ސައްހަ ލިޔެކިޔުންނެތި ހުޅުމާލޭގައި މަސައްކަތް ކުރަމުންދިތަ 141 ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.

ރާއްޖޭގައި މަސައްކަތްކުރާ ކަމުގެ ސައްހަ ލިޔެކިޔުން ނެތް ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އިއްޔެ ހެނދުނު 6:00 ން ފެށިގެން 9:00 އަށް ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަސައްކަތުގައި އެ މީހުން ހޯދާފައި ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބިދޭސީން ދިރިއުޅެމުން ގެންދާ ގެތަކުންނާއި ވިޔަފާރިތައް ކުރާ ތަންތަނުންނާއި އަދި ހުޅުމާލޭގައި ބިދޭސީން އަމިއްލަ ވިޔަފާރިތައް ހިންގަމުން ދަނިކޮށް އެތަންތަނަށް ފުލުހުން ގޮސް ކުރި މަސައްކަތުން، ރާއްޖޭގައި މަސައްކަތްކުރާ އިރު އޮންނަން ޖެހޭ ސައްހަ ލިޔެކިޔުން ނެތި މަސައްކަތްކުރަމުންދިއުމާ ގުޅިގެންނެވެ.

މީގެ ކުރިން ވެސް ފުލުހުން ވަނީ އެކި ފަހަރުމަތިން މާލެ އާއި އަތޮޅުތެރޭގެ އެކި ރަށްތަކުގައި ސައްހަ ލިޔުން ނެތި ދިރިއުޅެމުން ދިޔަ ބިދޭސީންތަކެއް ހޯދައި އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.

އެގޮތުން މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީންތަކެއް ވެސް ވަނީ މިއަހަރުގެ ކުރީކޮޅު އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.

ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ 141 ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކުރި އިރު، ދާދިފަހުން ހުޅުމާލޭގައި ބިދޭސީ ފިރިހެނަކު ވަނީ މަގުމަތިން ހިނގާފައި ދިޔަ އަންހެން ކުއްޖަކު ހިފަހައްޓައި ރޭޕްކޮށްލާފަ އެވެ.