14 Nov 2010, 11:41
ސްރީލަންކާގެ އަސްކަރީ އެކަޑަމީއަކުން ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު އެމްއެންޑީއެފުން ދިވެހި ޒުވާނުންނަށް ހުޅުވާލައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ލެފްޓިނެންޓް އަބްދުﷲ އަލީ މިއަދު ވިދާޅުވީ މި މަހުގެ 11 ވަނަ ދުވަހު ހުޅުވައިލައިފައިވާ އެ ފުރުސަތަކީ ސްރީލަންކާގެ އަސްކަރީ އެކަޑަމީއަކުން ސާ ޖޯން ކޮތަލާވާ ޑިފެންސް އެކަޑަމީން ދިވެހި ސިފައިންނަށް ލިބުނު ފުރުޞަތުތަކެއް ކަމަށެވެ.
އެ ފުރުސަތުގައި ލަންކާގެ ޑިފެންސް އެކަޑަމީގައި އޮފިސާ ކެޑޭޓް ފުރިހަމަކުރުމުގެ އިތުރުން ސިވިލް އިންޖިނިއަރިން އާއި މެރިން އިންޖިނިއަރިން އާއި އެއިރޯނޯޓިކަލް އިންޖިނިއަރިންގ އާއި މެކޭނިކަލް އިންޖިނިއަރިން އަދި އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކް އިންޖިނިއަރިންގެ ތެރެއިން ކޮންމެވެސް ރޮނގުން ބެޗެލާސް ޑިގްރީއެއް ހާސިލްކުރުމުގެ ފުރުސަތު ލިބިގެންދާނެ އަބްދުﷲ އަލީ ވިދާޅުވި އެވެ.
މީގެ އިތުރުން މެނޭޖްމަންޓް އެންޑް ޓެކްނިކަލް ސައިންސް، ލޯ، ލޮޖިސްޓިކްސް މެނޭޖަމަންޓް، ސޯޝިއަލް ސައިންސްގެ ދާއިރާއިން ކިޔެވުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖީސީއީ އޭ ލެވެލްގެ ތިން މާއްދާ އިން ފާސްވެފައިވާ ޒުވާނުންނަށް ކުރިމަތިލެވޭ އެކޯހަށް ކުރިމަތިލެވޭނީ އުމުރުން 22 އަހަރު ނުވާ ޒުވާނުންނަށް ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.
އޮފިސާ ކެޑޭޓްއާ އެކު ބެޗްލާސް ޑިގްރީ ފެންވަރަށް ކިޔަވައިދޭ މިކޯސްތައް ފުރިހަމަކުރާ ފަރާތްތައް އެމްއެންޑީއެފްގެ އޮފިސަރަކަށް ކޮމިޝަން ކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށްވެސް އަބްދުﷲ އަލީ ވިދާޅުވި އެވެ.
އެމްއެންޑީއެފުން ވަނީ މިމަހުގެ ކުރީކޮޅުވެސް އެމެރިކާގެ އަސްކަރީ ހަތަރު އެކަޑަމީއަކުން ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފަ އެވެ.