16 Aug 2013, 01:19
އުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް މިހާރު ދެމުން އަންނަ 2300 ރުފިޔާގެ އިނާޔަތުގެ ބަދަލުގައި 3500 ރުފިޔާ ދޭނެ ކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބަށް ކުރިމަތިލައްވައިގެން ކެމްޕެއިން ކުރައްވަމުންގެންދަވާ ޑރ. ވަހީދުގެ ކޯލިޝަނުން މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި "ވައުދުގެ ޖަލްސާ" ގައި ރައީސް ވަހީދު ވިދާޅުވީ ދުވަސްވީ އަސާސީ ޕެންޝަނުގެ ގޮތުގައި ދުވަސްވީ މީހުނަށް މިހާރު ދެމުން އަންނަ ފާއިސާއިން އަގުތައް އުފުލިފައިވާ ބާޒާރުގައި ދެކޮޅު ނުޖެއްސޭ ކަމަށެވެ.
"އުމުރުދުވަހު އެކުގައި ގައުމަށް ހިދުމަތްކުރުމަށްފަހު މަސައްކަތް ދޫކޮށްލާ ދުވަސްވީ މީހުނަށް އަބްރުވެރިކަމާއި އެކު އުޅެވޭނެ ގޮތްތަކެއް ހަމަޖައްސަދޭން ޖެހޭނެ. ދަރިންގެ އަޅާލުމެއް ނުލިބުނަސް އުޅެވޭނެ ގޮތެއް ހަމަޖައްސަން ޖެހޭ. ދައުލަތުން ބަލަހައްޓާ ބަޔަކަށް ނުވެ، ނުވަތަ އަވައްޓެރިއަކުގެ ހެޔޮކަމުން އުޅޭ މީހަކަށްނުވެ އުޅުމަކީ ޝަރަފްވެރި ދިއުޅުމެއް އުޅެވުން. މިކަމަށްޓަކައި މިހާރު ދުވަސްވީ މީހުނަށް ދޭވޭ އިނާޔަތަކީ އުޅެވޭވަރުގެ އެއްޗަކަށް ހެދުމަށްޓަކައި ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ދުވަސްވީ މީހުނަށްދޭ އިނާޔަތް 3500 ރުފިޔާއަށް އަޅުގަނޑުމެން ބޮޑުކުރާނަން،"
ހަމަ އެހެންމެ ވަޒީފާގައި ގިނަ ދުވަހު އުޅުމުން ލިބޭ ޕެންޝަން ނިޒާމް އިތުރަށް ދިރާސާ ކުރުމަށްފަހު އެ ނިޒާމްވެސް ރަނގަޅު ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވަހީދު މިއަދު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި އެކި ކަންކަމަށް ބޭނުންކުރުމަށާއި ކޮންމެ އަހަރަކުވެސް އާމްދަނީ ލިބޭ އަމިއްލަ ހަރުމުދަލެއްގެ ގޮތުގައި ކޮންމެ ރައްޔިތަކަށް ދައުލަތުގެ ކުންފުނިތަކުން 5000 ރުފިޔާ ދޭނެ ކަމުގެ ވައުދުވެސް ވަނީ ވެވަޑައިގެންފަ އެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނަށް ސިއްހީ ފަރުވާދޭ ދެ ކަނޑުދުއްވާ މަނަވަރު [ފްލޯޓިންގް ހޮސްޕިޓަލް] ގެ ހިދުމަތް ދެ އަހަރުދުވަސް ތެރޭގައި ދޭނެ ކަމުގެ ވައުދުވެވަޑައިގެންނެވި އެވެ. ހަމަ އެހެންމެ ރާއްޖޭގެ ވަޒީފާގެ ބާޒާރު ދިވެހިންގެ އަތްމައްޗަށް ގެނައުމަށް ރާއްޖޭގެ ބިދޭސީންގެ އަދަދު މަދުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.
"އަޅުގަނޑުގެ ވައުދަކީ އަޅުގަނޑުމެންގެ ވަޒީފާގެ ބާޒާރު ދިވެހިންގެ މައްޗަށް ގެންނާނަން. ދިވެހިންގެ ކޮންމެ ޒުވާނަކީ އާމްދަނީ އޮތް މީހަކަށް އިރާދަކުރެއްވިއްޔާ ހަދާނަން،. ކާމިޔާބު ޒުވާނުން އަޅުގަނޑުމެން އުފައްދާނަން. ﷲ އިރާދަކުރެއްވިޔާ އަޅުގަނޑުމެނަށް މިކަން ވާނެ. އަޅުގަނޑުމެން މިކަން ކުރާނަން،" ރައީސް ވިދާޅުވި އެވެ.
ހަމަ އެހެންމެ ކޮންމެ ގެއަކުން މިހާރު ނަގަމުންދާ ކަރަންޓްގެ ހަރަދު 50 ޕަސަންޓަށް ކުޑަ ކުރައްވާނެ ކަމަށާއި މުޅި ގައުމުގައި ކަރަންޓު އުފެއްދުމަށް ކުރާ ހަރަދު ކުޑަކުރުމަށް އިއާދަކުރުވަނިވި ހަކަތައިން ކަރަންޓް އުފައްދާ މިންވަރު އިތުރުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެމޭރުމުން ވާހަކަ ދައްކަމުން އެމަނިކުފާނު ވިދާޅުވީ މިހާރު ބޭނުންކުރަމުންދާ ޓެކްސީ ތަކުގެ ބަދަލުގައި އޭނާޖީ އެފިޝަންޓް ހައިބްރިޑް ޓޭކްސީއެއް ދޭނެ ކަމަށެވެ. އޭގެ އިތުރުން ވެސް ކޮންމެ ދެމަފިރިކައަށް އަމިއްލަ ބޯހިޔާވަހިކަމެއް ފޯރުކޮށްދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަދި މުހައްމަދު ނަޝީދުގެ ނައިބެއްގެ ގޮތުގައި ހުންނެވުމަށްފަހު ރައީސުލް ޖުމްހޫރިއްޔާ ކަމާއި ހަވާލުވެވަޑައިގެންނެވި ރައީސް ޑރ. ވަހީދު ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ވެރިކަން ކުރެއްވި ތިން އަހަރަކީ ފަނާކުރުވަނިވި ތިން އަހަރު ކަމަށެވެ. އަދި އެ ތިން އަހަރު ވެފައިވަނީ އިސްލާމްދީނާއި ދުރު ވާހަކަތަކެއް ދައްކަމުންދިޔަ ތިން އަހަރުކަމަށެވެ. އަދި މި ގަމުގައި މިއަދު ވޯޓުލާން ޖެހޭނީ "ބޭބެމޮޅުވީމަ ކޮއްކޮ އަށް ވޯޓުލާ އުސޫލަކުން ނޫން" ކަމަށް ވިދާޅުވެ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިނަށް ނުސީދާ ގޮތުން ފާޑުވިދާޅުވި އިރު ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރައްވާ ގާސިމް އިބްރާހިމަށް ނިސްބަތްވެވަޑައިގަންނަވާ ގޮތަށް ވިދާޅުވީ ރާއްޖޭގެ އެންމެ މުއްސަނދި މީހުނަށް ވޯޓު ނުދޭން ޖެހޭ ބައިވަރު ސަބަބުންތައް އެބަހުރި ކަމަށެވެ.