ފާހާނާ ސާފު ކުރަންބޭނުން ކުރާ ކެމިކަލްއެއް ކަމަށްވާ "ސާފު" ފުޅިއެއް ބުއި މީހަކު ހާލުދެރަވެގެން މާލެ ގެނސްފި އެވެ.

އެމްއެންޑީއެފުން ބުނީ ހާލުދެރަވެގެން ރޭ ފަތިހު 3:15 ހާއިރު މާލެ ގެނެސްފައި ވަނީ އއ. ބޮޑުފުޅަދޫ ފިނިގެންމާގޭ މުހައްމަދު ޝިފާޒް، 24، ކަމަށެވެ.

އަދި އޭނާ އަށް ފަރުވާދިނުމަށް ރޭވަނީ އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. ނަމަވެސް އޭނާގެ މިހާރުގެ ހާލަތާ ގުޅޭ ތަފްސީލެއް ވަނީ ލިބޭގޮތްނުވެފަ އެވެ.

ފުލުހުން ބުނީ އުމުރުން 24 އަހަރުގެ އެމީހާ ކެމިކަލް ބޮއެގެން ހާލުދެރަވެގެން އއ. ބޮޑުފުޅަދޫ ސިއްޚީމަރުކަޒުގައި އެޑްމިޓްކޮށްފައިވާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ރޭ 10:10 ހާއިރު ކަމަށެވެ. އަދި ފުލުހުން ގޮސް އިތުރު މަޢުލޫމާތު ސާފުކުރުމުން އެމީހާގެ ހާލު ސީރިއަސް ކަމަށާއި ވީހާވެސް އަވަހަށް މާލެގެންދިޔުމަށް ޑޮކްޓަރު އެންގުމުން އެމްއެންޑީއެފްގެ އެހީތެރި ކަމަށް އެދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.