ލޯކަލް ކައުންސިލް އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ވެސް އެމްޑީއޭ އިން މަސައްކަތް ކުރާނީ ޕީޕީއެމްއާ އެކު ކަމަށް އެމްޑީއޭގެ ނާއިބް ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްއާ އެމްޑީއޭ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި މައުރޫފް ވިދާޅުވީ އެ ޕާޓީން ޕީޕީއެމްއާ ކޯލިޝަން ހެދީ ތިން އިންތިޚާބުގައި ވެސް ދެބައި މީހުން ގުޅިގެން މަސައްކަތް ކުރުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެމުން ގެންދަނީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ކަމަށާއި އެ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ 99 ޕަސެންޓު ޔަގީންކަން އެބައޮތް ކަމަށެވެ.

"އަޅުގަނޑުމެން ޕީޕީއެމްއާ އެމްޑީއޭއާ މިހެދުނު ކޯލިޝަންގައި އެއްބަސްވީ އަސްލު ރާއްޖޭގައި ބާއްވާ ތިން އިންތިޚާބުގައި ވެސް އަޅުގަނޑުމެން ދެބައި މީހުން އެކީގައި މަސައްކަތް ކުރަން. އެއީ ވަރަށް ހިކުމަތްތެރިކަމާ އެކީގައި ވިސްނާފަ އަޅުގަނޑުމެން އެކަން ނިންމީ. ހަގީގަތުގައި މިވަގުތު އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭނީ ރާއްޖޭގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް. އަޅުގަނޑުމެން އެއްވެސް ޝައްކެއް ނުކުރަން 99 ޕަސެންޓް ޔަގީން އަޅުގަނޑުމެންނަށް މާތް ﷲ ގެ ރަހުމަތްފުޅާ އެކު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެކަން،" މައުރޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ކަމަށް ބުނާ ޕާޓީ ކަމަށްވާ އެމްޑީޕީއާއި ވާދަކޮށް ބޮޑު ތަފާތަކުން ނ.ކެނދިކުޅުދޫ ކައުންސިލްގެ ބައި އިލެކްޝަން އެމްޑީއޭއިން ކާމިޔާބު ކޮށްފައިވާ ކަމަށާއި މުޅި ނ. އަތޮޅުން ވެސް އެ ނަތީޖާ ފެނިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދަކީ ސިޔާސީ ހަޔާތުގައި ވަރަށް ކާމިޔާބު ބޭފުޅެއް ކަމަށާއި ދ. އަތޮޅުގެ މެމްބަރުކަން ސިޔާމް ކުރެއްވި ތާރީޚަށް ބެލިއަސް އެ އަތޮޅުން ސިޔާމަށް އޮތް ތާއީދު ފެނިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ލީޑަރު އޮނަރަބަލް އަހްމަދު ސިޔާމް މުހައްމަދަކީ ވެސް ސިޔާސީ ހަޔާތްޕުޅުގައި ވަރަށް ކާމިޔާބު ބޭފުޅެއް. ދ. އަތޮޅު މެމްބަރުކަން ކުރެއްވި ތާރީޚަށް ބެލިއަސް ތިބޭފުޅުންނަށް ފެނިގެންދާނެ ދ. އަތޮޅުގައި އަހްމަދު ސިޔާމް މުހައްމަދަށް އޮތް ސަޕޯޓު. ސިޔާސީގޮތުން ކުރިމަތިލީ ކޮންމެ ކަމެއް މާތްﷲ ގެ ރަހުމަތްފުޅާ އެކު ވަނީ ކާމިޔާބު ކުރެވިފައި. އަޅުގަނޑުމެން ޕާޓީއެއް އުފެއްދުމަށްޓަކައި މަސައްކަތް ފެށި ވަރަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި 3000 ހަމަކޮށް އަޅުގަނޑުމެން ވަނީ ޕާޓީއެއް ވުޖޫދަށް ގެނެސްފައި. ވަރަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުމެން ވާނީ 10،000 ވެސް ހަމަކޮށްފައި،" މައުރޫފް ވިދާޅުވި އެވެ.

މިއަދުގެ ނިވްސް ކޮންފަރެންސްގައި އެމްޑީއޭގެ ނާއިބް ލީޑަރު އަހްމަދު އާމިރު އާއި ޕީޕީއެމްގެ ނާއިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.