުލު އިންސާފުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފިޔަ ނުދިނުދީ އެ ނިޒާމާ މެދު އިތުބާރު ދެމެހެއްޓުމަށް ޓަކައި ކަަމަށް އެ ކޯޓުގެ ބަޔާނުގައިވެ އެވެ. އަދި ސުޕްރީމް ކޯޓުގެ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން ނެރުނު އަމުރެއް ކަމަށް ވެސް ބަޔާނުގައި ބުނެ އެވެ.