16 Aug 2013, 16:11
މި މަހު 31ގައި ނޭޕާލްގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ތަމްރީން ދަތުރެއްގައި މިއަދު ތައިލޭންޑަށް ފުރައިފި އެވެ.
ތައިލެންޑަށް ގައުމީ ޓީމު ކުރާ ތަމްރީނު ދަތުރުގައި އެ ގައުމުގައި ކޭމްޕުކޮށްގެން ތިބޭ ދުވަސްވަރު އެގައުމުގެ 19 އަހަރުން ދަށުގެ ގައުމީ ޓީމާއި އަދި ތައި ޕްރިމިއާ ލީގު ކްލަބެއް ކަމަށްވާ އޮސޮޓްސްޕާ އެފްސީއާ ދެކޮޅަށް ރަހްމަތްތެރިކަމުގެ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
"ސަން"އަށް ދެއްވި އިންޓަވިއުއެއްގައި އެފްއޭއެމްގެ ޑައިރެކްޓާ އޮފް ނޭޝަނަލް ޓީމްސް އަލީ ސުޒޭން ވިދާޅުވީ، މި ވަގުތު ދެ މެޗު ކުޅެން ހަމަޖެހިފައި ވީނަމަވެސް އަދި އިތުރު އެއް މެޗު ކުޅެން ހަމަޖެހޭތޯ ބައްލަވަމުން ގެންދަވާ ކަމަށެވެ.
"ދެ މެޗު ކުޅެން މިހާރު މި ވަނީ ހަމަޖެހިފައި. އެކަމަކު މި ބަލަނީ މުއަންތޮންގް ޔުނައިޓެޑާ ދެކޮޅަށްވެސް މެޗެއް ހަމަޖެހޭތޯ. ދެން ގައުމީ ޓީމްގެ ކޯޗު ބޭނުމެއް ނުވޭ، މުބާރާތް އެހާ ކައިރިވެފައި ވަނިކޮށް އެހާ ވަރުގަދަ މެޗުތަކެއް ކުޅޭކަށް ވެސް،" ސުޒޭން ވިދާޅުވި އެވެ.
ތައިލެންޑުގައި ބާއްވާ ފަރިތަކުރުން ތަކުގައި ބައިވެރިވުމަށް ގައުމީ ޓީމާއެކު މިއަދު ފުރި ސްކޮޑްގައި ހިމެނެނީ 24 ކުޅުންތެރިންނެވެ. މީގެ ހަފްތާއެއް ކުރިން އެފްއޭއެމްއިން އިއުލާނުކުރި ގައުމީ ޓީމްގެ 25 ކުޅުންތެރިންގެ ސްކޮޑްގައި ހިމެނުނު ވެލެންސިޔާގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ވަނީ ފުރަތަމަ ޕްރެކްޓިހައްފަހު އަމިއްލަ ސަބަބުތަކަކާހުރެ ޓީމުން ވަކިވެފަ އެވެ.
ގައުމީ ޓީމްގެ ކޯޗު އިސްތަވާން އުރުބާނީ ބުނީ ޓީމުގެ ޕްރެކްޓިސްތައް ކުރިއަށްދާ ގޮތާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށާއި ގައުމީ ޓީމަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޓީމުގެ މެދުތެރެއަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުން ކަމަށެވެ.
"އެންމެ ބޮޑު މައްސަލައެއް މި އުޅެނީ މިޑްފީލްޑްގައި. އަހަރެން އެބަ ބޭނުންވޭ މެދުތެރެއިން އަހަރެން ބޭނުންވާ ގޮތަށް ބޯޅަތައް ޕާސްކޮށްދޭނޭ ރަނގަޅު ކުޅުންތެރިއެއް،" އުރުބާނީ ބުންޏެވެ.
ގައުމީ ޓީމުގެ މެދުތެރެއަށް ކުޅުމަށް ނަގާފައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އިސްމާއީލް އީސާ (މެސީ)ގެ ފަޔަށް ލިބުނު އަނިޔާއެއްގައި މެސީއަށް ކުޅެވޭނެ ކަމުގެ ޔަގީންކަން އަދިވެސް ވަރަށް ކުޑައެވެ.
"އަހަރެން ޓީމު ރާވާފައިވާ ގޮތުން މެދުތެރެއަށް ކުޅެން އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ މެސީ. އެހެން ކަމުން މެސީ ނެތް ތަންކޮޅު ވަރަށް ބޮޑަށް ދައްކާ. އަދި މުބާރާތުގެ ކުރިން މެސީގެ ފަޔަށް ލިބިފައިވާ އަނިޔާ ރަނގަޅުވެތޯ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން މިގެންދަނީ،" ކޯޗު ބުންޏެވެ. "މެސީ ނެތްތަން ފޫބެއްދުމަށް އަހަރެންގެ ތަފާތު ވިސްނުންތަކެއް އެބަހުރި. އަދި ކުރިއަށް އޮތް ދުވަސް ކޮޅުގެ ތެރޭގައި އެކަމަށްވެސް ހައްލެއް ހޯދޭނެ،"
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމް އިއްޔެ ވަނީ ދިވެހި ލީގުގައި ކުޅޭ ބިދޭސީ ކުޅުންތެރިން ހިމަނައިގެން އެކުލަވާލި ޓީމަކާ ދެކޮޅަށް މެޗެއް ކުޅެފަ އެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް 1-1 އިން އެއްވަރު ވެފައި އޮތުމުން ޕެނަލްޓީ ޖަހައިގެން ގައުމީ ޓީމް މޮޅުވީ 8-7 އިން ނެވެ.
ތައިލެންޑަށް ކުރާ ތަމްރީން ދަތުރުތައް ނިންމާލުމަށްފަހު ގައުމީ ޓީމް އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖްގައި ރާއްޖެ ވާދަކުރަން ޖެހެނީ ގްރޫޕް ބީގެ ސްރީލަންކާ، އަފްޣާނިސްތާން އަދި ބޫޓާނާ އެވެ.