އާންގ ސަން ސޫޗީއަކީ މިޔަންމާގެ އިދިކޮޅު ލީޑަރުގެ އިތުރުން އެޤައުމަށް ޑިމޮކްރަސީ ގެނައުމަށް މަސައްކަތް  ކުރައްވާ އިސް އެކްޓިވިސްޓެވެ. ސުލްހައިގެ ނޮބެލް އިނާމް ލިބިވަޑައިގެންފައިވާ ސޫޗީއަކީ މިޔަންމާގެ ޢަސްކަރީ ސަރުކާރުގެ އަތްދަށުން ޖަލަށްލުމާއި ގޭ ބަންދުގެ އަދަބު ފަނަރަ ވަރަކަށް އަހަރުވަންދެން ތަޙައްމަލް ކުރައްވާފައިވާ ޢުމުރުފުޅުން ފަސްދޮޅަސް ފަސްއަހަރުގެ ބޭފުޅެކެވެ.


ނަވާރަސަތޭކަ ސާޅީސް ފަސްވަނަ އަހަރު ސޫޗީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ކުރީގެ ބަރުމާ އަދި މިހާރުގެ މިޔަންމާގެ ވެރިރަށް ރަންގޫންގައެވެ. އޭނާއަކީ ބަރުމާގެ ބާނީ އަދި މިނިވަންކަމުގެ ބަތަލް އޫން ސާން ގެ އަންހެން ދަރިކަނބަލުންނެވެ. އޫންސާން އަވަހާރަކޮށްލެވުނީ ސޫޗީ އުފަންވެ ވަޑައިގެންނެވި އަހަރު ކަމަށްވާ 1945 އަހަރުގައެވެ.


މިޔަންމާއަށް ޑިމޮކްރަސީ ގެނައުމަށް ސޫޗީ ގެންގުޅުއްވަނީ އެޤައުމުގެ ޢަސްކަރީ ވެރިންނާ ވާހަކަދެއްކުމާއި ރައްޔިތުންނަށް ހެޔޮ ގޮތްތައް ވިސްނައި ދިނުމާއި މުޒާހަރާކުރުންފަދަ ސުލްޙަވެރި އުސޫލުތަކެކެވެ. މިކަމުގެ ސަބަބުން މިޔަންމާގެ ގިނަ ބައެއްގެ ތާއީދާއި ލޯބި އޭނާ އަށް ލިބިވަޑައިގެންފައި ވެއެވެ. އެމެރިކާއާއި ޔޫރަޕްގައި ސޫޗީ ސިފަކުރެވެނީ އިންޑިޔާގެ މަހާތްމާ ގާންދީއާއި ދެކުނު އެފްރިކާގެ ނެލްސަން މަންޑޭލާ ފަދަ ވަރުގަދަ ޝަޚްސިއްޔަތެއްގެ ގޮތުގަ އެވެ. ނަމަވެސް ސޫޗީއަށް ފާޑުކިޔާ ފަރާތްތަކުން އޭނާ ސިފަކުރަނީ ޑިމޮކްރަސީ ހަތިޔާރަކަށް ހައްދަވައިގެން ވެރިކަން ހޯއްދަވަން މަސައްކަތްކުރައްވާ ދަހިވެތި ބޭފުޅެއްގެ ގޮތުގައާއި އެމެރިކާއާއި ހުޅަނގުގެ ގޮތްތައް ކޮޕީކުރަން މަސައްކަތްކުރައްވާ ހުޅަނގުގެ ގޮނޑިކޮށްކޮއެއްގެ ގޮތުގައެވެ. ޚާއްސަކޮށް މިޔަންމާއާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށާއި ޓޫރިޒަމްގެ ގޮތުން މިޔަންމާ ބޮއިކަޓް ކުރުމަށް ދުނިޔޭގޭ ޤައުމުތަކަށް ސޫޗީ ގޮވާލެއްވުމުން، ސޫޗީއަކީ މަޑުމައިތިރި ގޮތްތަކެއް ކުރިޔަށް ނެރުއްވައިގެން އުޅުއްވާ ގޮތްދޫ ނުކުރައްވާ ހަރުކަށި ބޭފުޅެއްގެ ގޮތުގައި ސިފަވެ އޭނާގެ ތާއީދު އަމިއްލަފުޅު ޤައުމުގައި ކުޑަވެގެން ދިޔައެވެ.


