ޤާހިރާ (އޮގަސްޓް 16): މަޤާމުން ދުުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީ އަށް ތާއީދުކުރާ ފަރާތްތަކުން ކުރަމުން ގެންދިޔަ އިޙްތިޖާޖްތަކާ ދެކޮޅަށް މިސްރުގެ ސިފައިން ހިންގި ޤަތްލު ޢާންމާ ގުޅިގެން އދ.ގެ ސަލާމަތީ މަޖިލިހުން ރޭ ބޭއްވި ކުއްލި ބައްދަލުވުމުން ނަސްފު ކޮންޓްރޯލް ކުރުމަށް މިސްރު ސަރުކާރަށް ގޮވާލައިފި އެވެ.

ސަލާމަތީ މަޖިލީހުގެ ބަޔާނުގައި މިސްރު ސިފައިން ހިންގި ޤަތްލު އާންމު ފާޅުކަންބޮޑު ގޮތެއްގައި ކުށްވެރިކޮށްފައި ނުވިނަމަވެސް ދުނިޔޭގެ ގިނަގައުމުތައް ފަރުދީ ފެންވަރުގައި ގެންދަނީ މިސްރުގެ ވަގުތީ ސަރުކާރު ކުށްވެރިކޮށް މިސްރުގައި ތިބޭ އެގައުުމުތަކުގެ ސަފީރުން އަނބުރައި ގައުމަށް ގެންނަމުންނެވެ.

ސަލާމަތީ މަޖިލީހުން މިބައްދަލުވުން ބާއްވާފައި ވަނީ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާ އަދި އޮސްޓްރޭލިޔާގެ އެދުމުގެ މަތިންނެވެ. މީގެ ތެރެއިން ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތަކީ ރައީސް މުރުސީ މަޤާމުން ދުރުކުރުމަށް މިސްރުގެ ސިފައިން ގެނައި ޢަސްކަރީ އިންޤިލާބު ކުށްވެރިކޮށް މިސްރުގެ ޑިމޮކްރަސީ ޙިމާޔަތް ކުރުމަށް ވެސް ފަސްޖެހިފައިވާ ދެގައުމެވެ.

ސަލާމަތީ މަޖިލީހުގެ ބަޔާނުގައި މައިގަނޑު ގޮތެއްގައި ބުނެފައި ވަނީ ސުލްޙަވެރި މުޒާހަރާތަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށްގެން ނުވާނެ ކަމަށާ ހުރިހާ ފަރާތްތަކަކުން ވެސް ނަފްސު ކޮންޓްރޯލްކުރަން ޖެހޭ ކަމުގަ އެވެ. އަދި މިސްރަށް ދާޚިލީ ސުލްޙަ ގެނައުމަށް ޓަކައި އެގައުމުގެ ސިޔާސީ ހުރިހާ ފަރާތްތަކެއް ޝާމިލްވާގޮތަށް ގައުމީ ފެންވަރުގައި ވާހަކަ ދައްކުމަށް ވެސްް ސަލާމަތީ މަޖިލީހުގެ ބަޔާން ގޮވާލާފައިވެ އެވެ. މުރުސީ އަށް ތާއީދުކުރާ ފަރާތްތަކާ ދެކޮޅަށް ޤާހިރާގެ ރާބިޢާ އަލްޢަދަވިއްޔާ މައިދާނާއި ނަހްޒާ މައިދާނުގައި މިސްރުގެ ސިފައިން ހިންގި ޤަތްލުޢާންމުގައި މަރުވެފައިވާ މީހުންގެ ޢަދަދު 625 އަށް އަރާފައިވާ ކަމަށާ ޒަޚަމްވި މީހުންގެ ޢަދަދު ދޮޅު ހާހަށް އަރާކަމަށް މިސްރުގެ ރަސްމީ ފަރާތްތަކުން ވެސް މިހާރުވަނީ ކަށަވަރުކޮށްދީފަ އެވެ. މަރާލާފައިވާ މީހުންގެ ތެރެއިން ބައެއްމީހުންގެ ހަށިތައް އަންދާލިކަމުގެ ތުހުމަތު މިސްރުގެ ސިފައިންގެ މައްޗަށްވަނީ ކުރެވިފަ އެވެ. ނަމަވެސް ސިފައިންގެ މުއައްސަސާއިން މިކަން ދޮގުކުރެ އެވެ. މަރާލާފައިވާ މީހުންގެ ތެރެއިން ބައެއްމީހުންގެ ހަށިތައް އަންދާލީ މިޖަރީމާ ސިއްރު ކުރުމުގެ ގޮތުންނާއި މަރާލާފައިވާ މީހުންގެ ހަށިތަކުގެ އަދަދު މަދުކުރުމުގެ ގޮތުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.