މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހު ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް އެންމެ ގިނަ އިން ހުށަހަޅާފައި ވަނީ ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ލިބުމުގެ ހައްގުން މަހުރޫމުވެފައިވާ ކަމުގެ ޝަކުވާތައް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއާރުސީއެމްގެ ރައީސް މަރިޔަމް އަޒްރާ ވިދާޅުވީ ހައްގުތައް ނިގުޅައިގަނެފައިވާ ކަމަށް ބުނެ މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް 468 މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ލިބުމުގެ ހައްގުން މަހްރޫމުވެފައިވާ ކަމަށް ބުނެ 84 މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އަޒްރާ ވިދާޅުވީ ސިއްހީ ދާއިރާއާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކާ ގުޅިގެން ހެލްތު މިނިސްޓްރީގެ އިތުރުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާކޮށްފައިވާނެ ކަމަށެވެ. އަދި އެ ކޮމިޝަނުގެ މެންބަރު އަހްމަދު އަބްދުލްކަރީމް ވިދާޅުވީ ސިއްހީ ދައިރާއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތައް ބެލުމަށް ފަހު އެ ކޮމިޝަނުން ހުށަހެޅުންތައް ހުށަހަޅާފައިވާނެ ކަމަށާއި އަދި ބައެއް މީހުނާ މެދު ދިޔަވަޅު އެޅުމަށް ވެސް އެ ކޮމިޝަނުން ހުށަހަޅާފައިވާނެ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވަ އެވެ.

"ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން އެ ބޭފުޅުންނަށް ރިކަމެންޑޭޝަންތައް ވެސް ދެން. އެކަންތައް ތަކުރާރުވިޔަ ނުދިނުމަށް ކަންކުރަންވީ ގޮތުގެ މަޝްވަރާ އާއި ލަފަޔާއި އަދި ބައެއް ހާލަތްތަކުގައި އެހެން ގޮތްތައް ވެސް އަންގާފައިވާނެ،" އަބްދުލްކަރީމް ވިދާޅުވި އެވެ.

އޭގެ އިތުރުން އެ ކޮމިޝަނުގެ މެންބަރު ޖީހާން މަހްމޫދު ވިދާޅުވީ ސިއްހީ ދާއިރާގެ ހިދުމަތް ދިނުމުގައި ދިމާވެފައިވާ މައްސަލަތަކާއި ދައުލަތުން އެ ދާއިރާއަކަށް ކަނޑައަޅާފައިވާ ބަޖެޓާ ވަރަށް ބޮޑަށް ގުޅުން ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެޗްއާރުސީއެމް އަށް މި އަހަރުގެ ތެރޭގައި ހުށަހަޅާފައިވާ އެހެން މައްސަލަތަކުގެ ތެރޭގައި މަސައްކަތުގެ ހައްގުން މަހްރޫމް ވެގެން ހުށަހަޅާފައިވާ 71 މައްސަލައަކާއި އަދުލްވެރިކަމާ އެކު އިދާރީ ފިޔަވަޅުތައް އެޅުމުގެ ހައްގުން މަހްރޫމްވެގެން 60 މީހަކު މައްސަލަ ހުށަހަޅާފައިވާ އިރު ލާއިންސާނީ އަމަލާ ގުޅޭ ގޮތުން ހުށަހަޅާފައިވާ 39 މައްސަލައިގެ އިތުރުން ކުޑަކުދިންނާއި ޅަފުރާ ކުދީންނާއި އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީ އާއި ހާއްސަ ރައްކާތެރިކަން ލިބުމުގެ ހައްގުން މަހުރޫމްވެފައިވާ ކަމަށް ބުނާ 37 މައްސަލައެއް ވެސް ހުށަހެޅިފައިވާ ކަމަށް ކަމަށް އަޒްރާ މިއަދު ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް އިންސާނީ ހައްގުތަކަށް އުނިކަމެއް އައިސްދާނެ ކަމަށް އެކޮމިޝަނަށް ގަބޫލުކުރެވިގެން އެ ކޮމިޝަނުން އިސްވެ 29 މައްސަލައެއް ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި އަހަރު ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މުޅިން ނިމިފައި ވަނީ 60 މައްސަލައެއް ކަމަށް އެކޮމިޝަނުން ބުނެ އެވެ.