15 Aug 2013, 23:49
ފުލުހުންގެ ތަހުގީގަށް ހާޒިރުކުރި މީހެއްގެ ލެޕްޓޮޕުގައި ހުރި ވީޑިއޯއަކުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ފެންނަ ކަމަށް ބުނެ އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް ހަށިގަނޑުގެ ބައެއް ތަންތަން ފޮޓޯ ނަގައިފި އެވެ.
މިރޭ 8:30 އެހައިކަންހާއިރު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލްހާން ވިދާޅުވީ ފުލުހުން މިރޭ އޭނާގެ ހަށިގަނޑުގެ ބައެއް ތަންތަން ފޮޓޯ ނަގާފައި ވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓުއަމުރެއްގެ ދަށުންކަމަށެވެ. އަލްހާން ވަނީ ސަންގެ ނޫސްވެރިންނަށް ކޯޓު އަމުރު ދައްކައިފަ އެވެ.
އަލްހާން ވިދާޅުވީ އޭނާގެ ދެއަތް ހިމެނޭގޮތަށް އުނަގަނޑުންމައްޗާއި ކަކުލާއި ކަނކުލުން ތިރީގައިވާ ހަށިގަނޑުގެ ގުނަވަންތައް އެކި ގޮތްގޮތަށް 100 ވަރަކަށް ފޮޓޯ ފުލުހުން މިރޭ ނަގާފައިވާ ކަމަށެވެ.
"މިރޭ 100 ވަރަކަށް ފޮޓޯ ނަގައިފި އެގޮތް މިގޮތަށް ބަހައްޓާފަ. އަމުރުގައި އޮތީ އުނަގަނޑުންމަތި ދެ އަތް ހިމެނޭގޮތަށް އަދި ކަކުލާއި ކަކުލުން ތިރީގައިވާ ހަށިގަނޑުގެ ގުނަވަންތައް ފޮޓޯ ނެގުމަށް،" އަލްހާން ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންނާ ސުވާލު ކުރުމުން މި ކަމަކީ ދޮގެއްކަން ވެސް ނުވަތަ ތެދެއްކަން ވެސް ޔަގީންކޮށެއް ނުދިނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އަށް އޭނާ ރިޝްވަތު ދިނުމަށް މަސައްކަތް ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެފައިވާކަމަށް ވެސް އަލްހާން ވިދާޅުވި އެވެ.
އޭގެއިތުރުން މީހެއްގެ މައްސަލަ ވަކިގޮތަކަށް ސުޕްރީމް ކޯޓުން ނިންމުމަށް ކަމަށް ބުނެ އޮރިޔާން ވީޑިއޯއެއް ބޭނުންކޮށްގެން އަލީ ހަމީދަށް އޭނާ ބިރުދެއްކި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ފުލުހުން ބުނިކަމަށާއި އެ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައިވާނެ ކަމަށް އަލްހާން ވިދާޅުވި އެވެ.
"އެ ތުހުމަތުތަކަށް އަޅުގަނޑު އިންކާރުކުރާވާހަކަ އޮންނާނެ ދަންނަވާފަ،" އަލްހާން ވިދާޅުވި އެވެ.
އަލްހާން ވިދާޅުވީ އޭނާގެ ފޯނުން ކޮށްފައިވާ އެސްއެމްއެސްތަކެއް ފެނިފައިވާ ކަމަށް ބުނެ ކޯޓުއަމުރެއްގެ ދަށުން އޭނާގެ މޯބައިލް ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ފުލުހުން އުޅުނު ކަމަށެވެ. ނަމަވެސް މިރޭ ފުލުސް އޮފީހަށް ހާޒިރުވި އިރު ފޯނު ގެންގޮސްފައި ނުވާތީ ފުލުހުންނަށް އޭނާގެ ފޯނު ނުނެގުނު ކަމަށް ވެސް އަލްހާން ވިދާޅުވި އެވެ.
އަލީ ހަމީދަށް އަލްހާން ބިރުދައްކާފައިވާ ކަމަށް ބުނެ އޭނާ ފުލުހުންގެ ތަހުގީގަށް ބަޔާން ދެއްވާފައިވާކަމަށް މިރޭ ފުލުހުން ބުނިކަމަށާއި ނަމަވެސް ބިރުދެއްކި ގޮތެއް އެނގެން ނެތްކަމަށް ވެސް އަލްހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލީ ހަމީދުގެ ބަރަހަނާ ވީޑިއޯ އަކީ ސައްޚަ އެއްޗެއް ކަމަށް ފޮރެންސިކް ތަހުލީލުތަކުން ދައްކާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.
ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އަލީ ހަމީދުއާ މެދު ފިޔަވަޅު ނާޅައިފިނަމަ މުޒާހަރާތަކަށް ނިކުންނާނެ ކަމަށާއި އެއީ ވަރަށް ނުރައްކާތެރި މައްސަލައެއް ކަމަށް ވެސް އަލްހާން ވިދާޅުވި އެވެ.
މިރޭ އަލްހާންގެ ކޮށްކޮ އަޒުބާން ފަހުމީވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވެއެވެ. ނަމަވެސް ފުލުހުންގެ އެއްވެސް ސުވާލަކަށް ޖަވާބު ނުދެއްވައި އޭނާ ވަނީ ހަނުހުރުމުގެ ހައްގުގެބޭނުންކޮށްފަ އެވެ.
ފުލުހުން މިރޭ ވަނީ ކޯޓު އަމުރެއްގެ ދަށުން އަޒުބާންގެ ފޯނު ތިން މަސް ދުވަސްވަންދެން ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފަ އެވެ.