15 Aug 2013, 23:21
ރާއްޖޭގެ އުފެއްދުންތެރިންކަން ކުރިއެރުވުމަށް އިކޮނަމިކް މިނިސްޓްރީ އިން އިންތިޒާމްކޮށްގެން ބާއްވާ "ދިވެހިންގެ ފަންނު"ގެ ފުރަތަމަ މައުރަޒު ރައީސުލްޖުމޫހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހުޅުވައިދެއްވައިފި އެވެ.
ނޭޝަނަލް އާޓް ގެލެރީގައި މިއަދު އެ މައުރަޒު ހުޅުއްވައި ދެއްވަމަށް ފަހު ރައީސް ވަހީދު ވިދާޅުވީ ރާއްޖޭގައި އުފައްދާ ހުނަރުވެރި، މަސައްކަތްތެރި، ތަކެތި ގަންނަން ނުލިބޭ ކަމީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ.
"ރާއްޖެގައި ކުރެވޭ އެހާ ރީތި އެހާ މޮޅު މަސައްކަތްތައް މިއަދު އާންމުކޮށް ބޭނުން މީހަކަށް ގަންނަން ނުހުންނަ ކަމީ ހަމަ ހިތާމަ ކުރަންޖެހޭ ކަމެއް. އެތަކެތީގެ އަގުވެސް އަޅުގަނޑަށް ހަމަ ޔަގީން އަޅުގަނޑަށް ވަޒަން ކުރެވޭ ވަރަށް ރާއްޖެ ވަޑައިގަންނަވާ އެކި އެކި ފަތުރުވެރިންނަށް ވެސް ވަޒަން ކުރެވޭނެ،" ރައީސް ވަޙީދު ވިދާޅުވި އެވެ.
މިއަދުން ފެށިގެން ދެ ދުވަހަށް ނޭޝަނަލް އާޓް ގެލެރީގައި ބާއްވާ އެ މައުރަޒުގައި 20 މަސައްކަތްތެރިއެއްގެ ހުނަރުވެރި މަސައްކަތްތައް ދައްކާލަން ބަހައްޓަފައި ހުއްޓެވެ. އަދި އާންމުންނަށް ހުޅުވާލައިގެން ބާއްވާ އެ މައުރަޒުގައި ބަހައްޓާފައި ހުރި އެއްޗިއްސަކީ ވިއްކާ ގޮތަށް ބަހައްޓާފައި ހުރި އެއްޗިއްސެވެ.
އެ ހަފްލާގައި ވާހަކަ ދައްކަވަމުން އިކޮނަމިކް މިނިސްޓަރު އަހުމަދު މުހައްމަދު ވިދާޅުވީ އެ މައުރަޒަކީ އަމިއްލަ ކުދި ވިޔާފާރިވެރިންނަށް އަމާޒުކޮށްގެން ދިވެހި ވިޔަފާރިތައް ކުރިއަށް ނެރެ، ތަރައްގީކޮށް ހާއްސަ ޕްލެޓްފޯމެއް ގާއިމްކުރުމަށް ބާއްވާ މައުރަޒެއް ކަމަށެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެ މައުރަޒުގެ ތެރެއިން ދިވެހި އުފެދުންތަކަށާއި ހިދުމަތްތަކަށް ގައުމީ ފެންވަރުގައި ބަލައިގަނެވޭ ވަރުގެ އެވޯޑެއް ދިނުމަށް ގަސްތުކުރައްވާ ކަމަށެވެ. އޭގެ އިތުރުން ކުރިއަށް އޮތްތަނުގައި ސަރުކާރުގެ ފަރާތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މިއަންނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓްގައި 50 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ކަނޑައަޅާނެ ކަމަށެވެ. އަަދި އެ ވިޔަފާރިތަކަށް އޭޑީބީ އާއި އައިޑީބީ އިން މި އަހަރުގެ ތެރޭގައި 115 މިލިއަން ރުފިޔާ ހޭދަކުރެއްވުމަށް ނިންމާފައިވާ ކަމަށެވެ.