16 Aug 2013, 15:44
އީރާނުގެ ބައިބޯ ސިޓީއެއް ކަމަށްވާ ގަޒްވިންގެ ކައުންސިލް އިންތިހާބުގައި ވާދަކުރި އުމުރުން 27 އަހަރުގެ ނީނާ ސިއާޚަލީ މުރާދީ އަކީ ރީތި އަންހެނެވެ. ކައުންސިލްތަކާ ބެހޭ އިސްބޭފުޅުން ދެކެވަޑައިގަންނަވަނީ ނީނާ މާރީތި ކަމަށެވެ. އެބޭފުޅުން ދެކެވަޑައިގަންނަވަނީ އޭނާއަށް ޖާގަ ދިނުމުން ސިޓީ ކައުންސިލްގެ ގަދަރު ކެނޑިދާނެ ކަމަށެވެ. އެއީ އޭނާއަކީ މާ ރީތި އަހެނަކަށް ވީމައި، ސިޓީ ކައުންސިލަކީ މޮޑެލް ކުރާ އަންހެން ކުދިންގެ ދައްކާލުންތައް ބާއްވާ "ރަންވޭ" އެއް ފަދަ ތަނަކަށް ވެދާނެ ކަމަށް އެބޭފުޅުން ދެކޭތީ އެވެ.
އީރާނުގެ ކައުންސިލް އިންތިހާބުގެ ގަވައިދު އޮންނަ ގޮތުން އިންހާބުގައި ގިނަ ވޯޓް ލިބި، އެހެން ނަމަވެސް ހޮވޭ ވަރަށް ވޯޓް ނުލިބޭ ކެންޑިޑޭޓުން "ރިޒާވް" މެމްބަރުންގެ ގޮތުގައި ކިޔޫގައި މަޑުކުރާނީ އެވެ. އެއީ އިންތިހާބުވެފައިވާ މެމްބަރަކު ވަކިވެއްޖެ ނަމަ އެ ގޮނޑި ފުރުމަށެވެ.
ސިޓީ ކައުންސިލްގެ އިންތިހާބުގައި 10،000 ވޯޓާ އެކު ނީނާއަށް ލިބުނީ 14 ވަނަ އެވެ. އެއީ 163 ކެންޑިޑޭޓުންނާ ވާދަކޮށްގެންނެވެ. އެހެންވެ އޭނާއަކީ "ބަދަލު މެމްބަރެއް" ކަމަށް ކަނޑައަޅައި، ރިޒާވްގައި ބައިންދާފައި އިނީއެވެ. އެހެން އެކަން އޮވެމެ، ނީނާއަށް ވުރެ މަތީ ވަނައެއް ހޯއްދެވައިގެން ކައުންސިލްގައި އިންނެވި ބޭފުޅަކު އިސްތިއުފާ ދެއްވުމުން ވެސް އޭނާއަށް ގޮނޑި ލިބޭ ގޮތެއް ނުވިއެވެ. އޭނާގެ ރީތި ކަމުން ގޮނޑި ގެއްލުނީއެވެ. މެޖޯރިޓީގެ މައްޗަށް "އެހަން ކަމެއް" ކުރި ހޯދީ އެވެ.
"ކެޓްވޯކް މޮޑެލް އެއް (ފެޝަން ޝޯތަކުގައި ހެދުންތައް ދައްކާލުމަށް ބަނޑިބަނޑި ލައްވަމުން ހިނގައި އުޅޭ އަންހެނެއް) ކައުންސިލްގައި އިންނާކަށް އަހަރެމެން ބޭނުމެއް ނޫން،"
ނީނާއަށް ކައުންސިލުން ޖާގަ ނުދިނުމަށް ނިންމި ސަބަބު ބޭރުގެ ނޫހަކަށް ކިޔައި ދެއްވަމުން ގަޒްވިން ސިޓީގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގެ ދަ އިންޑިޕެންޑެންޓް ނޫހުން ބުނާ ގޮތުން އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަމުން އަންނަ ނީނާ، ކައުންސިލް އިންތިހާބުގެ ކެމްޕޭނުގައި މޮޓޯއެއްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ "ޒުވާން ކުރިމަގަކަށް ޒުވާން ފިކުރުތައް" އެވެ.
އީރާނުގެ ކަމާ ބެހޭ އޮފިޝަލުން ނިންމާފައިވާ ނިންމުމުގެ ސަބަބުން ނީނާއަށް ދެން ކައުންސިލަށް އަލުން ވަދެވޭނެ ގޮތެއް ނެތެވެ. ވޯޓްލައި، ނަތީޖާ ލިބި ހުރިހާ ކަމެއް ނިމިފައި ވަނިކޮށް، މިހާރު ކަނޑައަޅާފައި ވަނީ އޭނާ އެ އިންތިހާބަށް ޝަރުތު ހަމަ ނުވާ ކަމަށެވެ.
އީރާނުގައި އަންހެނުންނާ މެދު ބޭއިންސާފުކުރާ ކަމުގެ ގިނަ ތުހުމަތުތަކެއް ހުޅަނގުގެ ގައުމުތަކުން ކުރެއެވެ.