ބައިރޫތު (އޮގަސްޓް 16) ލުބްނާނުގެ ވެރިރަށް ބައިރޫތުގެ ދެކުނުގައިވާ ހިޒްބުﷲ ޖަމާއަތުގެ އެންމެ ބާރުގަދަ ސަރަހައްދަށް މީހަކު އަމިއްލަ އަށް މަރުވެގެން އިއްޔެ ދިން ބޮމުގެ ޙަމަލާގައި މަރުވި މީހުންގެ ޢަދަދު 20 އަށް އަރާފައިވާ އިރު އެޙަމަލާގެ ޒިންމާ "ކަތާއިބު ޢާއިޝާ" ނަމަކަށްކިޔާ ހަނގުރާމަވެރި ޖަމާއަތަކުން އުފުލައިފި އެވެ.

އަލްޤާޢިދާ އާ ގުޅުންހުރި ކަމަށް ޝައްކުކުރެވޭ މިޖަމާއަތުން ބުނީ މިއީ ހިޒްބުﷲ ޖަމާއަތުން ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ކޮޅަށް ޖެހި ބައްޝާރުގެ ނިޒާމަަށް ޢަސްކަރީގޮތުން އެހީވާތީ ހިޒްބުﷲ އަށް އަމާޒުކޮށްދިން ޙަމަލާއެއް ކަމަށާ މިފަދަ އެތައް ޙަމަލާއެއް މުސްތަޤްބަލްގައި ވެސް ހިޒްބުﷲ އަށް އަމާޒުކޮށް ދޭނެ ކަމުގަ އެވެ. އިންޓަނެޓްގައި ޝާއިޢުކޮށްފައިވާ ވީޑިޔޯއެއްގައި މޫނު ނިވައިކޮށްގެން ހަތިޔާރު އަޅައިގެން ހުރި ހަނގުރާމަވެރިއަކު ބުނެފައި ވަނީ މިއީ ހިޒްބުﷲ އާ ދެކޮޅަށް "ހަނގުރާމަ ކުރާނެތަނާއި ވަގުތު އަމިއްލައަށް ކަނޑައަޅައިގެން ދިން ދެވަނަ ޙަމަލާކަމަށާ މީގެ އެތައް ޙަމަލާއެއް މުސްތަޤްބަލްގައި ފެންނާނެ" ކަމުގަ އެވެ.

މޫނު ނިވައިކޮށްގެން ހުރި ހަނގުރާމަވެރިޔާ މިމޭރުމުން އިންޒާރު ދެމުންދިޔަ އިރު އޭނާގެ ފަހަތުގައި މޫނު ނިވައިގެންގެން ހުރި އެހެން ދެ މީހަކު ހަށިގަނޑުގައި ގޮވާތަކެތި ހަރުކޮށްގެން އަމިއްލައަށް މަރުވެގެން ދޭ ބޮމުގެ ޙަމަަލާތަކުގައި ބޭނުންކުރާ ބާވަތުގެ ބެލްޓްތަކެއް ހޫރުވަމުން ދިޔަ މަންޒަރު އެވީޑިޔޯއިން ފެނިފައިވެ އެވެ. ބައިރޫތުގެ ދެކުނުގެ ބިއްރުލްޢަބްދު ސަރަހައްދާއި ރުވޭސް ސަރަހައްދު ގުޅުނު ހިސާބުގައި އިއްޔެ އަމިއްލަ އަށް މަރުވެގެން ދިން މިޙަމަލާގައި 20 މީހުން މަރުވެފައިވާ އިރު 120 މީހުން ޒަޚަމްވެފައިވެ އެވެ.

މިސަރަހައްދުގައި މީގެ ހަތަރު ހަފްތާގެ ކުރިން ވެސް މީހަކު އަމިއްލަ އަށް މަރުވެގެން ބޮމުގެ ޙަމަލާއެއްދީ އެތައްބަޔަކު މަރާލައި 50 އެއްހާ މީހުން ޒަޚަމްކޮށްލާފައިވެ އެވެ. އެހަމަލާގެ ޒިންމާ އުފުލާފައި ވަނީ "ބްރިގޭޑް 313" ނަމަކަށްކިޔާ ގޮތްނޭންގޭ ޖަމާއަތަކުންނެވެ. އެޙަމަލާއަކީ ވެސް ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ތެރޭގައި ޙަރަކާތްތެރިވާ އަލްޤާޢިދާއަށް ނިސްބަތްވާ ހަރުކަށި ހަނގުރާމަވެރިންގެ ޙަމަލާއެއް ކަަމަށްވަނީ ބެލެވިފަ އެވެ.

ބައިރޫތުގެ ދެކުނަށް އިއްޔެ ދިން ބޮމުގެ ޙަމަލާ، ލުބްނާނުގެ ސަރުކާރާއި އެގައުމުގެ ސުންނީ، ޝިޔަޢީ، ދުރްޒީ އަދި ނަސާރާ ލީޑަރުން ވެސް ވަނީ ކުށްވެރިކުރައްވާފަ އެވެ. މިޙަމަލާ ކުށްވެރިކުރެއްވި ލުބްނާނުގެ ލީޑަރުންގެ ތެރޭގައި ރައީސް މިޝައިލް ސުލައިމާން އާއި ކުރީގެ ބޮޑުވަޒީރުން ކަމަށްވާ ފުއާދު ސެނިޔޯރާ އާއި ސަޢްދުލްޙަރީރީގެ އިތުރުން ހިޒްބުﷲގެ ލީޑަރުންނާއި ނަސާރާ ލީޑަރުން ކަމަށްވާ އަމީން ޖުމައިލް އާއި ސަމީރު ޖަޢްޖަޢް އާއި ދުރުޒީ ލީޑަރު ވަލީދު ޖުންބުލާތް ހިމެނިވަޑައިގަންނަވަ އެވެ. (އަލްޖަޒީރާ)