16 Aug 2013, 15:15
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ ސެމީ ފައިންލްގެ ފަހު ދެޖާގަ މައްޗަންގޯޅީ ވިދުވަރާއި ހުޅުމާލޭ ވިމެންސް ސްޕޯޓްސް ހޯދައިފި އެވެ.
ވިދުވަރު ސެމީފައިނަލްގެ ޖާގައެއް ކަށަވަރު ކުރީ ކުއާޓާ ފައިނަލްގައި އިއްޔެ ހަވީރު ގުލްޒާރާ ވާދަކޮށް ހަތަރު ލަނޑުގެ ތަފާތުން މެޗު ކާމިޔާބުކޮށްގެންނެވެ. އެމެޗުގައި ވިދުވަރުން 33 ލަނޑު ދެފޯލި ހެދިއިރު ގުލްޒާރަށް ހެދިފައިވަނީ 29 ލަނޑު ހަ ފޯއްޔެވެ. މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ 85 ފޯލި ސައިކުރި ގުލްޒާރުގެ އައިމިނަތު ޔަސްފާ އެވެ. އެންމެ ގިނަ ފޯލި ހިފީ 20 ފޯލި ހިފި ގުލްޒާރު ޓީމްގެ މަރިޔަމް މަރީސާ އެވެ.
ކުއާޓާގެ ހަތަރު ވަނަ މެޗުގައި އިއްޔެ ހަވީރު އޭދަފުށީ އަންހެނުންގެ ރޫހު އަތުން ވިދުވަރު މޮޅުވީ 30 ލަނޑު 11 ފޯލީ 22 ލަނޑު ހަ ފޯލިންނެވެ. އެ މެޗުގައި އެންމެ ގިނަ ފޯލި ސައިކުރީ 99 ފޯލި ސައިކުރި ހުޅުމާލޭ ވިމެންސް ސްޕޯޓްސްގެ ޝަހުލާ މުހައްމަދު އެވެ. އެންމެ ގިނަ ފޯލި ހިފީ އެޓީމުގެ އާމިނަތު ނިއުމާ އެވެ.
މުބާރާތުގެ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 4:00ގައި ވާދަކުރާނީ ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމާއި ކާމިނީ ސްޕޯޓްސް އެވެ. 5:00ގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ސެމީގައި ވާދަކުރާނީ މައްޗަންގޯޅީ ވިދުވަރާއި ހުޅުމާލޭ ވިމެންސް ސްޕޯޓްސް އެވެ.
އަތޮޅު ތެރޭގެ ނުވަ ޓީމަކާއި މާލެއިން 10 ޓީމަކާއެކު ޖުމްލަ 19 ޓީމް ވާދަކުރާ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔާ ނުވަތަ ބަށި ރާނީއަށް ހޮވޭ ފަރާތަކަށް މޯލްޑިވިއަންގެ ފަރާތުން ޗެންނާއީއަށް ދެކޮޅު ޓިކެޓް ހުށަހަޅާފައިވާއިރު މިއަހަރުގެ ޗެމްޕިއަން ޓީމަށް ފައިސާގެ އިނާމުގެ ގޮތުގައި 100،000ރ. ލިބޭނެ އެވެ. އަދި ރަނަރަޕް ޓީމަށް 50،000ރ. އާއި ތިންވަނަ ޓީމަށް 25،000ރ. ހުށަހަޅާފައިވާއިރު މުބާރާތުގެ ފެއަޕްލޭ ޓީމަށް 10،000ރ. ވަނީ ހުށަހަޅާފަ އެވެ.
ފިތުރު އީދާ ގުޅުވައިގެން ކުރިއަށް ގެންދާ މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައިވަނީ، ހޮނިހިރު ދުވަހު ހަވީރު 4:00ގަ އެވެ.