ސޫޗީ ތަޢްލީމް ޙާސިލްކުރެއްވީ ރަންގޫންގެ ސްކޫލްތަކުގަ އެވެ. އެއަށްފަހު ދުވަސްކޮޅަކު އިންޑިޔާގައި ތަޢްލީމް ޙާސިލް ކުރެއްވުމަށްފަހު އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީން 1969 އިޤްތިސާދާއި ފަލްސަފާއާއި ސިޔާސީ ޢިލްމުގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާސިލްކުރެއްވިއެވެ. އަދި ނަވާރަސަތޭކަ އަށްޑިހަ ފަހެއްގައި ލަންޑަން ޔުނިވަރސިޓީން ޕީ.އެޗް.ޑީ ޙާސިލްކުރައްވައި އިނގިރޭސިވިލާތުގެ ބައެއް ކޮލެޖްތަކުގައި ލެކްޗަރަރ އެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ.


ސޫޗީ އެނބުރި ޤައުމަށް ވަޑައިގެންނެވީ އާލާސްކަންފުޅުގައި އުޅުއްވާ އޭނާގެ މަންމަ ބެލުމުގެ ޒިންމާ އުފުއްލެވުމަށްޓަކައި ނަވާރަސަތޭކަ އަށްޑިހަ އަށެއްގައެވެ. އިނގިރޭސިވިލާތުގައި އުޅުއްވި ދުވަސްވަރު އިނިގިރޭސި ފްރޮފެސަރެއް ކަމަށްވާ މައިކަލް އެރީސް އާ ކައިވެނި ބައްލަވައިގެން ފިރިހެން ދެބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ.


ސޫޗީ ސިޔާސީ މައިދާނަށް ވަދެވަޑައިގެންނެވީ ނަވާރސަތޭކަ އަށްޑިހަ އަށެއްގައި ދެއްވި ސިޔާސީ ތަޤްރީރަކުންނެވެ. މިތަޤްރީރުގައި މިޔަންމާގައި މިނިވަން އިންތިޚާބެއް ބާއްވައިގެން ދިމުޤްރާތީ ވެރިކަމެއް ޤާއިމްކުރުމަށް ފުރަތަމަ ފަހަރަށް ސޫޗީ ގޮވާލެއްވި އެވެ. އޭރު މިޔަންމާގައި އޮންނަނީ މާޝައްލޯގެ މައްޗަށް ބިނާވެފައިވާ ޢަސްކަރީ ސަރުކާރެކެވެ. އެއަށްފަހު ސޫޗީއަށް ތާއީދުކުރާ ފަރާތްތަކާ ގުޅިގެން ޑިމޮކްރެޓިކް ނެޝަނަލް ލީގް ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވިއެވެ. އަދި 1996 އަހަރުގެ މޭމަހު ބޭއްވި މަލްޓި ޕާޓީ އިންތިޚާބު ކާމިޔާބުކުރެއްވިއެވެ. ނަމަވެސް މިކަމަށް އިޢްތިރާފްވެ ސޫޗީގެ ޕާޓީއާ ވެރިކަން ޙަވާލުކުރުމަށް ޢަސްކަރީ ސަރުކާރުން ދެކޮޅުހެދިއެވެ. އެއަށްފަހު ސޫޗީއަށް އުޅުއްވަން ޖެހިވަޑައިގެންފައިވަނީ ޖަލުގައާއި ގޭ ބަންދުގައެވެ. މިގޮތުން އިއްޔެ ޢަސްކަރީ ސަރުކާރުން އޭނާ މިނިވަންކުރުމާ ހަމައަށް ގާތްގަނޑަކަށް ފަނަރަ އަހަރު، ޖަލުގައާއި ގޭބަންދުގައި ސޫޗީ ހޭދަކުރައްވާފައި ވެއެވެ. މީގެތެރެއިން ޖަލުގައި ހޭދަކުރައްވާފައިވަނީ ކުރުމުއްދަތެކެވެ. ދިގު މުއްދަތު ހޭދަކުރެއްވީ ގޭބަންދުގައެވެ.